އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމަށް 5 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ.

އިލެކްޝަންސްގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު، އަޒްލީމާ އަހުމަދު / ދަފްތަރު، އަހްމަދު މަންސޫރު / ވ. ރިވެތި، މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ، މުހައްމަދު އާސިފް / ހ. އިރުވައިއެވެ.

މުހައްމަދު އާސިފްކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝަހުލާއަކީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވެފައިވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމާގުޅިގެންނެވެ.