ކަރަންޓާއި އިންޓަރނެޓަކީ އަގުބޮޑު ހަދިޔާއެކެވެ. އެއީ ރައްޔިތުންނަށް ލިބިދޭ ޒީނަތެކެވެ. އަދި ލަގްޒަރީއެކެވެ.

މިއަހަރުގެ ޖުލައި މަހުލިބުނު ކަރަންޓު ބިލު ޢާންމުކޮށް ދައްކަންޖެހޭ ބިލަށްވުރެ ސައްތައަށް ބޮޑުވުމާއި ގުޅިގެން މިހާރުވެސް ލޮޅުން އަރައިފައިވާ އިޤުތިޞާދަށް އަނެއްކާވެސް އިތުރު ހާސްކަމެއް މިވަނީ ގެނެސްފައެވެ. ރަސްމީ އިންޖީނުގެއިން ބުނީ އެ ބިލު ބޮޑުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދެމުންދިޔަ ޢިނާޔަތްތައް ކަނޑައިލުމުން ކަމުގައެވެ.

ކަރަންޓު ބިލަށް ދެމުންދިޔަ ޢިނާޔަތްތަކަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަތި ޙާލުގައި ލިބޭ މަދު ލާރިކޮޅުން ގެނބެމުން ފެންމައްޗަށް ނޭވާލަމުންދާ ނިކަމެތީންނަށް ލިބުނު ކަނދުފައްޗެއްގެ ގޮތުގައި ފެންނަމުންދިޔަ އެއްޗެކެވެ.

2013 ވަނަ އަހަރު ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެވެސް ރިޔާސީ ވަޢުދަކަށްވީ ކަރަންޓަށް ޙައްލު ހޯދައިދިނުމާއި ކަރަންޓުބިލުގެ ޔުނިޓަކަށް ނަގާވަރު ކުޑަކޮށްދިނުމެވެ. ނަމަވެސް ވެރިކަން ލިބިވަޑައި ގަތުމާއެކު ތެލުގެ ނަހަމަ މުޢާމަލާތެއް ހިންގެވި ކަމުގެ ތުހުމަތު ކުރެވިފައިވާ އޭރުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަރަންޓުބިލުތަކަށް ނަގާ ރޭޓުތައް މައްޗަށް ދިޔައެވެ. އަދި ހުރިހާ އެންމެނަށް އެއްއަގެއް ނެގުމަށް ކަމަށް ވިދާޅުވެ ކަރަންޓު ބޭނުންކުރާ ޔުނިތަކަށް ނަގާވަރު ކުރެއްވީ ބޮޑެވެ.

އެގޮތަށް އޮވެ މަހުން މަހަށް ބަދަލުވަމުން ގޮސް ކަރަންޓަށް ކުރަންޖެހޭ ޚަރަދުތައް ބޮޑު ކޮށްލުމަށްފަހު ދެން ފެނުނީ ސަބްސިޑީއެއް ނުވަތަ ޢިނާޔަތެއް ދެއްވަން ފެއްތެވި ތަނެވެ. ނަމަވެސް މިއީ ކުރީން ދައްކަމުންއައި ކަރަނޓު ބިލަށްވުރެ ދައްކަންޖެހޭ ފައިސާ މަދުވި ޢިނާޔަތެއް ނޫނެވެ. ކެތްތެރިކަމާއި އެކު ރައްޔިތުން ގެންދިޔައީ އެ ބިލުތައް ދައްކަމުންނެވެ.

ދުނިޔޭގެ ބަޒާރުގައި ތެލަށް އަންނަ ބަދަލުތައް ރާއްޖޭގެ އިޤުތިޞާދުގެ ތެރެއަކުން ފެންނާކަށް ނޯވެއެވެ. ނަމަވެސް އެއީ މުޅިދުނިޔޭގެ ވިޔަފާރީގެ އިން ކަނޑައަޅާ ކަޑައެވެ. ހަމައެކަނި އުޅަނދުތަކަށް އަޅާ ދެބާވަތެއްގެ ތެލުން އުނިއިތުރު 10 ލާރީގެ ތަފާތެއްނޫނީ ފެންނާކަށް ނޯވެއެވެ. އެހެނަސް ކަރަންޓު ބިލުން އެތަން ފެންނާކަށް ނޯވެއެވެ.

