ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ސްރީލަންކާގެ ހެލްތު މިނިސްޓަރު މަގާމުން ދުރުކޮށްފިއެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ އޮފީހުން ބުނެފައިވަނީ، ހެލްތު މިނިސްޓަރުކަމުގައި ހުންނެވި ޕަވިތްރަ ވައްނިއަރައްޗީގެ ބަދަލުގައި އެ މަގާމަށް މީޑިއާ މިނިސްޓަރ ކެހެލިޔާ ރަމްބުކްލެވާ މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

ކެހެލިޔާ ރަމްބުކްވެލާއަކީ ސަރުކާރުގެ ތަރުޖަމާނުވެސް މެއެވެ.

ހެލްތު މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށް ޕަވިތްރަ ވައްނިއަރައްޗީއަށް ރައީސް ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރުކަމެވެ.

ހެލްތު މިނިސްޓަރުކަމުން މިއަދު ވަކިކުރެއްވި ޕަވިތްރަ ވައްނިއަރައްޗީއަކީ، ބޭސްވެރިކަމުގެ ބޭރުން ކޮވިޑްބަލި ރަނގަޅު ކުރެވޭކަމަށް ގަބޫލުކުރައްވާ ބޭފުޅެކެވެ.

އޭނާ މީގެކުރިންވަނީ ކޮވިޑު ނުޖެހޭ އެއްޗެއް ކަމަށްބުނެ ސިހުރު ހަދާ މީހަކު އުފެއްދި ދިޔާ އެއްޗެއްވެސް ފާޅުގައި ހިއްޕަވައި އަދި އެ އުފެއްދުން ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި "ކަލާނގެވަންތަ" ކަމަށް ހެދިގެން އުޅޭ މީހަކު މަތަރާފައި ދިން "ބަރަކާތްތެރި ފެނެއް" އޭނާވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކޯރަކަށް އަޅާފައެވެ.

ނަމަވެސް، އޭގެފަހުން ކޮވިޑްބަލި ޖެހި ޕަވިތްރަ ވައްނިއަރައްޗީ މިއަހަރުގެ ޖެނުއަރީމަހު ހާލު ދެރަވެ އައިސީޔޫގައިވެސް ފަރުވާދީފައި ވެއެވެ.

ސްރީލަންކާގެ ކޮވިޑްބަލީގެ ހާލަތު ސިއްރުކުރާ ކަމުގެ ތުހުމަތުތައް ކުރިމަތިވެ ހެލްތު މިނިސްޓްރީ މިދިޔަ ހަފްތާގައި ހޫނުފެނަށް ވެއްޓިފައި ވެއެވެ.

ސްރީލަންކާގައި ކޮވިޑްބަލީގެ ހާލަތު ގޯސްވެ، ބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު މިދިޔަ ހަފްތާއިން ފެށިގެންވަނީ 150 އިން މައްޗަށް ގޮސްފައެވެ.

ދުވާލެއްގެ މައްޗަށް ތިން ހާހަށްވުރެ ގިނަމީހުން އަލަށް ޕޮޒިޓިވް ވަމުންދާއިރު، ހޮސްޕިޓަލްތައް ފުރި، ބަލިމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްވެސް ނުކުޅެދޭ ހާލަތަށް މިހާރުވަނީ ގޮސްފައެވެ.

ބަލި ފެތުރުން ހުއްޓުވަން މުޅި ގައުމު ލޮކްޑައުން ކުރުމަށް އެކިއެކި ފަރާތްތަކުން ގޮވާލަމުންދިޔަ ނަމަވެސް، ލޮކްޑައުންއަކަށް ދިއުމަށް ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.

އެހެން ނަމަވެސް، ސްރީލަންކާ ގަޑިން މިރޭ 10:00 އިން ފެށިގެން ހަރުކަށި އެހެން ފިޔަވަޅުތައް އަޅަންވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، ރޭގަނޑު 6 ގަޑިއިރުގެ ކާފިއު ހިންގުން ހިމެނެއެވެ. އެ ވަގުތުތަކުގައި ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، އޮފީސްތައް ހުޅުވުމަކީ މަނާކަމެކެވެ.

އަންގާރަ ދުވަހުން ފެށިގެން ކައިވެނި ހަފްލާތައް ބޭއްވުން މަނާކޮށްފައިވާއިރު، ސަރުކާރުގެ އެކިއެކި ބައްދަލުވުންތަކާއި، އާންމު އެއްވުންތައް ސެޕްޓެމްބަރުމަހުގެ 1 އާއި ހަމައަށް ބޭއްވުން ވަނީ މަނާކޮށްފައެވެ.