އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ހަތަރު ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް ހުށަހެޅުއްވި ނަންތައް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައިވަނީ އިއްވާފައެވެ.
އެ މަގާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ، ޝިހާމް މުހައްމަދު ވަހީދު، އަހްމަދު އާހިދު ރަޝީދު، މަރިޔަމް އަލީމް އަދި އަޒްލީމާ އަހްމަދެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން އޮންނަ އިޖުރާއަތަކީ އެމަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަައް ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ރުހުން ލިބިދޭ ކޮންމެވެސް އެއް ބޭފުޅަކު މަގާމަށް އައްޔަން ކުރެއްވުމެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާއެވެ.
ހުސައިން ފިޔާޒް މޫސާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ މެއިމަހުގެ 20 ވަނަ ދުވަހަށެވެ.