ރާއްޖޭގައި ތެލުގެ އަގުތައް ކަނޑައެޅިފައި އޮންނަ ގޮތަށް މަހުން މަހަށް އަހަރުން އަހަރަށް ބަދަލުވާގޮތެއް ނުވެއެވެ. އަދި ތެލަށް އާ އަގެއް ކަނޑައެޅިފައި ނުވުމާއިއެކު ކަރަންޓުބިލު މިހާރު ބޮޑުވެފައި އޮތްގޮތަށް އޮތުމުގެ އިޝާރާތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ކުރުމުން އެކަމުން ދޭހަވަނީ ކަރަންޓަކީ މިއަދު ބޭނުންކުރަން ޖެހިފައިވާ ޒީނަތެއްގެ ގޮތުގައެވެ. ރީތި އަގުބޮޑު ހަދިޔާއަކަށްވުރެ އަގުބޮޑު އެއްޗެއްގެ ގޮތުގައެވެ. ލަގްޒަރީއަކަށް ވެފައެވެ. މިއީ ރާއްޖޭގައި ބޭރު ފައިސާއާއި އިންޓަރނެޓުވެސް ސިފަކުރެވެން އޮތް ގޮތެވެ.

މިގޮތަށް ކަރަންޓު ބިލު ބޮޑުވެ ޢާންމުންގެ އަތްމަތި ދަތި މި ކޮވިޑް-19 ގެ ވަބާގެ ޙާލަތުގައި އޮތުމަކީ ޤައުމުގެ ލާދަ ޝޮކެއް ޖެހި އަތްމަތި ދަތި މީހުން އިތުރަށް ގިނަވެގެން ހިނގައިދާނެ ކަމެކެވެ.

ބޭސްފިހާރަތަކުން ކުރީން ލިބެމުން އައި ބައެއް ބޭހާއި ވަރަށް ގިނަފަހަރަށް ބޭނުންވާ ޢާންމު ބައެއް ބޭސް ހުސްވެ ލިބުން ލަސްވުމާއި ދާއިމީ ބައްޔަށް ބޭސްކާން ޖެހޭ މީހުންނަށް ސޫތަކަށްވުރެ ވަށަމިން ކުޑަ ބޭސްގުޅައެއް ފަޅައިލައިގެން ކާންދޭން ޖެހުންފަދަ ކަންކަން އަންނަނީ ފެންނަމުންނެވެ.

ރައްޔިތުން ކަރަންޓު ބޭނުންކުރާ ނިސްބަތް ކުޑަކުރުމުގެ ގޮތުން ކަރަންޓުބިލު ބޮޑުކުރިނަމަ އެއީ ގިނަ ބަޔަކު އަނދިރީގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރަންޖެހޭ ސަބަބަކަށްވެގެން ހިނގައިދާނެއެވެ. ސަބަބަކީ މިޒަމާނަކީ ކަރާސީނު ފީތާއަކުން ދިއްލާ ފުޅިބައްތީގެ ޒަމާނަށްވުރެ ތަރައްޤީ ދުވަސްވަރަކަށް ވުމާއި ކަރަންޓަކީ އަސާސީ ޟަރޫރަތަކަށް ވުމެވެ.

މިގޮތަށް ކަރަންޓުބިލު ބޮޑުވުމުން ރައްޔިތުންނަށް ކުރެވެން އޮންނަހާވެސް ކަމަކީ ޝަކުވާ ކުރުމެވެ. އަޑު އަހާނެ ކަންފަތްތަކެއް ހޯދައި އެކަމުގެ ހިތްދަތި އިޙުސާސްތައް ކޮންމެވެސް އިޙުސާންތެރިއަކާއި ޙިއްޞާ ކުރުމެވެ. ނަމަވެސް އެ އިޙުސާން ތެރިއާއަކީ ޤައުމުގެ ރައީސަކަށް ނުވަތަ މަރުކަޒީ ބޭންކުގެ ގަވަރުނަރަކަށް ނުވަތަ މާލީ ވަޒީރަށް ނުވަތަ އިޤުތިޞާދީ ވަޒީރަކަށް ނުވެއެވެ. އެހެންވީމާ އަނެއްކާވެސް ދުވަސްކޮޅަކުން ދަތުރު ފަތުރުގެ އަގު ބޮޑުވެ ކަނޑާއި އެއްގަމުގެ ދަތުރުތަކާއި ޓެކްސީއަކީވެސް ލަގްޒަރީއަކަށް ނުވަތަ ޒީނަތަކަށްވެގެން ހިނގައިދާނެއެވެ.

