ތާލިބާން ހަނގުރާމަވެރިން ވެރިރަށް ކާބުލްއަށް ވަދެ، އެއްވެސް ޝަރުތަކާ ނުލައި ވެރިކަން ހަވާލުކުރުމަށް މަރުކަޒީ ސަރުކާރަށް މުހުލަތު ދީފިއެވެ.

ތާލިބާން ޖަމާއަތުގެ އިސްވެރިން ވިދާޅުވަނީ، އެމީހުން ވެރިކަމާ ހަވާލުވާން ބޭނުންވަނީ ސުލްހަވެރި މަގުން ކަމަށެވެ. އަދި ގަދަބާރުން ކާބުލް ހިފަން ބޭނުން ނުވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ތާލިބާން ޖަމާއަތުގެ މަންދޫބުން މިހާރުވަނީ، ވެރިކަމާ ހަވާލުވުމުގެ މަޝްވަރާތަކަށް ކާބުލްގައި ހުންނަ ރިޔާސީ ގަނޑުވަރަށް ގޮސްފައެވެ.

ވެރިކަން ހަވާލުކުރުމާ ގުޅޭގޮތުން ތާލިބާނުންވާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރު އަބްދުއްސައްތާރު މީރްޒަކްވަލް ވަނީ ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ ބައިނަލްއަގްވާމީ ޚަބަރު ވިއުގައަކުން ބުނެފައިވަނީ، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ މިހާރުވަނީ ޖެހިގެންއޮތް ތަޖިކިސްތާނަށް ވަޑައިގެންފައި ކަމަށެވެ. ނަމަވެސް މިކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީގެ ގޯތިތެރެއަށް ހެލިކޮޕްޓަރުތައް ޖައްސަން ފަށާފައިވާ ކަމަށާއި، މިއީ ސަރުކާރުގެ ވެރިން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތެއް ކަމަށް ބެލެވިފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަފްޣާނިސްތާނުގެ ސަރުކާރުން ބޭނުންވަނީ ތާލިބާނުންނާ އެކު ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށެވެ. އެހެން ނަމަވެސް އެކަމަށް އޮތީ ވަރަށް ހަނި ފުރުސަތުތަކެއް ކަމަށްވެއެވެ.

ސަބަބަކީ، އަފްޣާނިސްތާނުގެ އެތައް ސިޓީއަކާއި، އެތައް އަވަށެއް ތާލިބާން ހަނގުރާމަވެރިން ހިފާފައިވުމެވެ. އަފްޣާނިސްތާނުގެ ސިފައިން ބަލިކޮށް އެންމެފަހުން ތާލިބާން ޖަމާއަތުންވަނީ ޖަލާލްއާބާދުވެސް ހިފާފައެވެ. ބޮޑެތި އެތައް ސިޓީއެއް ހިފާފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނު ސިފައިންނަށް ދީފައިވާ ތަމްރީނުތަކާއި، އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްފައި އޮތުމާއެކުވެސް، ތާލިބާން ހަނގުރާމަވެރިންގެ ކުރިމަތީގައި އަފްޣާނިސްތާނުގެ ސަރުކާރު މިހާ އަވަހަށް ބަލިކަށިވެގެން ދިޔަދިނުމަށް ގިނަބަޔަކު ގެންދަނީ ހައިރާންކަން ފާޅުކުރަމުންނެވެ.

ތާލިބާން ޖަމާއަތުގެ އަތްމައްޗަސް ވެރިކަން ފުރޮޅިގެން ދިއުމުން އެމީހުންނަށް ވާނެ ގޮތަކާމެދު އަފްޣާނިސްތާނުގެ އާންމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތާލިބާނުން ކުރިން ކުރި ވެރިކަމުގައި ތައާރަފްކުރި ހަރުކަށި އުސޫލުތައް އަނެއްކާވެސް އިއާދަކުރާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަނީ އުފެދިފައެވެ. އަންހެނުންނަށް އެއްވެސް ހައްގެއް ލިބިގެންވާ ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އަދި ފުރާއުމުގެ ކޮންމެ ފިރިހެނެއްގެ ތުނބުޅި ހުންނަން ޖެހޭނޭ ކަމަށް އެމީހުން ބުނެއެވެ.

ތާލިބާނުން ކާބުލްއަށް ވަނުމުން އާންމުން ވަނީ ރަށުން ބޭރުވާން ފަށާފައެވެ. އޭޓީއެމްތައް ދޮށުގައި ކިޔޫ ހަދައި އެމީހުން އެއްކުރި ފައިސާކޮޅު އެއްކޮށް ނަގައިގެން އާއިލާތައް ރައްކާތެރި ހިސާބުތަކަށް ގެންދަނީ ފުރަމުންނެވެ.