އަފްޣާނިސްތާނުގެ ރަސްމީ ނަން ބަދަލުކޮށް ތާލިބާން ޖަމާއަތުން އެކަން އިއުލާންކޮށްފިއެވެ.
ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި "އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން" އުފެއްދިކަން ވަނީ އިއުލާން ކުރައްވާފައެވެ.
އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނުން މި ގާއިމްކުރެވުނީ، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން އަފްޣާނިސްތާނު މިނިވަންވިތާ 102 އަހަރު ފުރުމާ ދިމާކޮށް ކަމަށްވެސް ޓްވީޓްގައި ބަޔާންކޮށްފައިވެއެވެ.
މުޅި އަފްޣާނިސްތާން ތާލިބާން ޖަމާއަތުގެ ކޮންޓްރޯލް ދަށަށް މިދިޔަ އާދީއްތަ ދުވަހު ގޮސްފައިވާއިރު، އަފްޣާނިސްތާނުގައި ވެރިކަންކުރާނީ ކައުންސިލަކުން ކަމަށް ތާލިބާން ޖަމާއަތުން ބުނެފައިވެއެވެ.
އަފްޣާނިސްތާނުގައި ގާއިމްކުރާ ސަރުކާރުގެ ވެރިޔަކީ ކޮން ބޭފުޅެއްކަން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވިފައިވާ ގޮތުގައި، ވެރިކަން ކުރާ ކައުންސިލްގެ އެންމެ އިސް ވެރިޔަކަށް ހުންނަވާނީ ތާލިބާން ޖަމާއަތުގެ މިހާރުގެ ރޫހީ ލީޑަރު ހައިބަތުﷲ އަޚުންދްޒާދާއެވެ.
މިއީ، އަފްޣާނިސްތާނުގައި ތާލިބާނުން ކުރިންވެސް ވެރިކަން ކުރިއިރު އޮތްފަދަ ނިޒާމެކެވެ.
އޭރު ގައުމުގެ އެންމެ އިސް ވެރިޔަކީ މުއްލާ އުމަރު ނަމަވެސް، ވެރިކަން ހިންގަމުން ހިންގަމުން ގެންދިޔައީ ކައުންސިލަކުންނެވެ.
ތާލިބާން ޖަމާއަތުގެ މިހާރުގެ ރޫހީ ލީޑަރު އަޚުންދްޒާދާގެ ތިން ނައިބުން ތިއްބަވައެވެ.
އެއީ، ކުރީގެ ވެރިޔާ މުއްލާ އުމަރުގެ ދަރިކަލުން މުއްލާ ޔައުގޫބާއި، ނުފޫޒުގަދަ ހައްގާނީ ނެޓްވޯކުގެ ލީޑަރު ސިރާޖުއްދީން ހައްގާނީއާއި، ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އަދި ތާލިބާން ޖަމާއަތުގެ އެއް ފައުންޑަރ އަބްދުލް ޣަނީ ބަރާދަރުއެވެ.