ކޮވިޑް މެނޭޖްމަންޓަށް އަރާ ކުޑަކުޑަ ލޮޅުމަކީވެސް ބޮޑު މުޞީބާތެއްފަދަ ނުރައްކާތެރިކަމަކަށް ވެގެން ހިނގައިދާނެއެވެ. އެއީ ކޮވިޑް ވަބާއަކީ މަރުގެ ނިޔާއެއްގެ ގޮތުގައި ފެށިގެން އައިސްފައިވާ ވަބާއަކަށްވުމެވެ.

ކޮވިޑްގެ ބަލިމަޑުކަން ޙައްލުކުރުމުގެ އިންތިޒާމުތައް ބަލަހައްޓައި ގާތުން ބަލަމުން ގެންދަންޖެހެއެވެ. އެގޮތަށް ނުގެންދެވިއްޖެނަމަ އިންތިޒާމުތައް ރާވައި ހިންގަންތިބޭ މީހުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހެއެވެ. އެކަމުގައި ޙަރަކާތްތެރިވާ އެހީތެރީންނާއިމެދު މީހުންގެ ހިތްތަކުގައި އޮންނަ އިތުބާރު ގެއްލިދިއުމުގެ ބިރު އޮވެއެވެ. ނަތީޖާއަކަށްވަނީ ކަމުގެ ނުރައްކާތެރިކަން ހިތުގެ އަޑީގައި ފޮރުވައިފައި ރުޅިވެރިކަން ކުރިއަށްނެރެ އެއްވެސް ކަމެއްގައި އެއްބަރުލުން ދިނުމަށް ދެކޮޅުހެދުމެވެ. އަދި ނުރުހުމާއި އެކުގައި ނޫނީ ކަމާގުޅުންހުރި ފަރާތަކާއި މުޢާމަލާތްކުރުމަށް ތައްޔާރު ނުވުމެވެ.

މިފަދަ ޙާލަތްތަކުގައި ކަންކަންކުރާނެ ގޮތްތަކަށް ތަމްރީނުވެގެން ތިބޭ މީހުންގެ ބޭނުން ފެނިގެންދެއެވެ. ނަފްސާނީ ގޮތުންނާއި ބަހަވީ ގޮތުން މުޢާމަލާތް ކުރުމުގެ ޤާބިލްކަމާއި ހިތްހެޔޮކަމާއި މަޑުމައިތިރި ކަމަށް ހޭނިފައިތިބޭ މީހުންގެ މުހިންމުކަން ފާހަގަ ކުރެވެއެވެެ.

ކަމަކަށް ބޭނުންވެފައި ހުންނަމީހާ އަބަދުވެސް ދެކޭނީ ރައްޔިތުން ދައްކާ ޓެކުހުން ޚަރަދުކޮށްގެން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއި އެކު ލިބުމެވެ. އުނދަގޫތަކާއި ހަތަރު އަނގޮޅިކަންމަތީގައި ބަހައްޓައިގެން، ދާންވީ ސީދާ ރާސްތާ އަމިއްލައަށް ހޯދުމުގެ ޒިންމާ ބޮލުގައި އަޅާކަށް ބޭނުމެއް ނުވާނެއެވެ.

