އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފަން ބޭނުން ނުވާ ކަމަށާއި، އެންމެނަށް މައާފް ކޮށްފި ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ތާލިބާން ޖަމާއަތުން މިހެން ބުނެފައިވަނީ، އަފްޣާނިސްތާނު އެ ޖަމާއަތުގެ އަތްދަށަށް މިދިޔަ އާދީއްތަދުވަހު ދިޔަފަހުން ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައެވެ.

ނިއުސް ކޮންފަރެންސްގައި ވާހަކަ ދެއްކީ، ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދުއެވެ.

ޒަބީހުﷲ މީގެކުރިން ވެފައިވަނީ، ފިލާ ހުރެ ތާލިބާން ޖަމާއަތުގެ ނަމުގައި ނޫސްބަޔާންތެއް ނެރޭ މީހަކަށެވެ.

އެހެން ނަމަވެސް، އޭނާ މިއަދުވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ކުރިމައްޗަށް ނުކުމެފައެވެ.

ނިއުސް ކޮންފަރެންސްގައި ޒަބީހުﷲ ވަނީ، ތާލިބާން ޖަމާއަތުން މުޅި އަފްޣާނިސްތާނު ހިމާޔަތް ކުރާނޭ ކަމަށް ވައުދުވެފައެވެ.

އޭނާ ވިދާޅުވީ، ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔަ ނަމަވެސް، އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފަން އެ ޖަމާއަތުން ބޭނުން ނުވާ ކަމަށެވެ.

"ތާލިބާން ޖަމާއަތުން އެއްވެސް މީހެއްގެ ކިބައިން މަދަލުހިފާކަށް ބޭނުމެއްނުވޭ. އެންމެނަށް މައާފްކޮށްފިން. ކުރީގެ ސަރުކާރުތަކާއި، ބޭރުގެ ސަރުކާރުތަކާއި އަދި ބޭރުގެ އަސްކަރީ ބާރުތަކާ އެއްކޮށް މަސައްކަތް ކުރި އެންމެނަށްވެސް މައާފްދީފިން"
ޒަބީހުﷲ މުޖާހިދު

ޒަބީހުﷲ ވިދާޅުވީ، ތާލިބާން ޖަމާއަތުގެ އެއްވެސް މީހަކު އެއްވެސް މީހެއްގެ ގެއަށްގޮސް، ކުރީގެ ސަރުކާރުތަކަށް ނުވަތަ ބޭރުގެ ބާރުތަކަށް އެހީތެރިވީ ކީއްވެގެންތޯ ސުވާލު ނުކުރާނެ ކަމަށެވެ.

ހަމަ އެއާއެކު، އިސްލާމްދީނުގެ އުސޫލުތަކުގެ ތެރެއިން އަންހެނުންގެ ހައްގުތަކަށް ތާލިބާން ޖަމާއަތުން ފުރިހަމައަށް އިހްތިރާމް ކުރާނެކަމުގެ ޔަގީންކަންވެސް ޒަބީހުﷲ ދެއްވިއެވެ.

ތާލިބާނުން ބޭނުންވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޕްރައިވެޓް މީޑިއާތައްވެސް މިނިވަންކޮށް އޮތުމަށް ކަމަށާއި، ނަމަވެސް ނޫސްވެރިންނަކީ ގައުމުގެ ހަމަތަކާއި އުސޫލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް، ތަރުޖަމާނު ޒަބީހުﷲ ވިދާޅުވިއެވެ.