މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދައްކައިދޭ ޓީމު ކަމަށް ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ބުދަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން އޮސްކާ ބުނީ، އޮސްކާ ބުނީ މާޒިޔާ އަކީ ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ދައްކައިދޭ ޓީމު ކަމަށާއި އެއްވެސް ޝައްކެއްނެތި މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ އެއީ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި މާޒިޔާ އަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރިފްލެކްޝަން. މާނައަކީ މާޒިޔާ އަކީ ފާސްޓުު ޓީމެއް. މޮޅެތި ވިސްނުންތޫނު ކުޅުންތެރިންތަކެއް ތިބި ޓީމެއް"
އޮސްކާ

އަދި މާޒިޔާ އަކީ ރާއްޖޭގެ ޗެމްޕިއަނުންނަށްވާއިރު ބަޝުންދަރާ އަކީ ބަންގްލަދޭޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަނުންގެ އިތުރުން މިހާރު އެގައުމުގެ އެންމެ ވަރުގަދަ ޓީމުކަމަށް އޮސްކާ ބުންޏެވެ. އެހެންކަމުން މި މެޗަކީ ހަމައެކަނި އާދައިގެ ދެ ކުލަބުން ކުޅޭ މެޗަކަށް ނުވާނެ ކަމަށާއި މި މެޗަކީ ދެ ގައުމުގެ ފުޓުބޯޅައިގެ ގަދަ ދެބާރުގެ ކުރިމަތިލުމެއް ކަމަށްވެސް އޮސްކާ ބުންޏެވެ.

އޮސްކާ އިތުރަށް ބުނީ މާޒިޔާގެ އެޓޭކިންގ ލައިނަކީ ވަރަށް ވަރުގަދަ ޑިޕާޓްމަންޓަކަށްވީ ނަމަވެސް، އެކުލަބުގެ ޑިފެންސް ލައިން އެހާ ވަރުގަދަ ނޫން ކަމަށެވެ.

"ޑިފެންސްގައި މާޒިޔާ ފެނިގެންދަނީ ތަންކޮޅެއް ބަލިކަށިކޮށް. މާޒިޔާ އަކީ މުޅިން ޑިފެންސް ކުރުމަށް ވިސްނައިގެން ކުޅޭ ޓީމެއް ނޫން. އެމީހުންގެ ފޯކަސް ހުންނަނީ ބޯޅަ ހޯދައިގެން އުފައްދާ ފުރުސަތުތަކުން ލަނޑު ޖަހައިގެން މެޗުތައް ކާމިޔާބު ކުރުމަށް. މާޒިޔާ އަކީ އެޓޭކިންގައި ވަރުގަދަ މޮޅު ޓީމެއް. އެކަމުގެ ހެއްކެއް އެއީ ފާއިތުވީ ދިވެހި ޕްރިމިއަރ ލީގުގައި މެޗަކުން ބަލިނުވަ މާޒިޔާ ލީގު ޓައިޓަލް ހޯދުން"
އޮސްކާ

މީގެކުރިން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗުކަން ކޮށްދީފައިވާ އޮސްކާ ބުނީ ރާއްޖޭގެ ފަސްގަނޑުގައި ހޯދި ފަދަ ކާމިޔާބެއް މި ފަހަރުގެ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ އެކު ތަކުރާރު ކުރަން ބޭނުންވާ ކަމަށެވެ.

2017 ވަނަ އަހަރުގެ މެދުތެރެއިން 2018 ވަނަ އަހަރުގެ ވަކި ހިސާބަކަށް އޭނާ ނިއުރޭޑިއަންޓަށް ކޯޗުކަން ކޮށްދީފައިވާއިރު އޭނާ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކަހަލަ ގޮތަކަށް ކާމިޔާބު ކޮށްފައެވެ.

ބަޝުންދަރާ އިން މިހާތަނަށް އޭއެފްސީ ކަޕްގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ބަޝުންދަރާ މޮޅުވީ 5-1 އިންނެވެ. އޭއެފްސީ ކަޕްގައި މިހާތަނަށް މާޒިޔާ ކުޅުނު މެޗުތަކުގައި ބަންގްލަދޭޝް ޓީމެއް އަތުން ބަލިވެފައިނުވެ އެވެ.

މާޒިޔާ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.