އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ބަލިކޮށް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އިން މިފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ބަޝުންދަރާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗަކީ ބަޝުންދަރާއިން އޭއެފްސީ ކަޕުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު އަތުން 5-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށްކުޅެ ރަނގަޅު ހަމަލާތަކެއް މާޒިޔާ އިން ވަނީ އުފައްދާފައެވެ. އެގޮތުން ފުރަތަމަ ފަސްވަރަކަށް މިނެޓުގެ ތެރޭގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޯނީލިއަސް ސްޓެވާޓް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށް ބަޝުންދަރާގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކޮށްފައެވެ.

އަދި މެޗުގެ 8 ވަނަ މިނެޓުގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހެއް، ހަސަން ނާއިޒް (ދާދު) ވަނީ ބޮލުން ގޯލާއި ދިމާލަށް ފޮނުވާލާފައެވެ. ތަންކޮޅެއް މަޑުން ދާދުއަށް ފޮނުވާލެވުނު މިހަމަލާ ދިފާއުކުރީ ބަޝުންދަރާގެ ކީޕަރު އަނިސުރް ރަހްމާނެވެ.

މަޑުމަޑުން ބަޝުންދަރާއިންވެސް މެޗުގެ ތެރެއަށް ވަދެގެން ކޮންމެވެސް ވަރަކަށް މާޒިޔާގެ ގޯލާއި އަމާޒުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަގާ ލީޑުނެގީ ބަޝުންދަރާ އިންނެވެ. މިއީ މާޒިޔާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ބަޝުންދަރާގެ ކުޅުންތެރިން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ދިފާއުުރަން މާޒިޔާގެ މުހައްމަދު އިރުފާޏް (އިރޭ) ފޮނުވާލި ބޯޅައެއް ކީޕަރުގެ ބޯމަތިން ގޮސް ގޯލުގެ ތެރެއަށް ވަދެގެން ބަޝުންދަރާއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

ބަޝުންދަރާގެ ލަނޑަށްފަހު މާޒިޔާ ޓީމުގެ ކުޅުން ތަންކޮޅެއް ދަށްވެގެން ދިޔައިރު ބަޝުންދަރާއިން ވަނީ މެޗުގެ 39 ވަނަ މިނެޓުގެ ތެރޭގައި އިތުރު ލަނޑެއް ޖަހާ ލީޑުފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮބިންސަން ޑަ ސިލްވާ (ރޮބީނިއޯ) އެވެ. މިލަނޑަށްފަހުވެސް ބަޝުންދަރާ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.

އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ދެޓީމުންކުރެ ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ދެވަނަ ހާފާއި ދެޓީމުންވެސް ކުރިމަތިލީ ފުރަތަމަ ހާފުގައިވެސް ބޭނުންކުރި ފުރަތަމަ 11 އާއެކުއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މާޒިޔާއިން ވަނީ ބަދަލެއް ގެނެސްފައެވެ.އެގޮތުން އައިސަމް އިބްރާހިމް (އައިސަމް) ގެ ބަދަލުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ ކުޅެން އަރުވާފައެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ކޮންމެވެސް ވަރެއްގެ ފުރުސަތުތަކެއް ތަނަވަސްކޮށް ލަނޑެއްޖަހަން މަސައްކަތް ކުރިނަމަވެސް މާޒިޔާގެ މާ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް ބަޝުންދަރާ ޓީމުން ވަނީ މާޒިޔާގެ ގޯލާއި އަމާޒުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. މި ހާފުގައި އެންމެ ފާހަގަކޮށްލެވުނު ހަމަލާއަކީ މެޗުގެ 75 ވަނަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް ރައުލް އޮސްކާ ބެކެރާ ފޮނުވާލި ހަމަލާއެވެ. މުޅިން ހުސްކޮށްހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ މާޒިޔާގެ އުޒްބަކިސްތާނު ކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އެވެ.

މެޗުން ބަލިވިނަމަވެސް މެޗުގައި މާޒިޔާ ޓީމުން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. ހާއްސަކޮށް ބަންގްލަދޭޝް ލީގުގައި ވާދަވެރި މެޗުތަކެއް ކުޅެފައި އައި ބަޝުންދަރާ ފަދަ ޓީމަކާއި އެފުރުސަތު ނުލިބި މާޒިޔާ އިން ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

މާޒިޔާ އަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބުނީ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައެވެ. އެހެންނަމަވެސް މާޗު މަހުގެ ތެރޭގައި އެފްއޭއެމް އިން ވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން އިތުރަށް ލީގު ކުރިއަށް ނުގެންގޮސް ނިންމާލާފައެވެ. ފަރިތަކުރުންތައް ބޭއްވުމުގެވެސް ފަހި ފުރުސަތުތަކެއް މާޒިޔާއަށް ލިބިފައިނުވާއިރު އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ ޖުލައި މަހުގެ 24 އިން މިމަހުގެ 14 ވަނަ ދުވަހަށް ސައުދީ އަރަބިއްޔާގައި ކުރި ކޭމްޕުގެ ތެރެއިން ލިބުނު މެޗުތަކެވެ.

އެހެންނަމަވެސް އެ މެޗުތަކަކީ ސައުދީ ޓީމުތައްވެސް ޕްރީ ސީޒަންގައި ކުޅެމުންދިޔަ މެޗުތަކެއް ކަމުން، އެއީ ވާދަވެރި މެޗުތަކެއްގެ ގޮތުގައި ނުވަތަ ރަނގަޅު ޗެލެންޖަކަށް ތައްޔާރުވާން ލިބުނު ފުރުސަތެއް ނޫންކަމުގައި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗް ސްޓޯ ވިޑަކޮވިޗް ފާހަގަކުރިއެވެ.

މެޗުން ބަލިވިނަމަވެސް މާޒިޔާއަށް ގްރޫޕް ސްޓޭޖުގައި އަދި ދެމެޗު އެބައޮތެވެ. އެއޯ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގެ މޯހަން ބަގާނާއި ދެކޮޅަށް ނުކުންނައިރު އޭގެ ދެދުވަސް ފަހުން މިމަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ނުކުންނާނެއެވެ.