ކުލަބެއް ނެތި ފްރީ އެޖެންޓެއްގެ ގޮތުގައި 8 މަސް ހޭދަކުރުމަށްފަހު ތަޖުރިބާކާރު ފޯވާާޑް ޑިއޭގޯ ކޯސްޓާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހިލޭ ޓްރާންސްފަރ އެއްެގެ ދަށުން ކޯސްޓާ ސޮއިކުރީ ބްރެޒިލްގެ ކުލަބެއް ކަމުގައިވާ އެތްލެޓިކޯ މިނެއިރޯ އަށެވެ. 32 އަހަރުގެ ސްޕެއިން ފޯވާޑް މިނެއިރޯ އަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު ކަމުގައިވީ ނަމަވެސް އޭނާ އަކީ ބްރެޒިލް އަށް އުފަން ރައްޔިތެކެވެ. އަދި ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ދެމެޗު ކުޅެދީފައެވެ.

ޔޫރަޕު ފުޓުބޯޅައިގައި ކާމިޔާބު 16 އަހަރު ހޭދަކުރުމަށްފަހު ކޯސްޓާ ބްރެޒިލްގެ ކުލަބަކާއި ގުޅުނުއިރު އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކަކަށް ކުޅެފައެވެ. އެގޮތުން އެންމެފަހުން އޭނާ ކުޅެފައިވަނީ ލަލީގާގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑަށެވެ. އެތްލެޓިކޯ އަށް ޖުމްލަ 3 ފަހަރެއްގެ މަތިން އޭނާ ކުޅެފައިވެއެވެ.

އެގޮތުން އެންމެ ފުރަތަމަ އެތްލެޓިކޯގެ ކޮންޓްރެކްޓުގައި ކޯސްޓާ ސޮއިކުރީ 2007 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެކުލަބުގެ ކޮންޓްރެކްޓުގައި އޭނާ ހޭދަކުރި 2 އަހަރުގެ ތެރޭގައި އެކުލަބުގެ ޖާޒީގައި މެޗެއް ކުޅެފައެއް ނުވެއެވެ. އޭނާއަށް މިދެއަހަރުގެ ތެރޭގައި އެތްލެޓިކޯގެ ޖާޒީގައި ކުޅުމުގެ ފުރުސަތު ނުލިބުނީ އޭނާ ކުލަބަށް ސޮއިކުރި އަހަރު އެކުލަބުން އޭނާ އެހެން ކުލަބުތަކަކަށް ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކުރީމައެވެ.

ދެވަނަ ފަހަރަށް އެތްލެޓިކޯ އަށް ކޯސްޓާ ސޮއިކުރީ 2010 ވަނަ އަހަރުއެވެ. އެފަހަރު ޖުމްލަ 4 އަހަރު އެކުލަބުގައި ކޯސްޓާ މަޑުކުރިއިރު އެކުލަބަށް 94 މެޗު ކުޅެދީ 43 ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ.

2014 ވަނަ އަހަރު ޗެލްސީގެ އެއްބަސްވުމެއްގައި ކޯސްޓާ ސޮއިކުރިއިރު އޭނާ ވަނީ ތިން އަހަރުގެ ތެރޭގައި އެކުލަބަށް ކުޅެދިން 89 މެޗުން 52 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

އަދި އެއަށްފަހު 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް 61 މެޗު އެތްލެޓިކޯ އަށް ކޯސްޓާ ކުޅެދީފައިވާއިރު 12 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ.

އުމުރުން 32 އަހަރުގެ ފޯވާޑް ވަނީ ކުލަބު ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެތްލެޓިކޯ މެޑްރިޑާއެކު ލީގު ޓައިޓަލް ދެފަހަރު، ކޮޕާ ޑެލްރޭ އެއްފަހަރު، ޔޫއެފާ ޔޫރަޕާ ލީގު އެއްފަހަރު އަދި ޔޫއެފާ ސުޕާ ކަޕް 3 ފަހަރު ވަނީ ހޯދާފައެވެ. އަދި ޗެލްސީ އާއިއެކު ކޯސްޓާ ވަނީ ޕްރިމިއަރ ލިގު ދެފަހަރު އަދި ލީގު ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.