އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދޭ ގޮތުން ބެންގަލޫރު ޓީމު ރާއްޖޭގައި ކޭމްޕްކުރާނީ ހުޅުލޭ އައިލެންޑް ހޮޓެލުގައެވެ.
މިއަދު ހަވީރު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވާއިރު ޕްލޭ އޮފް މެޗުގައި އީގަލްސް އާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހު މާލޭގައެވެ. އަދި މުބާރާތުގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕުގެ ގްރޫޕް ސްޓޭޖު މެޗުތައް ހޯސްޓު ކުރުމުގެ ފުރުސަތުވެސް ލިބިފައިވަނީ ރާއްޖެއަށެވެ.
މިމެޗު ކުޅުމަށް މީގެކުރިން މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މެޗަށް ރާއްޖެ އައިސް، ރާއްޖޭގެ އިދާރާތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި ބެންގަލޫރު އެފްސީގެ ކުޅުންތެރިން ހިލާފުވުމުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ މިމެޗު ރާއްޖޭގައި ނުކުޅެވޭނެ ކަމަށާއި އެކުލަބު ރާއްޖެއިން ފުރުމަށް އަންގާފައެވެ.
ބެންގަލޫރު ޓީމުން ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ހިލާފުވެސް އެކުލަބުން މެޗަށްޓަކައި ކޭމްޕުކުރަމުން ދިޔަ ހޮޓެލް ދޫކޮށް މާލޭގެ މަގުތައް މަތީގައި އުޅެފައެވެ.
މިއާއެކު އޭއެފްސީން ވަނީ މެޗުތައް ފަސްކޮށްފައިވާއިރު އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ރާއްޖޭގެ މައްސަލައެއް ބަލަން ފަށާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެއިދާރާއިން ރާއްޖެއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މެއި މަހު މެޗުތައް ނުކުޅެވުމުން އޭއެފްސީން ދެން މަސައްކަތްކުރީ ޖޫންމަހުގެ ފަހުކޮޅާއި ޖުލައި ކުރީކޮޅުގައި މި ގުރޫޕުގެ މެޗުތައް ކުޅޭށެެވެ. އެހެންނަމަވެސް އަލުން އޭއެފްސީން އޮގަސްޓު މަހަށް މެޗުތައް ފަސްކޮށް، މެޗުތައް ހޯސްޓު ކުރުމަށް ބިޑަށް ހުޅުވާލީ ކުރިން ބިޑަށް ހުޅުވާލި މުއްދަތުގައި މެޗުތައް ހޯސްޓްކުރާނެ ބަޔަކު ނުވުމުންނެވެ.
ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލިއިރު ޖުލައި މަހުގެ ފަސްވަނަ ދުވަހު، ބިޑު ކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން މެޗުތައް ހޯސްޓު ކުރުމަށް ބިޑުގައި ބައިވެރިވީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. އޭއެފްސީން ރާއްޖެ އަށް އަނެއްކާވެސް މެޗުތައް ހޯސްޓު ކުރުމުގެ ފުރުސަތު ދިނީ ދެ ގައުމުގެ ބިޑް ދިރާސާ ކުރުމަށް ފަހުއެވެ.
ޕްލޭ އޮފް މެޗަށް ތައްޔާރުވުމުގެ ގޮތުން އީގަލްސް އިން އެޓީމުން ވަނީ އެޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފުޓުބޯޯޅައިގެ ވަރުގަދަ ހަތް ކުޅުންތެރިއެއްގެ ސޮއި އެކުލަބުން ވަނީ ހޯދާފައެވެ. މިގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ.
މީގެކުރިން ރާއްޖެއިން މުބާރާތުގެ މެޗުތައް ހޯސްޓު ކުރުމަށް ބިޑު ނުކުރާނެކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވި ނަމަވެސް ފަހުން ބިޑުގައި ބައިވެރިވީ ދިވެހި ފުޓުބޯޅައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ކަމަށެވެ.
އެގޮތުން ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ކެންސަލްވެއްޖެނަމަ އެއީ ހަމައެކަނި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އަށް ލިބޭ ގެއްލުމެއް ނޫން ކަމަށާއި އެކަމުން ދިވެހި ފުޓުބޯޅަ އަށްވެސް ގެއްލުމެއް ވެދާނެކަމަށެވެ. އަދި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް އަލުން ހޯސްޓު ކުރުމަށް ބިޑު ކުރަން ނިންމީ ދިވެހި ފުޓުބޯޅަ އަށް ގެއްލުމެއް ވާން ނޭދޭތީ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ޕްލޭ އޮފް މެޗު ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުން ޖާގަ ލިބޭއިރު ގްރޫޕް ސްޓޭޖުގެ ފުރުސަތު ކަށަވަރުކޮށްފައި ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.
ގޮންޖެހުން ތަކަކާއި އެކުވެސް މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް އޭއެފްސީން އަމާޒު ހިފާފައިވާއިރު މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ކުޅޭނީ ތިން މެޗް ޑޭ އަކަށް ބަހާލައިގެން އޮގަސްޓު މަހުގެ 16، 21، 24، މި ތިން ދުވަހުއެވެ. އަދި މި މެޗުތައް ނިމޭއިރު ގްރޫޕުގެ އެއްވަނައިގައި އޮންނަ ޓީމެއް މުބާރާތުގެ ސިންގަލް ލެގް އިންޓަރ ޒޯން ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.