ސަރުކާރަށް ޚިދުމަތް ކުރުމަށް ނުކުތުމަށް އަފްޣާނިސްތާނުގެ އަންހެނުންނަށް ތާލިބާން ޖަމާއަތުން ގޮވާލައިފިއެވެ.

ތާލިބާން ޖަމާއަތުން މިކަމަށް މިގޮވާލީ، އަފްޣާނިސްތާނުގެ މަދަނީ ސަރުކާރު ވެއްޓި، ވެރިރަށް ކާބުލްއާއެކު މުޅި އަފްޣާނިސްތާން ތާލިބާން ޖަމާއަތުގެ އަތްދަށަށް ގޮސް، އެ ޖަމާއަތުގެ ކުރީގެ ވެރިކަމުގައި އޮތްފަދަ ހަރުކަށި އުސޫލުތަކެއް ތައާރަފް ކުރާނެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި ފެތުރިފައި ވަނިކޮށެވެ.

1996 އިން 2001 އަށް ތާލިބާނުން އަފްޣާނިސްތާނުގައި ކުރި ވެރިކަމުގައި، އަންހެންކުދިން ސްކޫލްތަކަށް ދިއުން ހުއްޓުވާފައި ވެއެވެ. އަދި ގެއިން ބޭރުގައި އަންހެނުން ވަޒީފާ އަދާކުރުން ނުވަތަ އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

އަންހެނުންނަށް ގެއިން ބޭރަށް ނުކުމެވެނީ މުޅި ހަށިގަނޑު ނިވާކޮށްގެން އަދި އާއިލާގެ ފިރިހެނަކާ އެކުގައެވެ.

ތާލިބާނުން ވެރިކަމަށް އައުމަށްފަހު އަފްޣާނިސްތާނުގައި މިއުޒިކް މަނާކޮށް ވަގުންގެ އަތްކަނޑައި، ޒިނޭކުރާ މީހުން ރަޖަމްކުރަމުން ގެންދިޔައެވެ.

އަނެއްކާވެސް ތާލިބާނުންގެ އަތްމައްޗަށް މުޅި އަފްޣާނިސްތާނު ގޮސްފައިވާއިރު، ކުރީގެ އުސޫލުތައް އަނބުރާ ގެންނާނެކަމުގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އާންމުންގެ ތެރޭގައި ފެތުރިފައިވާއިރު، އާންމުންގެ ނުތަނަވަސްކަން ކުޑަކުރުމަށް އެ ޖަމާއަތުން ތަފާތު މަސައްކަތްތައް ކުރަމުންދާކަން ފާހަގަ ކުރެއެވެ.

ވެރިކަން ގާއިމްކުރުމުގެ އެއްވެސް މަސައްކަތެއް އަދި ފަށާފައި ނުވާއިރު، ތާލިބާން ޖަމާއަތުގެ ކަލްޗުރަލް ކޮމިޝަންގެ މެމްބަރު އިނާމުﷲ ސަމަންގާނީ އަފްޣާނިސްތާނުގައި ގާއިމްކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުގައި އަންހެނުން ބާކީ ނުކުރާނޭ ކަމަށެވެ.

އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތުގެމަތިން އަންހެނުން ސަރުކާރުގައި ބައިވެރިވާން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ހަރުކަށި އުސޫލުތައް އަނބުރާ އިއާދަކޮށްފާނެތީ އާންމުންގެ ތެރޭގައި އުފެދިވާ ކަންބޮޑުވުންތަކަށްވެސް އިނާމުﷲ ޖަވާބު ދެއްވިއެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނަކީ މުސްލިމުން. އަޅުގަނޑުމެން މިއައީ ގަދަބާރުން އެމީހުން ދީނަށް އުޅެން މަޖުބޫރު ކުރާކަށްނޫން"
އިނާމުﷲ

ތާލިބާން ޖަމާއަތުގެ އަތްމައްޗަށް މުޅި އަފްޣާނިސްތާނު ގޮސްފައިވާއިރު، އަފްޣާނިސްތާނުގައި ތިބި އެމެރިކާ އަދި ނޭޓޯގެ ސިފައިންގެ ފައުޖުތައް އަދި ނުފައިބައެވެ.

އެމެރިކާ ސިފައިން ފޭބުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެއީ، އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރިތާ ބަރާބަރު 20 އަހަރު ފުރޭ ދުވަހެވެ.

ރައީސް އަޝްރަފް ޣަނީގެ ސަރުކާރުގެ އެތައް ބޭފުޅުންނާއި، އެ ބޭފުޅުންގެ އާއިލާތައް އަފްޣާނިސްތާނުން ބޭރުކުރުމުގެ މަސައްކަތް އެމެރިކާ ސިފައިން ކުރަމުންދާއިރު، ގައުމުން ބޭރުވާން މަސައްކަތްކުރާ އެތައްހާސް ބަޔަކު ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތޮއްޖެހި އިއްޔެ ހިނގި ކަންތައް މިހާރުވަނީ މައިތިރިކޮށްފައެވެ.

އެއަރޕޯޓުގެ ރަންވޭވެސް މިހާރުވަނީ ހުސްކޮށްފައެވެ. މަތިންދާ ބޯޓުތައް ގެންދަނީ ރަންވޭއަށް ޖައްސަމުންނެވެ.

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުގައި އެލިގަތް ބަޔަކު ވެއްޓި މަރުވިއިރު، އިއްޔެ ހިނގި ކަންތައްތަކުގެ ތެރޭގައި ޖުމްލަ 7 މީހުން މަރުވިއެވެ.

އަފްޣާނިސްތާނުގެ މައްޗަށް ތާލިބާނުން އަތްގަދަ ކުރި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް އަދި ނުހިނގައެވެ. ވެރިކަމާ ހަވާލުވުމުގެ ކަންތަކާ ގުޅޭގޮތުން ތާލިބާންގެ ވެރިންނާއި، އަފްޣާނިސްތާނު ސަރުކާރާ ދެމެދު މަޝްވަރާތައް ދަނީ ހިނގަމުންނެވެ.

މިމަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވަނީ ކުރީގެ ރައީސް ހާމިދު ކަރްޒާއީއާއި، އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވް ޑރ. އަބްދުﷲ އަބްދުﷲ އެވެ.

މުޅި ދުނިޔެ މިހާރުއޮތީ އަފްޣާނިސްތާނަށް ވާންއުޅޭ ގޮތެއް ބަލާށެވެ. އަފްޣާނިސްތާނުގައި ހިނގަމުންދާ ކަންތައްތައް ދުނިޔެ ވަރަށް ގާތުން ބަލަމުންދާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައި ވެއެވެ.