މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ރާއްޖޭން ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ކޮންޓީންޖެންޓާއި ބައްދަލުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މިބައްދަލުވުމުގައި ގޭމްސްގައި ވާދަކުރާ އެތްލީޓުންގެ އިތުރުން ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުން އަދި ޕެރަލިމްޕިކް ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވިއެވެ. އަދި ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކް ގޭމްސް ގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި 10 މެމްބަރުން ހިމެނޭނެއެވެ. އެއީ 2 އެތްލީޓުންނާއި 2 ގައިޑުންގެ އިތުރުން 6 އޮފިޝަލުންނެވެ.

މިއީ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެތްލީޓުންތަކެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ގޭމްސް ގައި ރާއްޖެ ތަމްސީލުކުރާނެ އެތްލީޓުންނަކީ މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހިމް އެވެ. ޕެރަލިމްޕިކް ގޭމްސްގައި މާޒިންއާއި ފާޠިމަތު ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގައެވެ.

އޮލިމްޕިކް ކޮމިޓީން ޕެރަލިމްޕިކް ޓީމާއި ބައްދަލުކޮށްފައިވާއިރު މިމަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ އެތްލީޓުންގެ އިތުރުން މުޅި ކޮންޓިންޖެންޓާއި ބައްދަލުކޮށް ހިތްވަރުދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންވާފައިވެއެވެ.

ޕެރަލިމްޕިކް ގޭމްސް ތާވަލުކޮށްފައިވަނީ މިމަހުގެ 24 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދަވައި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އައިލެންޑްސް ގޭމްސްގައި ފުރަތަމަ ޕެރާ އެތުލީޓެއްގެ ގޮތުން މުޙައްމަދު މާޒިން ބައިވެރިވެ ރާއްޖެއަށް ވަނީ ބްރޮންޒް މެޑަލް ހޯދައިދީފައެވެ. ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކުގައި ބައިވެރިވުމުގެ ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާއިރު، މި ސަރުކާރުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.