ޤައުމަށްޓަކައި ހެޔޮއެދޭ ކަމަށްބުނެ ރަނގަޅުކަންތައް ކުރާ މީހުނަށް ތަޢުރީފު ޙައްޤުވާކަމަށާއި އެ ޙައްޤު ތަޢުރީފު ދިންކަމަށް ބުނާ ބަޔަކު، ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮހަމެއް ނުދޭނެތާއެވެ. ނަމަވެސް ކަންހިނގައި ދިޔައީ އޭގެ އިދިކޮޅަށެވެ. އެކަމުގެ ހެކި އެކި ދިމަދިމާއިން ދަނީ ފެންނަމުންނެވެ.

ރައްޔިތުންގެ ވިންދާއި ގުޅެނީ އެރައްޔިތުންނަށް ފާގަތިކަން، ދިރިއުޅުމަށް ފަސޭހަކަން ގެނެސްދޭނެ ކަމަށް ދައްކާ ވާހަކަތަކެވެ. ނަމަވެސް ހިތާމައަކީ އެ ވާހަކަތަކަށް ބާރުދިނުމަށް ދެއްކޭ ވާހަކަތަކުގައި އެ ފާގަތިކަން ހޯދައްދަވައިދެއްވަން މަސައްކަތްކުރައްވާ ޝަޚުޞިއްޔަތުތަކާއި މެދު ރައްޔިތުންނަށް އޮޅުންނާރާ ގޮތްގޮތަށް ކަންހިނގާ މަގު ސާފުކޮށް ނުދެވުމެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުތަކުގައި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ކަންކަން ކޮށްދެވިފައިނުވާ ވާހަކަ އަންނަނީ އަލިގަދަކޮށް ފާހަގަ ވަމުންނެވެ. ފެއްޓެނީ ގިނަ ބަޔަކު ޤައުމިއްޔަތާއި ދީނާއި އިސްތިޤުލާލު ދަމަހައްޓަން މަސައްކަތްކުރި ކަމަށް ބުނަމުންނެވެ. ކުރަމުން އަންނަ ކަންކަމުގެ ވާހަކަތަށް އިޝާރާތް ނުކުރެވި ޙައްލު ހޯއްދަވައިދެއްވާނެ ވާހަކަތަކެވެ. އެހެންވީމާ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސިޔާސީ މައިދާނުގައި އަނެއްކާވެސް އާ އޮއިވަރެއް އުފެދިގެން އަންނަކަމުގެ ސިގުނަލުތައް ދަނީ ލިބެމުންނެވެ.

ކާޅަށްވެސް ކާޅުގެ ދަރި ދޮންފުތުވާނެއޭ ބުނާ މުޙާވިރާއަކީ ވިސްނުންތެރި ޙިލްމުވެރީން ވިދާޅުވެފައިވާ ހަރުބަހެކެވެ. އެފަދަ ބަސްތައް ދޮގެއް ނުވާނެކަމަށް ދެކެމުން އައި ޒަމާން މާޒީވެދާން އުޅޭކަހަލަ މަންޒަރުތައް މިދަނީ ފެންނަމުންނެވެ. ސިޔާސީ ޕާޓީއަކުން ސިޔާސީ ޕާޓީތައް ގޯސްކުރަނީއެވެ. އެހެނީ ޕާޓީތަކުގައި ސިޔާސަތު ނެގެހެއްޓުމުގެ އެއްވެސް ސިފައެއް ނެތްކަމަށް ބުނަމުންދާނީ ސިޔާސީ މުދައްބިރުންކަމަށް ވެދާނެތޯއެވެ؟ ނުވަތަ ރިޔާސީ ރޭހަކަށް ނިކުތުމުގެ މަޤުޞަދުގައި ރައްޔިތުންގެ ވިންދާއި ކުޅެލެވިދާނެ ބަހަކަށް ވެގެން ބާވައޭ ހީވެއެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ޤުދުރަތީ ކާރިސާގެ ވާހަކަ ބަޔަކުމީހުން އަޑަށް ބާރުލާފައި ދެއްކިއިރު އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅަކާއިމެދު އެއިރު އިންތިޒާމުތައް ރާއްވަވަން ތިއްބެވި ބޭފުޅުން ކަންކުރެއްވި ގޮތުގެ ވާހަކައެއް ނުދެއްކުނެވެ. ނަމަވެސް އަމިއްލަ އެދުމަށްވުރެ ޤައުމުގެ ކަންކަން އިސްކުރާ ބަޔަކު ނެތްކަމަށް އިޝާރާތްތައް ކުރެވި އަމިއްލައަށް ގުދޯގުދޯ ގޮވޭގޮތްވެސް ވަނީއެވެ. ތިމާމެންގެ ފަސްބައިގާހުރި މިލަ ނުފިލުވައި އަތުކުރި ސާފުކުރަން އުޅޭހެން ހީވާތީ މިކަހަލަ ވާހަކަވެސް ނުދެއްކި ނުދާނެއެވެ.

