ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ލޭއޮހޮރުވުމެއް ހިނގިޔަ ނުދިނުމަށް ކަމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.

އަޝްރަފް ޣަނީ މިހެން ވިދާޅުވީ، އޭނާގެ ފޭސްބުކް ޕޭޖްގައި ޝާއިއު ކުރެއްވި މެސެޖެއްގައެވެ.

މިއީ، ގައުމު ދޫކުރައްވައި ވަޑައިގެންނެވި ފަހުން އަފްޣާނިސްތާނުގެ ރައީސްގެ ބަހެއް އިވުނު ފުރަތަމަ ފަހަރެވެ.

އަޝްރަފް ޣަނީ އަފްޣާނިސްތާން ދޫކުރައްވައި ވަޑައިގެންނެވީ ތާލިބާން ހަނގުރާމަވެރިންގެ ފައުޖުތައް އާދީއްތަ ދުވަހު ވެރިރަށް ކާބުލްއަށް ވަންނަން ތައްޔާރުވަމުން ދަނިކޮށެވެ.

ރައީސް ޣަނީ ވަޑައިގެންނެވީ ކޮން ތާކަށްކަމެއް ސާފެއް ނުވެއެވެ.

ނަމަވެސް، ދާޚިލީ ވުޒާރާގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ރައީސް ވަޑައިގެންނެވީ ޖެހިގެން އޮތް ތަޖިކިސްތާނަށް ކަމަށެވެ.

މިރިޕޯޓުގެ ފަހުން، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ، ކާބުލްގެ އެއަރޕޯޓަކުން އެގައުމުގެ ގައުމީ އެއަރލައިންގެ މަތިންދާ ބޯޓަކަށް އަރާވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

ފޭސްބުކްގައި ޝާއިއު ކުރެއްވި މެސެޖުގައި އަޝްރަފް ޣަނީ ވިދާޅުވެފައިވަނީ، ކާބުލް ދޫކުރައްވައި ވަޑައިގެންނެވީ ތާލިބާނުންނާއެކު ކުރިމަތިލުމަށް ދިއުމަށް ބޭނުންފުޅު ނުވާތީ ކަމަށާއި، އެފަދަ ކުރިމަތިލުމެއް ހިނގައިފިނަމަ ކާބުލްގެ އެތައް މިލިއަން އާންމު ރައްޔިތުންގެ ފުރާނައަށް އެކަމުގެ ނުރައްކާ ފޯރީސްކަމަށެވެ.

ނަމަވެސް، އޭނާ ވަޑައިގެން ހުންނެވި ތަނެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ރައީސް ކަންތައް ކުރެއްވިގޮތުން އަފްޣާނިސްތާނުގެ އާންމުން އޭނާއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވި ފަހުން ތާލިބާން ހަނގުރާމަވެރިންވަނީ ރިޔާސީ ގަނޑުވަރަށް ވަދެ، ގަނޑުވަރު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ.

ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގިކަމެއް ސާފެއް ނުވެއެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ބުނީ، އާންމުންގެ ފުރާނައަށް ގެއްލުމެއް ވެދާނެ އަދި އެއްވެސް ހަމަނުޖެހުމެއް ހިނގާފާނެ އެއްވެސް ކަމެއް ނުކުރުމަށް ކާބުލްއަށް ވަދެފައިވާ ތާލިބާން ހަނގުރާމަވެރިންނަށް އެ ޖަމާއަތުގެ ލީޑަރޝިޕުން އަންގައި އަމުރުކޮށްފައިވާ ކަމަށެވެ.

އަނެއްކޮޅުން، އަފްޣާނިސްތާނުގެ ސަރުކާރުގެ މަސްއޫލުވެރިން ގައުމުން ބޭރުކުރުމުގެ މަސައްކަތުގައި އެހީވުމަށް ސަރަހައްދުން އިތުރު 1،000 ސިފައިން އަފްޣާނިސްތާނަށް ފޮނުވުމުގެ ހުއްދަ އެމެރިކާގެ އަސްކަރިއްޔާއިން މިހާރުވަނީ ދީފައެވެ.

މިހާރުވެސް އެމެރިކާގެ 6،000 ސިފައިންގެ ފައުޖެއް އަފްޣާނިސްތާނުގައި އެބައޮތެވެ.

ގައުމު ދޫކޮށްދާން ބޭނުންވާ އެއްވެސް މީހަކަށް ހުރަސް ނޭޅުމަށް ތާލިބާން ޖަމާއަތުން، އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަންގާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.