ޖުލައިމަހި ލިބުނު ކަރަންޓުބިލު އެތައް ގުނައަކުން ބޮޑުވެފައި މިވަނީ ކަރަންޓުގެ ޚިދުމަތުގެ އަގު 2019 ވަނަ އަހަރުގެ މާރޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށް މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިޢުލާންކުރައްވައިފައި ވަނިކޮންނެވެ. ނަމަވެސް މިހާރު ދެއަހަރަށްވުރެ ދިގު މުއްދަތެއްވީމާ އެ އިޢުލާން ބާޠިލުވީ ކަމަށްވެދާނެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރެއްވީ އަސާސީ ޚިދުމަތްް ދިނުމުގައި ރަށްރަށާއި ވެރިރަށް މާލެއާއި ދެމެދުގައި ހުރި ފަރަޤުތައް ނައްތައިލުމުގެ ސިޔާސަތުގެ ދަށުންކަމުގައެވެ. މީގެއިތުރުން މިހާރުވެސް އަގުތައް ބޮޑުކުރަމުން ގެންދާ އަދި ލޭންދޭނަށް މާލީ މަރުކަޒުތައް މެދުވެރިކޮށް މުދާ ގަންނަ މީހުނަށް އިތުރު 50 އިންސައްތަ އަގުބޮޑުކޮށް ވިއްކާ ވިޔަފާރިތަކަށް ފަހި މާޙައުލެއް ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ އަސާސީ މިފަދަ ޢާންމު ޚިދުމަތުގެ ސަބަބުން ރައްޔިތުމީހާގެ ޖީބަށް ދޮޅަސް ސަތޭކަ ރުފިޔާ އިތުރުކޮށްދެވޭނެ ކަމުގައެވެ. ނަމަވެސް މިއަދު މިފެންނަނީ ދޮޅުހާހަށްވުރެ އިތުރަށް ރައްޔިތު މީހާ އެ ކިދުމަތަށް ހޭދަކުރަން ޖެހޭތަނެވެ. މިއީ ޑިސަލަށް ނަގާ ޑިއުޓީ ސަރުކާރުން މަޢާފްކޮށްދިނީމާވެސް ރައްޔިތުން އުޅެން ޖެހިފައިވާ ޙާލެވެ.

ކަރަންޓު ބިލާއި ގުޅޭގޮތުން ޝަކުވާތައް ގިނަވާން ފެށުމުން ސްޓެލްކޯއިން ޚާއްޞަ ކައުންޓަރެއް ހެދިކަން ޖޫންމަހުގެ 12 ވަނަ ދުވަހު އިޢުލާން ކޮށްފައިވެއެވެ. ފަހަރެއްގައި މިފަހަރުގެ ބިލަށް އިތުރުވި ފައިސާއަކީ އެ ކައުންޓަރުންދޭ ޚިދުމަތާއި ފޯން ލައިންނަށް ކުރަންޖެހޭ ޚަރަދު ހޯދުމަށް އިތުރުކުރި ޢަދަދެއް ކަމަށް ވެދާނެއެވެ. ނަމަވެސް ސްޓެލްކޯއިން ބުނީ ކަރަންޓުބިލު ބޮޑުވީ ކޮވިޑް ރިލީފް ކަނޑައިލުމުން ކަމުގައެވެ. ނަމަވެސް އެއްވެސް އިޢުލާނެއް ނެތި ކޮވިޑް ރިލީފްގެ ކުރީން ލިބެމުން އައި ބިލަށްވުރެ ކަރަންޓު ބިލު ބޮޑުވެގެން ދިޔައީ ކުރީން ގޭބިސީތަކުން ބޭނުންކުރި ވަރަށްވުރެ އިތުރަށް ކަރަންޓު ބޭނުންކޮށްގެން ނޫން ކަމަށް ރައްޔިތުން ބުނެއެވެ. އެކަން އެނގެނީ ހުރިހާ ގެއަކުންވެސް ކަރަންޓުބިލު ބޮޑުވެގެން ދިއުމާއިއެކު ކަރަންޓުން ބޭނުންކުރާ ކަންވާރާއި އާލާތް މަދު ގެތަކުގެ ބިލުވެސް ބޮޑުވުމުންނެވެ. އެހެންވީމާ ސްޓެލްކޯއިން އެދައްކާ ބަހަނާއަކީ އެއްވެސް އަސާސެއްނެތް ބަހަނާއަކަށްވެގެން ދެއެވެ. އެކަން ސޯޝަލް މީޑިއާގައިވެސް ގިނަ މީހުން ގެންދަނީބިލިތަކުގެ ފޮޓޮއާއިއެކު ހާމަކުރަމުންނެވެ.

