މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މަގާމުން އިސްތިއުފާ ދެއްވީ، އޭނާ މަގަމާ ހަވާލުވެވަޑައި ގަތީއްސުރެ ހިނގަމުންދިޔަ ސިޔާސީ އަރާރުންތަކުގެ ނަތީޖާއެއްގެގޮތުން ޕާލަމެންޓްގައި ބޮޑުވަޒީރަށް ލިބިވަޑައިގެންފައި އޮތް އަޣުލަބިއްޔަތު ގެއްލިވަޑައިގަތުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާއެކު އޭނާގެ މުޅި ކެބިނެޓުވެސްވަނީ އިސްތިއުފާ ދެއްވާފައެވެ.

މުހްޔިއްދީން ޔާސީން އިސްތިއުފާ މިދެއްވީ، 17 މަސްދުވަހު ވެރިކަން ކުރެއްވުމަށް ފަހުގައެވެ.

އައު ބޮޑުވަޒީރަކު މަގާމާ ހަވާލުވެވަޑައި ގަންނަވަންދެން މެލޭޝިޔާގެ ރަސްގެފާނު އައްސުލްތާން އަބްދުﷲ ވަނީ ވަގުތީ ބޮޑުވަޒީރުކަމަށް މުހްޔިއްދީން ޔާސީން އައްޔަން ކުރައްވާފައެވެ.

ނަމަވެސް، މެލޭޝިޔާއަށް އައު ބޮޑުވަޒީރަކު ކަނޑައެޅޭނީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑްބަލިމަޑުކަމުގެ މި ހާލަތުގައި އިންތިޚާބެއް ނުބާއްވާނޭ ކަމަށް ރަސްގެފާނުވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތް ބޭފުޅަކު ވަރަށް އަވަހަށް ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ރަސްގެފާނު ވިދާޅުވެފައި ވެއެވެ.

ޓީވީ މެދުވެރިކޮށް އިސްތިއުފާ އިއުލާން ކުރައްވަމުން މުހްޔިއްދީން ޔާސީން ވިދާޅުވީ، ސަރުކާރުގެ ހިންގުން ނުހުއްޓި ކުރިއަށް ދިއުމަށްޓަކައި ވިހާވެސް އަވަހަކަށް އައު ސަރުކާރެއް އެކުލަވާލުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވުމުން، ކޮވިޑްބަލި އަލުން ފެތުރިގެންފައިވާތީ އެކަން ހުއްޓުވަން ކުރެވޭ މަސައްކަތްތަކާއި، ކޮވިޑްގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެގެން ދާނެކަމަށް ބެލެވިފައި ވެއެވެ.

ކޮވިޑްބަލިޖެހޭ މީހުންނާއި އަދި ބަލީގައި މަރުވާ މީހުންގެ ރޭޓަށް ބަލާއިރު، މެލޭޝިޔާ ހިމެނިގެން ގޮސްފައިވަނީ ސަރަހައްދުގައިވެސް އެންމެ ކުރީގައި އުޅޭ ގައުމަށެވެ.

މިވަގުތު ޕާލަމެންޓް އޮތް ގޮތަށް ބަލާއިރު، ޔާސީންއަސްފަހު މެލޭޝިޔާގެ ބޮޑުވަޒީރަކަށް ވަޑައިގެންފާނެ ބޭފުޅަކު ސާފު ނޫންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޕާލަމެންޓްގެ އެއްވެސް މެމްބަރަކަށް އަޣުލަބިއްތެއް ނެތެވެ.

ބޮޑުވަޒީރަކަށް ގެންނާނެ ބޭފުޅަކާ ގުޅޭގޮތުން ޚިޔާލު ތަފާތުވުންތައް އުފެދި، ޕާލަމެންޓުގެ އިދިކޮޅު ބްލޮކް އޮތީ ދެބައިވެފައެވެ.

އެހެން ނަމަވެސް، މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވުމުން އެއްކަމެއް ވަނީ ޔަގީންވެގެން ގޮސްފައެވެ. އެއީ، 2018 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ބަލިވި ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން، އުމްނޯގެ ބޭފުޅަކު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމެވެ.