އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ ޓީމަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި މެޗުން ބަޝުންދަރާ ހޯދީ ހައްގު މޮޅެއް ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޝުންދަރާއިން ޖެހި ދެ ލަނޑަކީވެސް މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކެކެވެ.

އެގޮތުން ބަޝުންދަރާގެ ފުރަތަމަ ލަނޑަކީ ބަޝުންދަރާގެ ކުޅުންތެރިން އުފައްދަން އުޅުނު ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މާޒިޔާގެ މުހައްމަދު އިރުފާޏް (އިރޭ) ފޮނުވާލި ބޯޅައެއް ކީޕަރުގެ ބޯމަތިން ގޮސް ގޯލުގެ ތެރެއަށް ވަދެގެން ބަޝުންދަރާއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

މި ލަނޑާ ބެހޭގޮތުން ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ، ބައިކޮޅަށް ވަން މިލަނޑުގައި އެއްވެސް ކުޅުންތެރިއެއްގެ ނާގާބިލް ކަމެއް ނުވަތަ ރަނގަޅު ޕޮޒިޝަންގައި ނުހުރެވުނު ކަމަށް ގަބޫލު ނުކުރާ ކަމަށާއި، މިއީ ނަސީބު އެހީތެރިނުވުމުގެ ސަބަބުން ވަން ގޯލެއް ކަމަށެވެ. އަދި މިލަނޑުގެ ޒިންމާ އެއްވެސް ކުޅުންތެރިއެއްގެ ބޮލުގައި އަޅުވަން ބޭނުންނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

ބަޝުންދަރާއިން މެޗުގެ 39 ވަނަ މިނެޓުގެ ތެރޭގައި އިތުރު ލަނޑެއް ޖަހާ ލީޑުފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮބިންސަން ޑަ ސިލްވާ (ރޮބީނިއޯ) އެވެ.

ވިޑަކޮވިޗް ބުނީ މާޒިޔާ އަށް މެޗުގެ ފުރަތަމަ ހާފުގައި ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އެގޮތުން މިހާފުގެ ތެރޭގައި ވަރަށް ހާސްބޮޑު ގޮތަކަށް ކުޅުންތެރިން ކުޅުނު ކަމަށާއި ނަތީޖާއަކަށްވީ ގިނަ ލޯންގް ބޯލްތަކެއް ކުޅުން ކަމަށްވެސް އޭނާ ބުންނެވެ. އަދު ފުރަތަމަ ހާފުގައި ބަޝުންދަރާއަށް އެކަމުގެ އެޑްވާންޓޭޖް ލިބުމުން މިހާފުގައި އެޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މިއީ އެޓީމަށް ހައްގު މޮޅެއް ކަމަށްވެސް މާޒިޔާ އާއިއެކު ދިވެހި ލީގު ޓައިޓަލް ހޯދާފައިވާ ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ވިޑަކޮވިޗް އިތުރަށް ބުނީ މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކޮށް ރަނގަޅު ގޭމެއް ކުޅުނު ނަމަވެސްނަތީޖާ ބަދަލު ނުކުރެވުނު ކަމަށެވެ.

މެޗުން ބަލިވިނަމަވެސް އަދި މާޒިޔާއަށް އުންމީދު ނުގެއްލޭ ކަމަށާއި ކުރިއަށްހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރުވެ މުބާރާތުގައި ކުރިއަށް ދިނުމަށް ވަރަށް ފުރިހަމައަށް މަސައްކަތް ކުރާނެކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާއަށް ގްރޫޕް ސްޓޭޖުގައި އަދި ދެމެޗު އެބައޮތެވެ. އެއޯ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގެ މޯހަން ބަގާނާއި ދެކޮޅަށް ނުކުންނައިރު އޭގެ ދެދުވަސް ފަހުން މިމަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ނުކުންނާނެއެވެ.