ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ނުކުރާ ސަރުކާރު މުވައްޒަފުން ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮމީހަށް އާދެވޭނީ ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓް ހަދައިގެންކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމުކުރި ސާކިއުލަރގައި ވާގޮތުން، ސަރުކާރު މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުންނަން ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުމެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް އަންގާފައިވާ ކަމަށެވެ.

ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުން އެގޮތަށް އަމަލު ކުރުމަށާއި، އެގޮތަށް އަމަލުކުރޭތޯ ސިވިލް ސަރވިސްގެ އިދާރާތަކުން ކަށަވަރު ކުރުމަށް އެކޮމިޝަނުން ނެރުނު ސާކިއުލަރގައި އަންގާފައިވެއެވެ.

މިގޮތަށް އަމަލު ކުރުމަށް ކަނޑައަޅާފައިވަނީ އޮފީސް މާޙައުލުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ސިވިލް ސަރވިސް މުވައްޒަފުނެގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.