އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސައުދީ އަރަބިއްޔާގައި ކުރަމުންދާ ކޭމްޕުުގެ ތެރެއިން އެގައުމުގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޖިއްދާ އެފްސީއާ އެއްވަރުކޮށްފިއެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާއިން ޖެހި ދެލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

މިއީ މި ޓްރެއިނިންގ ކޭމްޕުގެ ތެރެއިން މާޒިޔާ ކުޅުނު ތިންވަނަ މެޗެވެ. އަދި މިއީ މި ކޭމްޕުގައި އެޓީމުން ކުޅޭނެ އެކުވެރިކަމުގެ ފަހުމެޗުވެސް މެއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ހޯދައިދިން މިފުރުސަތުގައި މާޒިޔާ އިން ސައުދީގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އެގައުމުގެ އަލް-އިއްތިހާދުގެ ޒުވާން ޓީމު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ވަނީ އަލް ވަހްދާ އެފްސީއާ ދެކޮޅަށް ކުޅެ، 0-0 އިން އެއްވަރުކޮށްފައެވެ.

އޭއެފްސީ ކަޕުގެ މެޗުތަކަށް ވަގުތު ކުޑަތަން ވަމުންދާއިރު މި ތަމްރީނު ކޭމްޕަށްފަހު މާޒިޔާ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

މާޒިޔާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ތައްޔާރުވަމުން އަންނައިރު ރާއްޖެއިން ވަނީ މި ގުރޫޕުގެ މެޗުތައް ހޯސްޓު ކުރުމަށް ބިޑު ކާމިޔާބު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި 21 ވަނަ ދުވަހު މޯހަން ބަގާން އާއި ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮގަސްޓު 24 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ޕްލޭ އޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް ނުކުންނާނީ މިމަހުގެ 15 ވަނަ ދުވަހު ބެންގަލޫރު އެފްސީ އާއި ދެކޮޅަށެވެ. ޕްލޭ އޮފް މެޗަށް އީގަލްސް އިން ފަރިތަކުރުންތައް ފަށާފައިވާއިރު އެކުލަބުން ވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކޮށްފައެވެ.

އެގޮތުން އީގަލްސްއިން ވަނީ ތަޖުރިބާކާރު ހަތް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ.

އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުޅުންތެރިން އީގަލްސް އާއިއެކު ރަސްމީ އެއްބަސްވުމެއް ނަހަދާނެއެވެ. އަދި އޭއެފްސީ ކަޕަށްފަހު މި ކުޅުންތެރިން ދާއިމީ އެއްބަސްވުމުގެ ދަށުން އެހެން ކުލަބުތަކަށް ބަދަލުވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.