ހަތްގުދު އޮތްމީހާ އެއްގުދުލީ މީހާއަށް ގުދޯގުދޯ ގޮވަންޏާ ރައްޔިތުންވެސް އެކަމަށް ލަޢުނަތް ދޭނެތެވެ. އެއީ ރައްޔިތުންނަށް އެނގިހުރި ޙަޤީޤަތް އޮޅޭގޮތަށް ވާހަކަ ދެކެވޭތީއެވެ. ރައްޔިތުންގެ ބޭނުންތަކުގެ ޟަރޫރަތްތަކަށް ވަކާލާތު ނުކުރެވި ތިމާމެންގެ އަތުގައި ހިފައިގެން މަގުދެއްކި މީހުން ބޮލާލައި ޖަހައިފައިވަނީ މިހާރު އާދެވިފައިތިބި ހިސާބުން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެހިސާބަށް ގެނެސްދިނީ ކާކުތޯއާއި އެކަމަށް މަގުދައްކައި ޝަޚުޞިއްޔަތެއް ބިނާކޮށްދިނީ ކާކުތޯއާއި ކޮށްދިން މަސައްކަތެއްވެސް އޮތްކަމަކަށް ނުވިއެވެ.

ދާދިފަހުން އަނެއްކާވެސް އާ ސިޔާސީ ޕާޓީއެއް މިވަނީ އުފެދިފައެވެ. މިއީ މިހާރު އަމަލުކުރަމުންދާ އާ ޤާނޫނުއަސާސީ އެކުލަވައިލުމުގެ ކުރީން ރާއްޖޭގައި އުފެދުނު ސިޔާސީ އޮއިވަރާއި ގުޅިގެން ގެންނަންފެށި އިޞްލާޙީ ބަދަލުތަކުގެ ތެރެއިން ހުއްދަ ކުރެވުނު ނިޒާމެކެވެ. ނަމަވެސް މިނިޒާމު ގެނެވުނީ އެދުވަސްވަރު ތިންބާރު އެއްކޮށްގެން ކުރަމުން އައިވެރިކަން ދެމެހެއްޓުމުގެ ސިޔާސަތު ވަރުގަދަ ކުރުމަށެވެ. އުފެދުނު ޑިމޮކްރެޓިކް ޚިޔާލުތަކެއްގެ ސަބަބުންނެވެ. ވާދަވެރިކަމާއިއެކު މިނިވަން އިންތިޚާބަކަށް ރައްޔިތުންގެ ވިސްނުން އެނބުރެން ފެށުމުންނެވެ. ރައްޔިތުން އެދުވަސްވަރު، ބަދަލުތަކަކަށް ބޭނުންވެފައި އޮތުމެވެ. ސަރުކާރަށް ފާޑުކިޔުންތައް ގިނަވެ ވެރިކަމުގެ ބާރުތައް ބީވެގެން ހިނގައިދާނެކަން ޔަޤީންވުމުން ބޭނުން ކުރެވުނު އުކުޅަކަށް މިކަންވީ ނަމަވެސް މަޑުމަޑުން ބާރުތައް ދޫވެ ރިޔާސީ ނިޒާމުގެ ޙަޤީޤީ މަންޒަރު ފެންނަން ފެށުމެވެ. ރައްޔިތުންނަކީ ފުރަތަމަ ބާރުކަން އެނގެން ފެށުމެވެ. އެހެންވީމާ އާ ޤާނޫނު އަސާސީއެއް އެކުލަވައިލުމަށް މަޖުބޫރުވެ ފުރިހަމަ ޑިމޮކްރަސީގެ ސިފަތަކަށް ތަބަޢަވާން ޖެހުނީއެވެ. 2008 ވަނަ އަހަރުގެ އޯގަސްޓުމަހު އެ ޤަނޫނު އަސާސީ ތަޞްދީގު ކުރެވިގެން ދިޔައެވެ.

