ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ލެޓިން އެމެރިކާ (ލަޓާމް) ވާޗުއަލް 2021 ގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މި މަހު 10 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ފެއާ ގައި ބައިވެރިވުމުގެ މަގުސަދަކީ ލެޓިން އެމެރިކާ މާކެޓްގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި ދިވެހިރާއްޖެއަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުންކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

މި ފެއާގައި ވިޒިޓް މޯލްޑިވްސްގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ޓްރޭޑް ޕާޓްނަރުންވެސް ބައިވެރިވިއެވެ.

ޑަބްލިއުޓީއެމް ލަޓާމްއަކީ ލެޓިން އެމެރިކާގައި ކުރިއަށްދާ އެންމެ މަގުބޫލް ޓްރެވެލް އެންޑް ޓޫރިޒަމް ފެއާއެވެ. މި ފެއާގައި 50 ގައުމަށް ނިސްބަތްވާ 600 އަށް ވުރެ ގިނަ އެގްޒިބިޓާސް ބައިވެރިވެފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަގުބޫލް ބޭފުޅުންނާއި އިންޑަސްޓްރީ އެކްސްޕާޓުން މި ފެއާ ގައި ބައިވެރިވެފައިވެއެވެ.

މި ފެއާ ގައި ބައިވެރުމުން ވިޒިޓް މޯލްޑިވްސް އަދި އިންޑަސްޓްރީ ޕާޓްނަރުންނަށް ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީފަންތީގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބުނުކަަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ފެއާގައި ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ދިވެހިރާއްޖޭގެ ރަށްތަކަކީ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަމަށް މިފެއާ ގައި އަލިއަޅުވާލާފައިވެއެވެ.

ވިޒިޓް މޯލްޑިވްސް އިން މި ފެއާ ގައި ބައިވެރިވީ ލެޓިން އެމެރިކަން މާކެޓަށް ކަނޑައެޅިފައިވާ މާކެޓިން ސްރެޓަޖީގެ ދަށުންނެވެ. މި މާކެޓްގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންނާއި ގުޅުން ބަދަހިކޮށް ޓޮޕް ބީޗް މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް އިޝްތިހާރުކުރުމުގެ އިތުރުން މި މާކެޓްގައި ފެއާ، ރޯޑްސޯ އަދި އެހެނިހެން އިވެންޓްތަކުގައި ބައިވެރިވެ ރާއްޖޭގެ ރީތި ނަންދެމެހެއްޓުން ލެޓިން އެމެރިކާ މާކެޓްގެ ސްރެޓަޖީގައި ހިމެނެއެވެ.