މިފަދަ މައްސަލަތަކަށް ޙައްލު ހޯދައިދީ އިންޞާފު ލިބިދިނުމަށް މަގުދައްކައިދޭ އޮދާރާއެއްގެ ގޮތުގައި އުފައްދައިފައިވާ ޔުޓިލިޓީ ކުންފުނިން ބުނެފައިވަނީ ކަރަންޓުބިލު ބޮޑުވި ގޮތް ބަލަމުންގެންދާ ކަމުގައެވެ. ކަރަންޓުބިލު އާދަޔާ ޚިލާފަށް ބޮޑުވި ކަމުގެ ޝަކުވާތައް ޔުޓިލިޓީ އޮތޯރިޓީގެ ސަމާލުކަމަށް އައިކަމަށް އެ އޮތީރިޓީން ބުނި ނަމަވެސް ކަރަންޓު ބިލުގެ އެއްވެސް މައްސަލައެއްގައި މިހާތަނަށް އެ އޮތޯރިޓީން ކަމެއް ކޮށްދީފައިނުވާކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 ގެ ޢިނާޔަތް ދިން އެންމެ މަހަކަށްފަހު އޭގެކުރިން ލިބެމުން އައި ބިލަށްވުރެ އެތައް ގުނައެއް ބޮޑު ކަރަންޓުބިލެއް ލިބުމުން އެއީ ކޮވިޑް ރިލީފް ކަނޑައިލުމުން ކަމަށް ސްޓެލްކޯއިން ބުނުމުން މިއީ ކޮވިޑާއި ގުޅިގެން ރައްޔިތުން ބަލަބަލައި ތިއްބައި އައި އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ރައްޔިތުން ކުރަމުން އައި އުއްމީދުތައް ފެނަށް ދުއްވައިލުންފަދަ ކަމެކެވެ.

ރާއްޖޭގެ ރައްޔިތުން ރަށްރަށުގައި އަމިއްލަ އިންޖީނުގެތަށް ހަދައިގެން ރައްޔިތުންނަށް ލުއިފަސޭހަ އަގުތަކުގައި ދެމުންދިޔަ ކަރަންޓުގެ ޚިދުމަތުގެ އަގު، އެ އިންޖީނުގެތައް އަތުލި ހިސާބުން ފެށިގެންދިޔައީ ބޮޑުވަމުންނެވެ. ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ ލެޔާއި ދަލުން ކަޅިވެގެން އަލަށް އުފެދުނު ޔުޓިލިޓީ ކުންފުނިތަކުގެ އިންޖީނުގެތަކުންވެސް ރައްޔިތުންގެ ލެއާއި ދާ އިތުރަށް އޮހޮރުވާތަން މިދަނީ ފެންނަމުންނެވެ. އެކަން ދައުލަތުގެ އިދާރާތަކުގެ ތަފާސް ހިސާބުތަކުންވެސް ދަނީ ފެންނަމުންނެވެ. އެއީ އެކި އިދާރާތަކުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރުވަމުން ދިއުމެވެ.

