ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން، އިނގިރޭސި ސަރުކާރުން އޭޝިއާ ޕެސިފިކް ސަރަޙައްދާއި ދެކުނު އޭޝިއާ ސަރަހައްދުގެ ކޮޕް26 ގެ ސަރަހައްދީ އެމްބަސެޑަރަކަށް ކަނޑައާފައި ހުންނަވާ ކެން އޯ ފްލަހަޓީއާ ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ސަބްރާގެ އިތުރުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާއާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ކެރޮން ރޮސްލަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިއްޔެ ހެނދުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައެވެ.

އެބައްދަލުކުރެއްވުމުގައި ސަބްރާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ.

އަދި، އެކަމަށް ޓެކްނޯލޮޖީގެ ގޮތުންނާއި މާލީގޮތުން އެހީތެރިކަން ލިބުމަކީ ރާއްޖެފަދަ ގައުމުތަކަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ސަބްރާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 2030 ވަނަ އަހަރު ދިވެހިރާއްޖެ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް އަމާޒު ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދިއުން ކޮންޓްރޯލުކުރުމުގައި، ހަމައެކަނި ރާއްޖެއިން ކުރާ މަސައްކަތުން އެކަނި ނުފުދޭނެކަން މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގެ ބައިވެރިން ވަނީ، ކުރިޔަށްއޮތް ނޮވެންބަރު މަހު، އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް26ގެ ބައްދަލުވުމަށް ކަންކަން މަގުފަހިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ.

އަދި، އެންމެފަހުން އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދަ އެދެވޭ ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޢަމަލީގޮތުން މަސައްކަތް ފެށުމުގެ މުހިންމުކަން އެ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ބައިވެރިންވަނީ ކޮޕް26ގެ ބަދަލުވުމުގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވޭނެކަމުގެ އުންމީދު އައު ކުރައްވާފައެވެ.