އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ ގްރޫޕް ސްޓޭޖަަށް ކޮލިފައިވުމަށް ކުޅުނު ޕްލޭ އޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އިން އެޓޭކިންގ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ބެންގަލޫރު އެފްސީން މެޗުން މޮޅުވެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ބެންގަލުރޫ އެފްސީން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް އެޓީމުން ވަނީ ބެންގަލޫރު ޓީމުގެ ގޯލަށް ނުރައްކާ ކުރުމަށް ރަނގަލު ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ ކުރީކޮޅު އިސްމާއިލް އީސާ (މެސީ) އަށް ލިބުނު ހުސް ދެ ފުރުސަތަކާއި އަސްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ ކުރީކޮޅު އީގަލްސް އިން ވަނީ ލަނޑެއްވެސް ޖަހާފައެވެ. އެހެންނަމަވެސް މި ލަނޑު ޖެހި މެސީ އަށް ބޯޅަ ލިބުނުއިރު އޭނާ އޮފްސައިޑުގައި ހުރުމުން ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ބެންގަލޫރު ޓީމުން ލަނޑެއް ޖަހާ މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައެވެ. އެއްލުމަކުން ތަނަވަސްވި ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ މިޑްފީލްޑަރ. ޖަޔޭޝް ރާނޭ އެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އީގަލްސް އިންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ޒުވާން ފޯވާޑް މުހައްމަދު ނާއިމް ނަގައިދިން ކޯނަރު، ބެންގަލޫރު ޓީމުގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ އެޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ

ލަނޑަށްފަހު ބެންގަލޫރު ޓީމުން މެޗުގެ ސްޕީޑް ލަސްކޮށް ވަރަށް ބޮޑަށް ހަމަޖެހިލައިގެން ކުޅެމުންދިޔަތަން ފެނިގެންދިޔައެވެ. ދެވަނަ ހާފު ފެށިގެންވެސް ފެނިގެންދިޔައީ ހަމަ މި މަންޒަރެވެ.

ދެވަނަ ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ އީގަލްސް އިން އަލީ ފާސިރު (ސެންޓޭ) އެވެ. އެގޮތުން ނާއިމް ތަނަވަސްކޮށްދިން ފުރުސަތަކުން ބެންގަލޫރު ޓީމުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އީގަލްސް އިން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި، މި މުބާރާތަށް އަމާޒުކޮށް އެ ޓީމުން ގެނައި ސީނިއާ ގިނަ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފެނުނު މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

އެހެންނަމަވެސް ގިނަ ބަޔަކު އުންމީދު ކުރިގޮތާއި ހިލާފަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ފައިނަލް މެޗު ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް އެންމެ ފުރަތަަމަ މީޑިއާ އަށް އާންމުކުރި ސްކޮޑުގައި ދަގަނޑޭ ފުރަތަމަ އެގާރައިގައި ހިމެނުނު ނަމަވެސް އަނިޔާގައި ހުރުމުގެ ސަބަބުން އީގަލްސްގެ ބައެއް ޕްރެކްޓިސް ތަކުގައި ދަގަނޑޭ ބައިވެރިވެފައެއް ނުވެއެވެ. އީގަލްސްގެ ފުރަތަމަ އެގާރައިގައި އެންމެ ބިދޭސީ ކުޅުންތެރިއަކު ވެސް ހިމަނާފައެއް ނުވެއެވެ.

މެޗުން މޮޅުވެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ބެންގަލޫރު ޓީމުން ހޯދިއިރު މިބުރުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު ނުކުންނާނީ މޯހަން ބަގާނާއި ދެކޮޅަށެވެ. އެރޭ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 21:00 ގައި ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށް ނުކުންނާނެއެވެ.

އަދިމ މެޗް ޑޭ 2 ގައި 21 ވަނަ ދުވަހުގެ ހަވީރު ބެންގަލޫރު އެފްސީ އާއި ބަޝުންދަރާ ބައްދަލުކުރާއިރު އެރޭ މާޒިޔާ ނުކުންނާނީ މޯހަން ބަގާނާއި ދެކޮޅަށެވެ.

އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު މޯހަން ބަގާނާއި ބަޝުންދަރާ ކިންގްސް ކުޅޭއިރު އެރޭ ކުޅޭނީ މާޒިޔާ އާއި ބެންގަލޫރު އެފްސީ އެވެ.