ކޮވިޑް-19 ގެ ޙާލަތުގައި މާލީ އެކިއެކި ލުއިތައް ދެމުންދާކަމަށް ސަރުކާރުން ބުނި ނަމަވެސް ރައްޔިތުންގެ އަތުން ޓެކްސްނަގާ މައި އިދާރާގެ ތަފާސްހިސާބުތައް ދައްކަނީ އެ ލުއިތައް ރައްޔިތުންނަށް ނުލިބޭ ކަމެވެ. އެކިއެކި ޖޫރިމަނާތަކާއި ކުލިތަކަށް ބަދަލެއް އައިސްފައިވާކަން ފެންނާކަށް ނެތެވެ. ސަބަބަކީ ރާއްޖޭގެ ބޯޑަރު ބަންދުކުރެވި ފަތުރުވެރިކަމާއި އެކަމާއި ގުޅުންހުރި ދާއިރާތަކަށް އާމްދަނީ ލިބޭނެ ގޮތް ނުވުމެވެ. ނަމަވެސް މީރާއިން އަންދާޒާކުރި ނިސްބަތަށްވުރެ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ގިނަވުމެވެ.

މިއަހަރުގެ މޭމަހު މީރާއިން އަންދާޒާކުރި ވަރަށްވުރެ 16.7 އިންސައްތަ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ 783 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވާއިރު ހަމައެކަނި ޖީއެސްޓީގެ ގޮތުގައި 496 ރުފިޔާ މީރާއަށް ލިބިފައިވެއެވެ. މިއީ މީރާގެ އާމްދަނީއަށް ލިބުނު ފައިސާގެ 50 އިންސައްތައަށްވުރެ މަތީ ޢަދަދެކެވެ. އަދި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކުރީއަހަރު ލިބުނު 59 މިލިއަން ރުފިޔާ 50 އިންސައްތައާއި ގާތްކުރާ ވަރަށް ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ ދައުލަތަށް ނަގައިފައިވެއެވެ. އެއީ 47 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް މުޅި އަހަރުގެ ބަޖެޓުގައި ދައުލަތަށް ހޯދާނެކަމަށް އަންދާޒާ ކޮށްފައިވާ 43.8 މިއަން ރުފިޔާގެ ޖޫރިމަނާއަށްވުރެ އިތުރަށް ހޯދައި ހަމައެކަނި 6 މަސްދުވަހުގެ ތެރޭގައި މިވަނީ 62.2 މިލިއަން ރުފިޔާ އިތުރަށް ނަގައިފައެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މީރާއަށް 7.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތައް ވަމުންދިޔަ މީހުންގެއަތުން އެފައިސާ އަނބުރައި ދައުލަތަށް ނުހޯދި ރައްޔިތުންގެ އަތުން ގެއްލުނު ފައިސާ އަނެއްކާވެސް މިފެންނަނީ ރައްޔިތުންގެ އަތުން ހޯދަން އުޅޭތަނެވެ. އެހެން ނަމަވެސް ރިޔާސީ ވަޢުދުތަކުގައި އެފައިސާ ހޯދުމުގެ ވާހަކަތައް އައި ނަމަވެސް މިހާތަނަށް މާބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް މިއީ ފަހަތު ފަޔަށް ބުރަވުމެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ ދަމަކުން ބަޑިއެއް ޖަހާހެން ނަމަވެސް ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށްދާތަން ފެނުމެވެ. ނަމަވެސް އަދި ގެއްލުނު ފައިސާ ހޯދުމާއި ގާތަށް އާދެވިފައެއް ނުވެއެވެ.

ގެއްލޭ ފައިސާގެ ވާހަކަ ދައްކާއިރު ދައުލަތުގެ އެކި ހިސާބުތަކުން އެއްވެސް ތަދުބީރެއްނެތި ކުރާ ކަންކަމުން ފައިސާ ގަނޑުވާގޮތްވެ ނުވަތަ ފައިސާ ގެއްލޭގޮތްވެއެވެ. އެކަމުގެ ހެއްކަކަށް ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ އެހެން ނަމަވެސް އިތުރު ޚަރަދުތައް ކުރަން ޖެހިފައިވާ ގުޅީފަޅު ހިމެނެއެވެ. މީގެ އިތުރުން އެނބޫދޫ ފަޅު ހިއްކައި އެތަނުގައި ހަދާފައިވާ ރަށްތަކުން އާމްދަނީ ލިބޭ ކަމެއް ނުވަތަ ނޫން ކަމެއް ޢާންމު ރައްޔިތުންނަކަށް ނޭނގެއެވެ. ނަމަވެސް އެތަނުން ނަފާ ހޯދާ ބަޔަކަށް އެއީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ.

