ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސްކަމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެކޯޓުން ހުކުމް ކޮށްފިއެވެ.

ޑރ. ޖަމީލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އަމަލުކުރީ ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ވިދާޅުވެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، އެމައްސަލަ އަކީ ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށާއި، އެމައްސަލަ ޑރ. ޖަމީލް ސިވިލް ކޯޓަށް ހުށަހަޅުއްވައިފިނަމަ އެ ކޯޓަށް ބެލިދާނެ ކަމަށެވެ.

ޑރ. ޖަމީލް ހުށަހެޅުއްވި އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާފަދަ މައްސަލައެއް ނޫން ކަމަށް ބުނެ އެންމެ ފުރަތަމަ ރައުޔު ނެރުއްވީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. އޭނާގެ ރައުޔަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ.

ނަމަވެސް، ޑރ. ޖަމީލްގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް ބަލައި، ސިވިލް ކޯޓުން އެ މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައެޅިދާނެކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.

އެމައްސަލާގައި ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ތިން ނުކުތާގައި ވަނީ، ނާގާބިލްކަމަށް ބުނެ މަގާމުން ވަކި ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، ދިފާއުވުމަށް ދީފައިވާ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގު ނިގުޅައިގެންފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެކި މަޤާމުތަކަށް އައްޔަން ކުރެވިފައިވާ ފަރާތްތައް މަޤާމުން ވަކިކުރުމަށް ޤާނޫނުއަސާސީއިން ބާރު ދެވިފައި އޮތުމުގެ މަޤުޞަދަކީ މަޖިލީހުން ފާރަވެރިވާ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ފުރުޞަތު ދިނުން ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

ހަމައެހެންމެ، އެއީ ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމަށް ރައީސްގެ ބަހެއްގެ އިތުރުން، ނުވަތަ މަޖިލީހުން ނާގާބިލު ކަމަށް ކަނޑައެޅުން ފަދަ ކަންކަމުގައި ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑރ. ޖަމީލްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އެމަނިކުފާނު މަގާމުން ދުރުކޮށްފައިވަނީ މަޖިލީހުގެ 78 މެމްބަރުންގެ އިއްތިފާގުންނެވެ. އޭރުގެ ސަރުކާރުން ވަނީ ޑރ. ޖަމީލް މަގާމުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރައްވާކަމަށާއި، އޭރުގެ އިދިކޮޅު އެމްޑީޕީއާއެކު ގާތް ގުޅުންތަކެއް ބާއްވާކަމަށް ތުހުމަތު ކޮށްފައެވެ.