އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް މާޒިޔާއިން ނުކުންނަނީ ގައުމު ތަމްސީލުކުރުމުގެ ވިސްނުމުގައި ކަމަށާއި، ހިތްހަމަޖެހޭ ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެކަމަށް އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފިއެވެ.
ގްރޫޕް ސްޓޭޖުގައި މާދަމާ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަސަދުﷲ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އަދި ކުލަބުންވެސް ދެކެނީ އެޓީމުން ތަމްސީލުކުރަނީ ރާއްޖެ ކަމަށެވެ. އެހެންކަމުން ގައުމަށް ރީތިނަން ހޯދައިދިނުމުގެ އަޒުމުގައި ހިތްހަމަޖެހޭ ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެކަމަށް ތަޖުރިބާކާރު ފޯވާޑް ބުންޏެވެ.
މީގެއިތުރުން ގްރޫޕް ސްޓޭޖުގެ ކުލަބުތަކުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށާއި ކޮންމެ ޓީމަކުންވެސް ކުޅޭ ފުރަތަމަ މެޗުން މޮޅުވުމުގެ މުހިންމުކަމަށް އަސަދުﷲ އަލިއަޅުވާލިއެވެ.
އަސަދުﷲ އިތުރަށް ބުނީ ސަޕޯޓަރުން ދަނޑަށް ވަނުމުގެ ފުރުސަތު ނެތްނަމަވެސް އަމިއްލަ ފަސްގަނޑުގައި މެޗުތައް ކުޅެން ލިބުމަކީ ޓީމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި ދަނޑަށް ފަރިތަވާނީވެސް އަދި ގަދަވާނީވެސް މާޒިޔާކަމަށް އޭނާ ބުންޏެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް މާޒިޔާއިން ތައްޔާރުވަމުންދާއިރު އެކުލަބުން ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިންގ ކޭމްޕެއް ކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގައި ކޭމްޕުކުރިއިރު އެކުވެރިކަމުގެ ތިންމެޗު ވަނީ ކުޅެފައެވެ.
މި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް އެކުލަބުން ނެރެފައިވާއިރު މާޒިޔާ އާއި ބަޝުންދަރާ ކިންގްސް ބައްދަލުކުރާ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.