ހަމަ މިގޮތަށް ކޮވިޑް ވަބާގެ ޙާލަތުގައި އެތައް ބަޔަކު ދަރުމަވެރި ޚިދުމަތްތެރީންގެ ގޮތުގައި ގެނެވޭއިރު އެމީހުންގެ ބޭނުންތެރިކަން ކުޑަވެ ނުވަތަ އެކަމުން ބަރީއަ ކުރަންޖެހޭ ޙާލަތުގައި ވެރިއްސަ ކަމާއިއެކު އެކަން ނުކުރެވިއްޖެނަމަ ދެވަނަ ފަހަރަށް އެފަދަ މީހުން ހޯދުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ކޮވިޑް-19 ގެ 3 ވަނަ ރާޅުގެ ތެރޭގައި ދިމާވި އެއްކަމަކަށް ވެގެންދިޔައީ ކޮވިޑް ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި ލަސްތަކެއް ދިމާވުމެވެ. ކުއްލިއަކަށް މީހަކު ގެންދަން ޖެހިއްޖެ ނަމަވެސް ގަޑި ދެގަޑިއިރު ހޭދަވުމާއި އެފަދަ މަރުކަޒަކުން ވަގުތީ ފަރުވާ ހޯދުމަށްފަހު އެމީހުން ގެއަށް ގެންގޮސް ދިނުމުގައިވެސް ހަމަ އެހާ ވަގުތު ހޭދަވެގެން ދިއުމެވެ. ތަނުގެ މަދު އުޅަނދުތަކަކާއި ދަރުމަވެރި އެހީތެރީންގެ އުޅަނދުތަކުގެ އިތުރުން ބައެއް ޓެކްސީވެސް ދުވަހު ކުއްޔަށް ނުވަތަ މަހު ކުއްޔަށް ނަގައިގެން ގެންގުޅުނެވެ.

އެއް ޑްރައިވަރަކު ކިޔައިދިން ގޮތުގައި އެގޮތަށް ލަސްވެގެން ދަނީ އެގޮތަށް ކުއްޔަށް ނަގައިގެން ގެންގުޅޭ ޓެކްސީގެ ޢަދަދު މަދުވުމާއި ޚިދުމަތުގައި އުޅޭ ދެތިން ޓެކްސީއަކީ މާލެއާއި ހުޅުމާލެއާއި ދެމެދުގައިވެސް ދަތުރުކުރަންޖެހޭ އުޅަދަށް ވުމުން އެކަމަށް ވަގުތު ހޭދަވުން ކަމުގައެވެ.

މިފަދަ އެތައް ކަމެއް ކޮވިޑް-19 ގެ ޙާލަތުގައި ދިމާވެފައިވެއެވެ. ނަމަވެސް ޞިއްޙީ ޚިދުމަތް ދެއްވަން ތިއްބަވާ ބޭފުޅުންނާއިމެދު މާބޮޑު ޝަކުވާތަކެއް ކުރާކަަށް ނުޖެހެއެވެ. ސަބަބަކީ އެބޭފުޅުން އިޚުލާޞްތެރި ކަމާއިއެކު ބަލިމީހާއަށް އަޅައިލާ ޚިދުމަތް ދެއްވުމުގައި ލަސްކަމެއް ނުގެން ގުޅުއްވުމެވެ. އެހެން ނަމަވެސް ބައެއްކަހަލަ އިންތިޒާމުތަށް ހަމަޖެއްސުމުގައި އިދާރީ ތަމްރީނު އެކަށީގެންވާވަރަށް ލިބިފައިނުވާ މީހުން ބޭތިއްބުން ނުވަތަ ކަމުގެ މުހިންމުކަން އިޙުސާސް ނުކުރެވޭ މީހުން ތިބުމަކީ ކަންކަން ގިނަ ފަހަރަށް ލަސްވެގެންދެއެވެ. އަދި އޮންނަންވާ އިޖުރާޢަތުތަކަށް މާބޮޑު ފަރުވާލެއް ނުބެހެއްޓުމާއި ބިއުރޮކްރެސީ ނުވަތަ ގިނަ ލިޔުންތަކާއި ކަރުދާހުގެ މުޢާމަލާތުތައް އިތުރުބެގެން ދިއުމަކީވެސް ކަންކަން ލަސްވުމުގެ ސަބަބެއް ކަމަށް ބައެއްމީހުން ދެކެއެވެ.

ކަންކަމުގެ އިންތިޒާމުތަކުގައި އިދާރީ ތަމްރީނު ލިބިފައިނެތް މީހުން ބޭތިއްބުމުގެ ނަތީޖާއަކީ ކުރަންޖެހޭ މަސައްކަތައްވެސް ދެގުނައަށް އިތުރުވެ ވަގުތު ބޭކާރުވެގެން ދިއުމަށްވެގެން ދެއެވެ.

