މިމަހުގެ 18 ވަނަ ދުވަހު ފަށާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގުރޫޕުގެ މެޗުތަކަށް އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ރާއްޖެ އަތުވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ބަޝުންދަރާ އާއި މޯހަން ބަގާން ރާއްޖެ އައިސްފައިވާއިރު، ހޮނިހިރު ދުވަހު ބަޝުންދަރާ ޓީމުން ވަނީ ހެންވޭރު ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރު އެންމެ ފުރަތަމަ މުބާރާތުގެ ގްރޫޕް ޑީގެ ޕްލޭ އޮފް މެޗު ތާވަލުކުރީ މެއި މަހުގެ 11 ވަނަ ދުވަހަށެވެ. އަދި އެ މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް އެ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށްވެސް ތާވަލުކުރިއެވެ.

އެހެންނަމަވެސް މެޗުތައް މި މަހަށް ފަސްކުރެވުނީ އެފަހަރު ޕްލޭ އޮފް މެޗުގައި ރާއްޖޭގެ އީގަލްސް އާއި ދެކޮޅަށް ކުޅުމަށް އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ނެރެފައިވާ ގައިޑްލައިން ތަކާއި ޚިލާފުވެ، މާލޭގެ މަގުތައް މަތީގައި އުޅުމުގެ ސަބަބުން މެޗުތައް ރާއްޖޭގައި ނުބޭއްވޭނެ ކަމަށާއި ބެންގަލޫރު ޓީމު ރާއްޖެއިން ފުރުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް އެންގުމާ ގުޅިގެންނެވެ.

އެ ފަހަރުގެ ކުއްލި ގޮތަކަށް މުބާރާތް ފަސްކުރިއިރު، ބަޝުންދުރާ ކިންގްސްއިން ތިބީ އެ ކުލަބުގެ ހޮޓަލް ލޮބީގައި ރާއްޖެ އަންނަން ފުރަން އެއާޕޯޓަށް ދިޔުމަށް ޓީމު ބަހަށް ކުޅުންތެރިންގެ ދަބަސްތައް އަރުވައިގެންނެވެ.

ނަަމަވެސް އޭއެފްސީން މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، އެ އިދާރާއިން މިހާރު ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖު މެޗުތައް މި މަހު ރާއްޖޭގައި ކުޅެން އަނެއްކާވެސް ނިންމާފައެވެ. އެގޮތުން އީގަލްސް އާއި ބެންގަލޫރުގެ މެޗު އާދީއްތަ ދުވަހުގެރޭ ކުޅޭއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ އިންޑިއާގެ ބަޝުންދަރާ އާއި މޯހަން ބަގާނުގެ އިތުރުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަޝުންދަރާއިން އަންނަ ބުދަ ދުވަހުގެރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ނުކުންނާނީ މޯހަން ބަގާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި މޯހަން ބަގާނުން ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.