ކާބުލް އެއަރޕޯޓުން ފުރި އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއްގެ ލޭންޑިންގ ގިއަރުގެ ތެރެއިން އިންސާނުގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް އެމެރިކާގެ އެއަރފޯސްއިން ބުނެފިއެވެ.

އެމެރިކާގެ އެއަރފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލޭންޑިންގ ގިއަރުގެ ތެރެއިން އިންސާނުގެ ހަށިގަނޑުގެ ބައިތަކެއް ފެނުނު މައްސަލައާއި، އެ ހާލަތު ދިމާވީ ކީއްވެގެންކަން މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.

އަފްޣާނިސްތާނުން މީހުން ބޭރުކުރުމަށް އެމެރިކާ ސަރުކާރުން ފޮނުވި ސީ-17 ގެ އަސްކަރީ އެތައް މަތިންދާ ބޯޓެއް، މިދިޔަ ހަފްތާގައި ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައި ވެއެވެ.

ނަމަވެސް، ތާލިބާނުން ވެރިރަށް ކާބުލްއަށް އާދީއްތަ ދުވަހު ވަނުމާއެކު، އެއަރޕޯޓު މަގުން ސަލާމަތް ހޯދައިގެން ބޭރުވާން އުޅުނު އާންމުން އުޅުނު ހާލަތު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔައެވެ.

އެގޮތުން، އެއަރޕޯޓުން ފުރި ސީ-17 މަތިންދާ ބޯޓެއްގެ ފަހަތުން އެތައްސަތޭކަ އާންމުން ދުވަމުންދިޔަ މަންޒަރާއި، އަދި ބޯޓުގެ އެކި ތަންތަނުގައި އެލިގަނެގެން މީހުން ތިބި މަންޒަރުވެސް ފެނިގެން ގޮސްފައި ވެއެވެ.

ބޯޓު ރަންވޭއިން ނައްޓާލިފަހުން ދެމީހަކު ބިންމައްޗަށް ވެއްޓޭ މަންޒަރުވެސް އެއް ވީޑިއޯއަކުން ފެނެއެވެ.

މިކަމާ ގުޅިގެން އެމެރިކާ އެއަރފޯސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ބޯޓަކީ އަފްޣާނިސްތާނަށް މީހުން ބަލާދިޔަ ބޯޓެއް ކަމަށާއި، ބޯޓު ކާބުލް އެއަރޕޯޓުގައި ޖެއްސީ ހޯމަދުވަހު ކަމަށެވެ.

ބޯޓު އެއަރޕޯޓަށް ޖެއްސުމާއެކު އެތައްސަތޭކަ އާންމުން ބޯޓު ވަށާލީ ކަމަށާއި، އެހެންކަމުން، ބޯޓުގެ ވަށައިގެން އުފެދުނު ސަލާމަތީގޮތުން ނުރައްކާތެރި ހާލަތުގެ ގޮތުން ސީ-17 ބޯޓުގެ ކްރޫން ނިންމީ ވީހާވެސް އަވަހަކަށް އެއަރޕޯޓުން ނައްޓާލުމަށް ކަމަށެވެ.

އެކަމަކު، ބޯޓަށް ކުރިމަތިވި ކަމަށް ބުނާ ހާލަތާއި އަދި ކުށެއްނެތް ބައެއްގެ ފުރާނަ ގެއްލުނު މައްސަލަ އެމެރިކާ އެއަރފޯސްގެ އޮފީސް އޮފް ސްޕެޝަލް އިންވެސްޓިގޭޝަނުން މިހާރު ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

އަފްޣާނިސްތާނު ދޫކޮށްދިއުމަށް ކާބުލް އެއަރޕޯޓަށް އެތައްހާސް ބަޔަކު ޖަމާވެ ތޮއްޖެހުމުގެ ސަބަބުން ހޯމަދުވަހު ހިނގި ކަންތަކުގެ ތެރޭގައި 5 މީހުން މަރުވިކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، އެހެން ބައެއް ރިޕޯޓްތައް ބުނަނީ 10 މީހުން މަރުވި ކަމަށެވެ.

އެއަރޕޯޓަށް އެއްވި މީހުން މަރުވީ މީހުން ދުރުކުރުމަށް އެމެރިކާ ސިފައިން ބަޑިޖެހުމުންނާއި އަދި ފިތިގެން ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ 7 މީހުން މަރުވި ކަމަށާއި، ބައެއް މީހުން މަރުވީ އެއަޕޯޓުން ނައްޓާލި މަތިންދާ ބޯޓުގައި އެލިގަނެގެން ތިއްބައި ވެއްޓުމުގެ ސަބަބުން ކަމަށެވެ.