ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިނގަމުންދާ ތަހުގީގުގެ ކަންކަން ބެލުމަށް އެމަނިކުފާނުގެ ފަރާތުން އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލަކު ހަމަޖައްސައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ހަމަޖެއްސެވީ ޑަފްޓީ ސްޓްރީޓް ޗެމްބާސް ލަންޑަންގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ، ކްރިސްޓީ ބްރައިމްލޯ ނަމަކަށްކިޔާ ވަކީލެއް ކަމަށެވެ.
ކްރިސްޓީގެ ޒިންމާތަކުގެ ތެރޭގައި ހަމަލާއާ ގުޅުންހުރި ހެކި ހޯދުމަށާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި ތަހުގީގީ އިދާރާތަކަށް ލަފާއެރުވުން ހިމެނެއެވެ.
ރައީސް ނަޝީދާ ހަވާލާދީ މަޖިލީހުގެ އިދާރާއިން ބުނީ. ހަމަލާގެ ތަހުގީގަށް ކްރިސްޓީގެ ތަޖުރިބާއަކީ އަގު ނުކުރެވޭނެ އެއްޗެއް ކަމަށެވެ.
މިއަހަރުގެ މެއިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އައްޔަން ކުރެއްވީ ބޭރުގެ މާހިރެއް ކަމަށްވާ އައްބާސް ފާއިޒްއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްްޓް ހަމަލާގެ ތަހުގީގުގައި ދެން ކުރިޔަށްގެންދާނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުންކަމަށް އައްބާސް ފާއިޒް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ބޮމުގެ ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ފުލުހުން ނިންމައި، އެކަމުގައި ޝާމިލުވާ 4 މީހުންނަށް ދައުވާކުރަން ފޮނުވުމުން އެކަން ފާހަގަކުރައްވާ އައްބާސްވަނީ މަރުހަބާ ވިދާޅުވެފައެވެ.
އައްބާސް ވިދާޅުވީ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާއިރު، ދެން ކުރިއަށްދާނީ ތަހުގީގުގެ ދެވަނަބައި ކަމަށެވެ.
އެގޮތުން މިކަމަށް ފައިސާ ހަރަދުކޮށްފައިވާ ގޮތާއި، ބޮމުގެ ހަމަލާއާ ގުޅޭ އެހެން ކަންކަން ތަހުގީގު ކުރަމުންދާކަމުގެ ޔަޤީންކަން ފުލުހުންނާއި ޕީޖީ ދެއްވާފައިވާ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.