އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުން ބެންގަލޫރު އެފްސީގެ މައްޗަށް ކުރިހޯދާ އޭޓީކޭ މޯހަން ބަގާން އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިންޑިއާ އަށް ނިސްބަތްވާ މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދިޔަ މިމެޗުގައި ބެންގަލޫރު ޓީމަށްވުރެ މޯހަން ބަގާނުގެ ކުޅުން ވަރުގަދަކަން ފާހަގަކުރެވުނެވެ. މި މެޗު މޯހަން ބަގާނުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ހާއްސަކޮށް މެޗުގެ ކުރީކޮޅު އެޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ގޮތުން މޯހަން ބަގާން އިން މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 20 ވަނަ މިނިޓްގަ އެވެ. އޭއެފްސީ ކަޕާ ދިމާކޮށް އޭޓީކޭ އިން ގެނައި ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސް ބެންގަލޫރުގެ ޑިފެންސް ތެރެއިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ މަތީ ކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ވަނީ މަތަކޮށްފަ އެވެ.

މި މޮޅާއެކު މިއީ ބެންގަލޫރު ޓީމުގެ މައްޗަށް މޯހަން ބަގާނުން ޖެހިޖެހިގެން ކުރިހޯދި ތިންވަނަ މެޗެވެ. އެންމެފަހުން އިންޑިއަން ސުޕާ ލީގުގައި މި ދެޓީމުން ވާދަކުރި ދެމެޗުވެސް ކާމިޔާބުކުރީ މޯހަން ބަގާނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ މޯހަން ބަގާނުން ލީޑުނެގީ 39 ވަނަ މިނެޓުގައެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އޭޓީކޭގެ އަޔަލެންޑް ކުޅުންތެރިޔާ ކާލް މެކްހިއު ބޮލުން ޖައްސާލުމުން ގޯލު ކުރިމަތީގައި ހުރި ކްރިޝްނާ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

އެޓީމުން ލީޑުފުޅާކުރީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައެވެ. އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސުބަޝިސް ބޯސް އެވެ.

ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މޯހަން ބަގާން އިން ހަމަޖެހިލިިއިރު އެޓީމުން ދެން މެޗެއް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށެވެ.

މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. މި މެޗު ފަށާނީ މިރޭ 21:00 ގައެވެ.