މިފަދަ ކަންކަމުގެ ތެރެއިން ދާދިފަހުން ބޭރު ޤައުމަކުން ލިބުނު އެއް ޚަބަރަކީ ކޮވިޑް-19 ގެ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މަރުކަޒަކުން ކޮވިޑް ވެކްސިންގެ ބަދަލުގައި އެތައްހާސް ބަޔަކަށް ސޭލައިން ނުވަތަ އައިވީ އިންޖެކްޝަން ދިން ވާހަކައެވެ. އެންމެ ޤައުމަކުންނެއް ނޫނެވެ. ދެޤައުމެއްގެ ޚަބަރު ދުނިޔޭގެ މީޑިއާތަކުން ރިޕޯރޓު ކޮށްފައިވެއެވެ.

ދެވަނައަށް އައި މިބާވަތުގެ ޚަބަރުގައި އޮތީ ޖަރުމަނުގެ ނަރުހަކު ކޮވިޑް-19 ގެ ވެކްސިންގެ ބަދަލުގައި 8600 މީހުނަށް ސޭލައިން އިންޖެކްޝަން ދިން ވާހަކައެވެ. އެއީ ޖަރުމަނުގެ ފްރައިސްލޭންޑުގެ ވެކްސިންދޭ މަރުކަޒެއްގައި މަސައްކަތްކުރި ރެޑްކްރޮސް ނަރުހަކު ކުރިކަމެއް ތުހުމަތު ކުރެއެވެ. އަދި މިކަމެއް ކޮށްފައިވަނީ މާރޗް މަހާއި އެޕްރީލް މަހުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.

މިޚަބަރު ފްރައިސްލޭންޑުގެ ސަރަޙައްދީ އިދާރީ މުއައްޒަފެއްކަމަށްވާ ސްވެން އެމްބްރޮސީ އޭނާގެ ފޭސްބުކްގައި ގެނެސްދީފައިވަނިކޮށް ރޮއިޓާރސްއިން އެޚަބަރުގެ އިތުރު ތަފްޞީލުތައް ގެނެސްދީފައިވެއެވެ.

އެމްބްރޮސީ ވިދާޅުވީ އެ ޙާދިސާއަކީ އޭނާއަށް ވަރަށް ބޮޑު ސިހުމެއް ގެނުވި ކަމެއް ކަމުގައެވެ. އަދިވެކްސިންގެ ބަދަލުގައި ސޭލައިން ދިނުމުގެ ސަބަބުން އަސަރުކޮށްފައިވާ އެންމެނަށް ވެކްސިންގެ ރައްކާތެރިކަން ދިނުމަށްޓަކައި ވީއެންމެ އަވަހަކަށް ފްރައިސްލޭންޑުން މަސައްކަތް ފަށައިފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވީ ސޭލައިނަކީ ނުރައްކާތެރި އެއްޗެއްނޫން ކަމުގައެވެ. ނަމަވެސް އޮފިޝަލުން އެންގެވީ ރޮފްހައުސަން ވެކްސިން މަރުކަޒުން މާރޗް މަހާއި އެޕްރީލްމަހު ވެކްސިން ޖެހި އެންމެން އަލުން ވެކްސިން ޖެހުމަށް ގޮވައިލައްވާ ކަމުގައެވެ. އަދި އެހުރިހާ މީހުނަށް ފޯނުން ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެންވެސް އެމީހުން ގެނެސް ވެކްސިންގެ ކަށަވަރުކަން ދިނުމަށް މަސައްކަތް ކުރާކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފޯންލައިނެއް ޚާއްޞަކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަނަޑައަޅައިފައިވާ ކަމުގައެވެ.

ސީއެންއެންއިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ލޯވަރ ސެކްސޮނީގެ ޞިއްޙަތާއިބެހޭ އޮފިޝަލުން ވިދާޅުވީ މިމައްސަލައިގާ ތުހުމަތު ކުރެވޭ ނަރުހަކީ އެ މަރުކަޒުގައިދޭ ވެކްސިންގައި އަތްލުމުގެ ހުއްދަ އޮންނަ ނަރުހެއް ކަމުގައެވެ. ސަބަބަކީ އެ ނަރުހަކީ ވެކްސިންދޭ މަރުކަޒުގައި ވެކްސިންދިނުމަށް ވާންޖެހޭ ތައްޔާރީތައް ކުރަން ޙަވާލުވެ ހުރި ނަރުސް ކަމުގައެވެ. އެއީ ވެކްސިން ދިނުމަށް ސިރިންޖު ތައްޔާރުކުރުމާއި ވެކްސިން ނަގައި ކަންކަން ކުރަން ހުންނަ ނަރުހެވެ.

މިމައްސަލައިގާ އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެނަރުހުގެ ނަންވެސް ޢާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމެއްކުރި މީހާއަކީ ކޮވިޑް-19 ގެ ވެކްސިނާއި ގުޅޭގޮތުން އިތުބާރު ނުހިފޭކަމަށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓުތައް ކޮށްފައިވާ މީހެއްކަމަށް ރިޕޯރޓު ކޮށްފައިވެއެވެ.

ހަމަ މިގޮތަށް އިންޑިއާގައިވެސް މިބާވަތުގެ ޢަމަލެއް ޖުލައިމަހު ހިންގައިފައިވާ ކަމަށް ވަރަށް ގިނަ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯރޓުކޮށްފައިވެއެވެ. އިންޑިއާގައި މިކަމެއް ކޮށްފައިވަނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ވޮޝިންގޓަން ޑީސީގައި ހުންނަ ނެޝަނަލް ޕަބްލިކް ރޭޑިއޯއިން ރިޕޯރޓުކޮށްފައި ވެއެވެ. އެގޮތުން 4000 އެއްހާ މީހުނަށް ކޮވިޑް-19 ގެ ވެކްސިންގެ ބަދަލުގައި ސޭލައިން ދީގެން ނުވަތަ މުއްދަތު ހަމަވެފައިވާ ވެކްސިން ދީގެން އެތައްހާސް ޑޮލަރެއް އަތުލައިފައިވާ ކަމަށް މި ރިޕޯރޓުގައިވަނީ ބުނެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިމައްސަލައިގާ 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ މި ވަބާގެ ތެރޭގައި އިންތިޒާމުތަކާއި ކަންކުރަންވީ ގޮތުގެ ދިރިހުރި މަގުތައް ހަމައެކަނި ބުނެދިނުމަކުން ނުފުދެއެވެ. އެކި ގޮތްގޮތުން ޢާންމުންގެ އެހީތެރިކަމާއިއެކު މަޢުލޫމާތު އެއްކޮށް މީސްމީހުނަށް ދިމާވާ ދަތި އުނދަގޫތައް ދެނެގަންނަން ޖެހެއެވެ. ނަމަވެސް މިފަދަ ކަމެއް ކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުވައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރަންޖެހޭ ކަންކަންވެސް އެބަހުއްޓެވެ. އެއީ މިވަބާގެ ނުރައްކާ ކުޑަކުރުމާއި ވަބާގެ އަސަރުތަކުން މީހުނަށް ކުރާ ނަފްސާނީ މައްސަލަތަކަށްވެސް ޙައްލު ހޯދޭނެ ކަންކަމެވެ. އެހެންނޫނީ މި ވަބާގެ 4 ވަނަ ރާޅެއް އައިސް އަނެއްކާވެސް ލޮކްޑައުންއަކަށްދާން ޖެހިދާނެކަމުގެ ބިރު އެބައޮތެވެ. މިއީ އެއްވެސް މީހަކު އެދޭނެކަމެއް ނޫނެވެ.