މިއަހަރުގެ އޯ ލެވްލް އިމްތިހާނާއި އެސް،އެސް.ސީ އިމްތިހާނުގެ ނަތީޖާތައް، އިމްތިހާނު މަރުކަޒުތަކުން ދޫކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، އޯ ލެވެލް އިމްތިހާނުގައި ނަތީޖާ މިއަދު ހެނދުނު މަރުކަޒުތަކަށް ލިބިފައިވާ ކަމަށާއި، އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާ މިއަދު 13:00 ގައި ލިބޭނެ ކަމަށެވެ.

މަރުކަޒުތަކަށް އިމްތިހާނުގެ ނަތީޖާ ލިބުމާއެކު، އެ މަރުކަޒުތަކުން އިންތިޒާމްކުރާ ގޮތެއްގެމަތީން ނަތީޖާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ އޯލެވެލެ އިމްތިހާނުގައި 234 މަރުކަޒަކުން ޖުމްލަ 5،955 ދަރިވަރަކު ބައިވެރިވިއެވެ.

އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި އަހަރުގެ އޯލެވެލް އިމްތިހާން ވަނީ ފަސްކޮށްފައެވެ.

އަދި، އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ކަރަންޓީންގައި ތިބި ދަރިވަރުންނަށާއި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ގޮތަށް ކަން ފާހަގަ ކޮށްލެވެއެވެ.