އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބަލިފައި ދެނެގަނެ އޭގެ ބޭނުން ހިފިކަމަށް ބަޝުންދަރާ ކިންގްސްގެ ކޯޗު، އޮސްކާ ބްރުޒޮން ބުނެފިއެވެ.

ރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އޮސްކާ ވަނީ މާޒިޔާ ޓީމުގެ އެޓޭކިންގ އަކީ ވަރަށް ވަރުގަދަ ޑިޕާޓްމަންޓެއް ކަމަށާއި އެހެންނަމަވެސް އެޓީމުގެ ޑިފެންސް އަކީ އެޓީމުގެ ބަލިފައިކަމަށް ބުނެފައެވެ. އެހެންކަމުން އެކަމުގެ ފައިދާ ނަގަން މަސައްކަތް ކުރާނެކަމަށްވެސް އޮސްކާ ބުންޏެވެ.

ރޭގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮސްކާ ބުނީ އުންމީދުކުރި ގޮތަށް ރޭ މާޒިޔާ ޓީމުން ނުކުތީ ބިލްޑް އަޕް ކޮށްގެން މުޅި ޓީމު އެޓޭކިންގ އަށް ވިސްނައިގެން ކަމަށެވެ. އެކަން އެހެން ކުރާނެކަން ބަޝުންދަރާގެ ކުޅުންތެރިންނަށް ވިސްނާދީފައިވާނެ ކަމަށާއި ރޭގެ މެޗުން މޮޅުވީ އޭނާ ކިޔައިދިން ކަންކަން ކުޅުންތެރިން މެޗުތެރޭގައި ދައްކައިގެން ކަމަށްވެސް އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މާޒިޔާއަށް ބިލްޑް އަޕް ތަކުގައި އާއި އެޓޭކް ތަކުގައި ބޯޅަ ގެއްލުމުން ބޮޑެތި މައްސަލަތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެ ވަގުތު ކޮޅަކީ މާޒިޔާ ޓީމު ކޮންމެވެސް ވަރަކަށް މެޗުތެރެއިން ފޯކަސް ގެއްލޭ ވަގުތުކޮޅެއްގެ ގޮތުގައި އޮސްކާ ސިފަކުރިއެވެ.

އޮސްކާ އިތުރަށް ބުނީ މެޗުގައި މާޒިޔާ ޓީމުން އެޓޭކްތައް އުފައްދަން މަސައްކަތްކޮށް ބޯޅަ ގެއްލޭ ގަޑިއަށް ބަޝުންދަރާގެ ކުޅުންތެރިން ބެލިކަމަށާއި، އެ ގެއްލޭ ބޯޅައިގައި ކައުންޓަރ އެޓޭކުން ފުރުސަތުތަކެއް ތަނަވަސްކުރަން ވިސްނިކަމަށެވެ.

ބަންގްލަދޭޝް ލީގުގައި މުޅި މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓްކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ބަޝުންދަރާއިިން މަސައްކަތް ކުރިނަމަވެސް ރޭގެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ޕޮޒެޝަން އިންސައްތަ ކޮންޓްރޯލް ކުރީ މާޒިޔާ އިންނެވެ. އެގޮތުން މުޅި މެޗުގެ 57 އިންސައްތަ ޕޮޒެޝަން ހިފެހެއްޓީ މާޒިޔާއިންނެވެ.

އޮސްކާ ބުނީ ބަންގްލަދޭޝް ލީގާއި ހިލާފަށް ރޭގެ މެޗުގައި މަސައްކަތް ކުރީ ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ކުޅުމުގެ ބަދަލުގައި ނަތީޖާ ނެރުމަށް ކަމަށެވެ. އަދި މެޗުގައި ބަޝުންދަރާގެ ޕްލޭން ހާސިލުވި ކަމަށްވެސް ބުންޏެވެ.

އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާއަށް ހާއްސަ ގުރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅޭއިރު މިހާތަނަށް މި ގުރޫޕުގައި ވަނީ ދެ މެޗު ކުޅެފައެވެ. އެގޮތުން ރޭ ކުޅުނު މެޗުގައި މާޒިޔާ އަތުން ބަޝަންދުރާ ކިންގްސް 0-2 އިން މޮޅުވިއިރު ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ބެންގަލޫރު އެފްސީގެ މައްޗަށް އޭޓީކޭ މޯހަން ބަގާން އިން ވަނީ 0-1 އިން ކުރިހޯދާފައެވެ.