އަފްޣާނިސްތާނުގެ ވެރިކަމަށް އަނެއްކާވެސް ތާލިބާނުން ވެރިވެގަތުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އަފްޣާނިސްތާނުގެ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ޚާލިދާ ޕޯޕާލް ބުނެފިއެވެ.

ބީބީސީ ސްޕޯޓްސް އަށްދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޚާލިދާ

އެގޮތުން އެކުޅުންތެރިން ބާކީ ކޮށްލައިފި ކަމަށާއި، ގެއިން ބޭރަށްދާން ނުކެރި ގޭގައި ތާށިވެފައިވާ ކަމަށް އެކުޅުންތެރިން ރޮއެފާ އޭނާގެ ގާތުގައި ބުނާކަމަށް ޚާލިދާ ބުންޏެވެ. ޕޯޕާލް ބުނީ އެކުޅުންތެރިން ދެކެމުން އައި ހުވަފެންތައް ފުނޑުފުނޑު ކޮށްލައިފި ކަމަށެވެ. އަދި މިއީ ބިރުވެރި ހުވަފެނެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.

ޚާލިދާ ބުނީ އަފްޣާނިސްތާނުގައި އަންހެނުންނަށް ގިނަ ހައްގުތަކެއް ހޯދިފައިވަނީ އެތައް ބައެއްގެ މިންނެތް މަސައްކަތާއި އެތައް ބަޔަކާއި އެކު ކުރި ބަހުސެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ކުޅިވަރު ކުޅުމުގެ ހައްގަކީވެސް މިފަދައިން ހޯދައިދެވުން ހައްގުތަކެއް ކަމަށާއި 20 އަހަރުފަހުން ތާލިބާނުން އެނބުރި އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުން މިފަދަ އެތައް ހައްގެއް ގެއްލޭނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

މީގެއިތުރުން ޚާލިދާ ބުނީ ފުޓުބޯޅަ ކުޅުމުގެ ފުރުސަތު އަނެހްނުންނަށް ހޯދައިދިނުމަށް ދީނީގޮތުން ހަރުކަށި މީހުންގެ ކުރިމަތީގައި ވަކާލާތުކުރި އެތައް ބަޔަކަށް މިހާރު އިންޒާރުތައް ކުރިމަތިވެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހައްގުގެ ވަކާލާތުކުރި އެތައް ބަޔަކު އަދި މިހާރު ޓީމުގައި ހިމެނޭ އެތައް ކުޅުންތެރިންތަކެއް އޭނާއަށް ގުޅާފައި ރޯ ކަމަށާއި، އެމީހުން ބުނިގޮތުގައި ކުރިން އެކުޅުންތެރިން އެބައެއްގެ ކުރިމަތީގައި ދިފާއުވާން ވަކާލާތުކުރި އެތައް ބަޔަކު މިއަދު އެމީހުންގެ ގޭ ދޮރުމަތީގައި ތިބިކަމަށެވެ. އަދި މި ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެއްވެސް މީހެއްވެސް އަދި އެފަދަ ގޮތެއްވެސް ނެތްކަމަށް ޚާލިދާ ބުންޏެވެ.

ޚާލިދާ ބުނީ ތާލިބާނުން ވެރިކަމަށް އައުމުން އެގައުމުގައި އެތައް އަންގެން ކުދިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދިފައިވާ ކަމަށާއި ހާއްސަކޮށް ކުޅިވަރު ކުޅޭ އަންހެން ކުދިންނަށް މި ނުރައްކާ ބޮޑުކަމަށެވެ.

މިހާރު ޑެންމާކުގައި ދިރިއުޅެމުންދިޔަ ނަމަވެސް އަފްޣާނިސްތާނު އަންހެން ޓީމުގެ ޑިރެކްޓަރެއްގެ ޒިންމާ އުފުލަނީ ޚާލިދާއެވެ. އަދި އޭނާ އަކީ 2007 ވަނަ އަހަރު އަފްޣާނިސްތާނުގައި އަންހެނުންގެަ ފުޓުބޯޅަ ޓީމެއް އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރި ފަރާތެކެވެ. އުމުރުން 34 އަހަރުގެ ޚާލިދާ ބުނީ އަފްޣާނިސްތާނުގެ ވެރިކަމުގައި ތާލިބާނުން އޮތްހާ ދުވަހަކު އެގައުމުގެ އަންހެނުންނާއި އަންހެން ކުދިން ދިރިއުޅޭނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ.