އަައްޑޫ ސިޓީއަކީ އެތަނަކަށް އަންނަ ގިނަ ބަޔަކު ހިތް އެދިއެދި އޮތް އަދި ބޭރުގެ ފަތުރުވެރިންގެ ކަޅިވެސް ހުޓިފައިވާ ތަނެކެވެ.
އައްޑޫ ސިޓީއަކީ ނަމުން ވަރަށް މަޝްހޫރު އާބާދީ ބޮޑު ސިޓީއެކެވެ.
އެކަމަކު އައްޑޫގެ މަގުތަކަކީ ބަލާބެލުމަށް ލޮލަށް އެހާ ފަސޭހަ މަގުތަކެއް ނޫނެވެ.
އައްޑޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވަނީ އެ ސިޓީގެ މަގުތައް ނުހެދި ގިނަދުވަސްތަކެއް ވަމުންދާތީއެވެ.
މިކަމާގުޅިގެން އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.
ވާރޭ ވެހޭނަމަ އައްޑޫގެ މަގުތަކުން ދުއްވުމާކީ ވަރަށް ބޮޑު ތަކްލީފެއް ކަމަށް އެސިޓީގެ ގިނަ ރައްޔިތުން ބުނެއެވެ. އަދި މަގު ހެދުމަށް މަގު ކޮނެފަ ހުންނައިރު މަގުގެ އެއް ކޮޅުން އަނެއް ކޮޅަށް ހުރަސްކުރާނަމަ ރައްޔިތުން ޖެހެނީ އަމިއްލައަށް ފާލަމެއް ހަދައިގެން އޭގެ ބޭނުން ކުރާށެވެ.
އައްޑޫ މަގުތަކުގެ ހާލަތު މިގޮތުގައި އޮތްއިރު ސަރުކާރުން ވަނީ މިމަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިޔަދާކަމަށް ބުނެފައެވެ.
ސަރުކާރުން މިހެން ބުނެފައިވީނަމަވެސް އައްޑު ސިޓީ ކައުންސިލުން ބުނީ ރައްޔިތުން މިކަމުގަ ކުރާ ޝަކުވާތަކަށް ދޭނެ ޖާވަބެއް ނޭނގެ ކަމަށާއި، މިޝަކުވާތަކަށް ކައުންސިލުން ވަނީ ގޮތްހުސްވެފައި ކަމަށެވެ.
ރައްޔިތުން ބުނާގޮތުގައި މިހާރު އައްޑޫގައި ހަދާފައިވާ މަގުތަކާއި ނުހަދާ ހުރި މަގުތަކެއްގެ ތަފާތެއް ނެތް ކަަމަށާއި މަގުތަކުގެ ސަބަބުން އަގުބޮޑުކޮށް ގަނެފަ ހުންނަ ސައިކަލްތަކާއި ކާރު އަދި ޕިކަޕް ފަދަ އުޅަނދުތައް އަވަހަށް ހަލާކުވަނީ ކަމަށެވެ.
އައްޑޫ މަގު ހެދުމާ ފެނުގެ ނިޒާމް ގާއިމްކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ބަޔަކާ ހަވާލުކުރިނަމަވެސް އަދިވެސް އެމަސައްކަތް އެދެވިގެންވާ ސްޕިޑެއްގައި ކުރިއަށް ނުދާކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ފާހަގަކުރެއެވެ.
އައްޑޫގެ މަގުތަކައި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަަރު މުޙައްމަދު ޝުޢާއު ވިދާޅުވީ، މިހާރު މިދާ ސްޕީޑުގައި މިކަން ދާނަމަށް މިކަން ނުވުމުގެ ޗާންސް ވަރަށް ބޮޑު ކަމަށެވެ.
އައްޑޫ ސިޓީގެ ރައްޔިތުންގެ މިހާރުގެ އާދޭހަކަށް ވާނީ އެ ރައްޔިތުންގެ އަޑުތައް ކަމާބޭހޭ ފަރާތްތަކަށް އިވި އެކަމަށް އަވަސް ހައްލެއް ލިބިގެންދިޔުމެވެ.