ނަމަވެސް އެ ޤާނޫނު އަސާސީ އެކުލަވައިލުމަށް ކުރިމަތިވެގެން އައި ގޮންޖެހުންތަކާއި އެކަން ވިޔަނުދިނުމަށް ނަގަމުންދިޔަ ބިޔަ ރާޅުތައް މަޑުމައިތިރި ކަމާއިއެކު ބީއްސައިލަން ޖެހުނީ ހަނުހިމޭން ކަމާއިއެކު އިންތިޒާރީގައި އޮތް އައްސޭރީގެ ގޮނޑުދޮށަށެވެ. ފަސްގަނޑުގައި ބޮސްދެމުން އަމާންކަމަށް އެދެމުންނެވެ. ރާއްޖެދުށް، މަދު ސިޔާސީ މުދައްބިރުންކުރެ ޙިލްމުވެރި ބޭފުޅެއްގެ ރިޔާސަތުގައި އެންމެފަހުން އެ ޤާނޫނު އަސާސީ ފުރިހަމަ ކުރެވިގެން ދިޔައެވެ. ތިންއަހަރު ދުވަސްވަންދެން ކުރެވުނު މަސައްކަތުގައިވެސް ކޮޅެއްގައި ނުޖެހި ދިއުމުން މާމިނގިލީ ދާއިރާގެ މެމްބަރު އޮނަރަބްލް ޤާސިމް އިބްރާހީމް، ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއަކަށްވީ މި ޤާނޫނު އަސާސީ ވުޖޫދުވުމަށް މަގުފަހިވުމެވެ. އަދި ޑިމޮކްރަސީގެ ހުރިހައި ސިފަތަކަކާއި އެކު އެޤާނޫނު އަސާސީ ތަޞްދީޤުވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައި އެތައް ކަމެއް ފާހަގަވެގެންނެވެ. ބާރުގަދަވެރީންގެ ޚުދުމުޚުތާރުކަން ނެތި ދިއުމުގެ އުއްމީދުތަކާއި އެކުގައެވެ.

ނަމަވެސް، ކަންދިމާވީ ޚުދުމުޚުތާރުކަން، އެންމެ އިސް ސިޔާސީ ރައްޔިތުމީހާގެ ކިބައިން ނުފެންނަ ގޮތަކަށްނޫނެވެ. ތިންބާރު ވަކިވެފައި އޮތުމާއިއެކު ވެރިކަންކުރައްވަން ހުންނެވި ބޭފުޅަކަށް ބޭނުންފުޅުހައި ގޮތަކަށް ކަންކަން ނުކުރެވުމުގެ ނަތީޖާއަކަށްވީ ސިޔާސީ މައިދާން ހަލަބޮލިކުރަން ފެށުމެވެ. އަދި މަޖިލީހުގެ އަތްމައްޗަށް ވެރިކަން ބަދަލުކުރެވިދާނެކަމަށް ހީކުރެވި މުޅި ކެބިނެޓުވެސް އިސްތިއުފާދިންތަން ފެނުނެވެ. މިހުރިހާ ސަކަރާތްތަކަށްފަހު ވެރިކަމުގެ ބާރުގެ ތެރެއިން ހިނގައިދިޔަ އެތައް ކަމަކާއިގުޅިގެން ފެނިގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދެއްވިތަނެވެ. ނަމަވެސް ވެރިކަން ކުރާނެ ޖާގައެއް މަޖިލީހަކަށް ނުލިބުނެވެ. އެހެންވީމާ މަޖިލީހަށް ލިބިފައިވާ އިމްތިޔާޒުތަކަކީ ވެރިކަމުގެ ބާރުތަކަށް އުނދަގޫކުރެވޭނެ ގޮތްތައް ހޯދުމެވެ. ނަމަވެސް ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެސް ބޭނުންހައިކަމެއް މަޖިލީހަކަށް ނުކުރެވުނެވެ.

ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ ރައްޔިތުންގެ މަޖިލީހެއް ނެތެވެ. އޮތީ ޕާޓީތަކުގެ މަޖިލީހެވެ. އެހެންވީމާ ސިޔާސީ ފިކުރުތައްހުރީ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތު އޮތް ޕާޓީއެއްގެ މުށުތެރެއަށް ލެވިފައެވެ. އަދި މިނިވަން މެމްބަރެއްގެ ނަމުގައި ކެމްޕޭން ކުރެވިގެން ރައްޔިތުންނަށް ދަޅަދައްކަވައިގެން ގޮނޑި ހޯއްދެވި މެމްބަރުންވެސް ފެނުނީ ޕާޓީއެއް ތަމްސީލު ކުރައްވަމުން ގެންދަވާތަނެވެ.

މިހާރު އަނެއްކާވެސް ފެންނަނީ އާ ސިޔާސީ ޕާޓީއެއް ރެޖިސްޓްރީވާންދާ ތަނެވެ. މި ޕާޓީއެއް ނިކުންނަނީ އެހެން ޕާޓީއެއްގެ ތެރެއިން މުސްތަޤުބަލެއް ނުފެނިގެން ކަމަށް ބުނެގެންނެވެ. ނަމަވެސް އެ މުސްތަޤުބަލު ނުލިބުނު ކަމަށް ވިދާޅުވި ބޭފުޅަކީ އަނެއް ޕާޓީން މުސްތަޤުބަލެއް ދެއްކެވުނު ބޭފުޅެކެވެ. އެބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޚާއްޞަ މުސްތަޝާރުކަމުގައި ހުންނެވި ބޭފުޅެކެވެ. ދެން ހުންނެވީ ޖުމްހޫރީ ޕާޓީގެ ނައިބެކެވެ. އަދި ނައިބު ޕީޖީއެވެ. އެހެންވީމާ މުސްތަޤުބަލޭ މި ވިދާޅުވަނީ ކޮން މާނައެއްގައިކަން އެނގޭ ގޮތެއް ނުވިއެވެ. އަދި މިނިވަން ބައެއް މެމްބަރުންނާއި ކޮންމެވެސް އެހެން ޕާޓީއަކުންވެސް މެމްބަރުން ގުޅިގެން 5 މެމްބަރުން ހަމަކޮށްލައްވައިގެންނެވެ. ސިޔާސީ އުދޮއި، ވަވޮޔަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިޝާރާތްތައް ދައްކަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އަޑުހަރުކޮށް ނަންކިޔޭ ބައެއް ޕާޓީތަކަކީވެސް ހަމަ އެ މުސްތަޤުބަލު މާނަކުރަމުން އަންނަ ޕާޓީތަކެވެ. ނަމަވެސް ދިވެހި މުޖުތަމަޢު ބައިބައިކޮށްގެން ކުރެވިދާނެ އެއްވެސް ކަމެއް ފެނިގެނެއް ނުދިޔައެވެ. ކޮންމެ ބަޔަކުވެސް އަނބޮއްމަނޭ ދަނބޮއްމަނޭއޭ ގޮވައި ތޮފަޅަވި ގަހުގެ ގޮފިގަނޑު ކަނޑަން ފޫގަޅައިފައި ދުވާ ފަދައިން ގޮސް ޖެހެނީ ހަމަ ޖުމްހޫރީ ޕާޓީއާއި ހިސާބުގައެވެ. ޙައްލާއި މުސްތަޤުބަލު އޮތީ ކޮންތާކުކަމެއް ނޭނގުނެވެ.