އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު މެޗުތަކާއި ކުރިމަތިލާއިރު މިބުރުގެ މެޗުތަކުގައި އެންމެ ބޮޑު އެޑްވާންޓޭޖެއް ލިބިފައިވާ ޓީމަކީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ކަމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިމަހުގެ 18 ވަނަ ދުވަހު ބަޝުންދަރާ އާއި ދެކޮޅަށް މާޒިޔާ ނުކުންނަ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ ގުރޫޕުގައި ދެންހުރި ކުލަބުތަކާއި އަޅާ ބަލާއިރު ބަޝުންދަރާ އަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތް ކަމަށެވ.
އެގޮން މި ގުރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ވާދަވެރި މެޗުތަކެއް ކުޅެ، މުބާރާތެއްގެ ތެރޭގައި ކައިރި މުސްތަގްބަލެއްގައި ކުޅެފަ އޮތް ހަމައެކަނި ޓީމަކީ ބަޝުންދަރާކަމަށާއި އެފުރުސަތު ކޮވިޑުގެ ސަބަބުންނާއި އެހެން ބައެއް ކަންތައްތަކުގެ ސަބަބުން ގުރޫޕުގައި ހިމެނޭ އެހެން ޓީމުތަކަށް ލިބިފައި ނުވާކަމަށެވެ.
މީގެއިތުރުން ވިޑަކޮވިޗް ބުނީ ވާދަވެރި ނޫން ނަމަވެސް މާޒިޔާ އަށްވެސް ރަނގަޅު މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އަންނަ ޓީމަކާއި ލީގު މެޗުތަކެއް ކުޅެފަ މުބާރާތާއި ކުރިމަތިލާ ޓީމަކާ ފަރަގު ހުންނާނެކަން ވިޑަކޮވިޗް ފާހަގަކުރިއެވެ. ހާއްސަކޮށް މާޒިޔާ އާއި ދެކޮޅަށް ކޭމްޕުގެ ތެރެއިން ކުޅުނު ޓީމުތަކަކީވެސް ޕްރީ ސީޒަން މެޗުތައް ކުޅެމުންދިޔަ ބައެއް ކަމުން އެމީހުންވެސް މެޗުތަކުގައި އެފޯރި އާއި ވާދަވެރިކަން ނުދައްކާނެކަމަށް ވިޑަކޮވިޗް ބުންޏެވެ.
ވިޑަކޮވިޗް އިތުރަށް ބުނީ ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން މީގެކުރިން ރާއްޖޭގެ ޓީމްތަކަށް އިރުޝާދުދީފައި ހުރުން އެއީ އެޓީމަށް ލިބޭ އެޑްވާންޓޭޖެއްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޮސްކާ އަށް މާޒިޔާގެ ބައެއް ކުޅުންތެރިން އޭޅު ކުޅުނު ކުޅުން އެނގިދާނެ ކަމަށާއި އެހެންނަމަވެސް އެކަމުގެ ފައިދާއެއް އެޓީމަށް ކުރާނެކަމާއިމެދު ޝައްކުކަމަށް ވިޑަކޮވިޗް ބުންޏެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު މެޗުތައް ބުދަ ދުވަހު ފަށާއިރު މާޒިޔާއިން ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ އަރަބިއްޔާގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕުގެ ތެރެއިން އެކުލަބުން ވަނީ ސައުދީގެ ތިން ކުލަބަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.
އެގޮތުން ސައުދީގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ވަނީ އެގައުމުގެ އަލް-އިއްތިހާދުގެ ޒުވާން ޓީމު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ވަނީ އަލް ވަހްދާ އެފްސީއާ ދެކޮޅަށް ކުޅެ، 0-0 އިން އެއްވަރުކޮށްފައެވެ. ކޭމްޕުގައި ކުޅުނު ފަހު މެޗުގައި އެގައުމުގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޖިއްދާ އެފްސީ އާއި ދެކޮޅަށް ކުޅެ ވަނީ 2-2 އިން އެއްވަރުކޮށްފައެވެ.
ރަނގަޅު ތަމްރީނު ތަކަކާއިއެކު ބޮޑު މުބާރާތަކަށް މާޒިޔާ ޓީމުން ނުކުންނައިރު ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށް ނުކުންނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ 21:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.