އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ ރައްޔިތުންނަށް، އެ ގައުމުގެ އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރު ކުރެވޭނީ އަދި އާންމުން އެއްވެއުޅޭ ތަންތަނަށް ނުކުމެ އުޅެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން އަންގައިދޭ ކާޑު ހިފައިގެން ކަމަށް ސްރީލަންކާ ސަރުކާރުން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައެޅިއިރު، ކޮވިޑް ބަލީގެ ހާލަތާހެދި ސްރީލަންކާގެ އެއް ޕްރޮވިންސާއި އަނެއް ޕްރޮވިންސާ ދެމެދު ދަތުރުފަތުރު ކުރުން މިވަގުވެސް ވަނީ މަނާކޮށްފައެވެ.

އަދި މީހުން ވަޒީފާ އަދާކުރާ ތަންތަނުގެ ވެރިންނަށް އަންގާފައިވަނީ، ގިނަ މުވައްޒަފުން ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށެވެ.

ސްރީލަންކާ ސަރުކާރުގެ ނޭޝަނަލް ކޮވިޑް ޕްރިވެންޝަން ސެންޓަރުން ބުނެފައިވަނީ، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރު ކުރުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާކަން އަންގައިދޭ ކާޑު އޮތުން މަޖުބޫރު ވާނެ ކަމަށެވެ.

ހަމަ އެއާއެކު، އާންމުން ގިނައިން އެއްވެއުޅޭ ތަންތަނަށް ގޮސް އުޅުމަށްވެސް ވެކްސިން ކާޑު އޮތުން މަޖުބޫރުވާނެ ކަމަށް ބުނެފައި ވެއެވެ.

މިފިޔަވަޅުތައް ފާސްކޮށްފައިވަނީ، ސްރީލަންކާ ހެލްތު ސެކްޓަރގެ މަތީ ފެންވަރުގެ ވެރިންގެ ބައްދަލުވުމަކަށް ފަހުގައެވެ.

ސްރީލަންކާއިން މި ފިޔަވަޅުތައް އަޅާން މިފެށީ، ކޮވިޑްބަލި ހަލުވިކަމާއެކު ފަތުރާ ޑެލްޓާ ވޭރިއެންޓް އެގައުމުގައި ފެތުރޭން ފެށުމާ ގުޅިގެންނެވެ.

ޑެލްޓާ ވޭރިއެންޓް މުޅި ސްރީލަންކާގައި ފެތުރޭން ފަށާފައި ވާއިރު، އެގައުމުގެ ވެސްޓަން ޕްރޮވިންސުން މިހާރު ރިޕޯޓްކުރާ ކޭސްތަކުގެ 75 އިންސައްތައަކީ ޑެލްޓާ ވޭރިއެންޓުގެ ކޭސްތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން ދާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ސްރީލަންކާގައި މައްޗަށް ގޮސްފައި ވެއެވެ.

ސްރީލަންކާއިން މިހާތަނަށް 345،118 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ބަލީގައި 5،620 މީހުން މަރުވެފައި ވެއެވެ.

މިދިޔަ ބުދަ ދުވަހަކީ އެއް ދުވަހެއްގައި ބަލީގައި އެންމެ ގިނަމީހުން މަރުވި ދުވަހެވެ. އެދުވަހު 156 މީހުން މަރުވެފައި ވާއިރު، 3،000 މީހުންނަށް އަލަށް ބަލިޖެހުނެވެ.