ދައުލަތުގެ އާމްދަނީގެ ވާހަކަ އެއީ ދައްކާ ކޮޅުންލާކަށް އޮތް އެއްޗެއް ނޫނެވެ. އެއީ އެކަން އޮންނާވެސް ގޮތެވެ. ނަމަވެސް ރައްޔިތުންގެއަތުން ކުރަންޖެހޭ ހޭދަތައް ކަމަކާއި ނުލައި ބޮޑުވެގެންދިއުމަކީ ފަހި ދިރުއުޅުމެއްގެ ވަޢުދުތަކާއި އެކު ވެރިކަމަށް އަންނަ އެއްވެސް ބައެއްގެ ކަންބޮޑުވުމަކަށް ނުވެއެވެ. އެކަން ފެންނަން އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އުޑާއި ވާހަކަ ގޮވާ ފްލެޓްތަކުންނެވެ. އަދި އެތަނާއި ޙަވާލުވެ އޮތް މުއައްސަސާގެ ވެރީންނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖެހިލުމެއްނެތި ޙައްލެއް ނެތް ކަމަށް ވިދާޅުވުމުގެ ބާރުވެސް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އެގޮތުން ހިޔާ ފްލެޓްތަކުން ކުލި ކުޑަކޮށް ނުދެވޭނެ ކަމަށާއި އެތަނުގެ މަރާމާތުގެ ނަމުގައި ދުނިޔެ ޢުމުރަށް ނަގާނެކަމަށްބުނާ 1000 ރުފިޔާއިންވެސް ކުޑަނަމަވެސް ލުޔެއް ނުދޭނެކަމަށް އެދަނީ ބުނަމުންނެވެ.

މީގެ އިތުރުން ގްރޭސް ޕީރިއެޑެކޭ ކިޔާ މުއްދަތެއް ކަނޑައަޅައިފައިވާއިރު މިއީ ބޮޑު ދެގުޅަޔާ ހާރަށް ބަނޑު ނޫން އެހެން ކަމެކޭވެސް ބުނޭކަށް ނޯވެއެވެ. ސަބަބަކީ އެ މުއްދަތަކީ ލައްކަ ދެލައްކަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން އެތަން ގަންނަ މީހާ ފުރިހަމަ ކުރާ މުއްދަތެވެ. އަދި އެމުއްދަތު ދީފައިވެސް ވަނީ ވެރިފަރާތުގެ ގޮތުގައި ސޮއިކުރާ ދުވަހުން ފެށިގެންނެވެ. އަހަރުގެ އެހެން ހިސާބަކަށް އެ މުއްދަތު ފަސްކޮށްދިނުމެއް ނުވަތަ އެހެން އަހަރެއްގެ މުއްދަތެއް ދިނުމާއިމެދު ވިސްނުމެއް ނެތެވެ. އަދި އެބުނާ ގްރޭސް ޕީރިއެޑްގައި ތަނުގެ ކުއްޔަށް ކަނޑައަޅައިފައިވާ 7500 ރުފިޔާއާއި މަރާމާތުގެ ނަމުގައި ނަގާ 1000 ރުފިޔާއާއި އެކުޖުމްލަ 8500 ރުފިޔާއަށްވުރެ އެތައް ގުނައެއް ރައްޔިތު މީހާގެ ޖީބުން ހޭދަކުރަން ޖެހެއެވެ. އެހެންވީމާ ކަރަންޓު ބިލު ބޮޑުވެގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރުމަކުން ވާނެ މަންފާއެއް ނެތެވެ.

އިންޓަރނެޓާއި މަޢުލޫމާތުގެ މުވާޞަލާތުގެ ޚިދުމަތްތަކަށް ނަގާ ފީތައް ބޮޑުވެގެން ރައްޔިތުން ކަންބޮޑުވުމަކުންވެސް ވާނެ އެއްވެސް ކަމެއް އޮތް ކަމަކަށް ނުފެނެއެވެ. ރައްޔިތުން އިތުރަށް ނިކަމެތިވެ ފަޤީރުކަން ބޮޑުވެގެން ދިއުން ނޫންކަމެއް ނެތެވެ. އެހެނީ މިއީން ކޮންމެ ޚިދުމަތަކީ މިއަދު އަގުބޮޑު ޒީނަތެކެވެ. ލަގްޒަރީއެކެވެ.