އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕު، ގްރޫޕް ޑީގައި މިހާތަނަށް ވަނީ ދެމެޗު ކުޅެފައެެވެ.

ޖުމްލަ 4 ޓީމުގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި ހިމެނެނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގަދަ ބާރު، އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.

މި ގުރޫޕުގެ މެޗްޑޭ-1 ގައި މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު ކުޅުނީ އިންޑިއާގެ ދެޓީމެވެ. މިމެޗުގައި މޯހަން ބަގާން އިންވަނީ ބެންގަލޫރު އެފްސީގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. ދެވަނަ މެޗުގައި އެރޭ މާޒިޔާ އާއި ބަޝުންދަރާ ބައްދަލުކުރި މެޗު 0-2 އިން ކާމިޔާބުކުރީ ބަޝުންދަރާއެވެ.

މެޗްޑޭ-2 އާއި ޓީމުތަކުން ކުރިމަތިލާއިރު ހޮނިހިރު ދުވަހުގެރޭ ރާއްޖޭގެ މާޒިޔާ އިން މޯހަން ބަގާނާއި ދެކޮޅަށް ނުކުންނާނެއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިމެޗު ކުޅޭނީ އެރޭ 21:00 ގައެވެ.

ހެޑް-ޓު-ހެޑް

މި ދެޓީމުން ވަނީ އޭއެފްސީ ކަޕުގައި މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކުރިމަތިލާފައެވެ. އޭގެތެރެއިން ދެ މެޗު މާޒިޔާއިން ކާމިޔާބުކުރިއިރު މޯހަން ބަގާން ވަނީ އެއްމެޗު ކާމިޔާބު ކޮށްފައެވެ. އަނެއް މެޗުވީ އެއްވަރެވެ. މާޒިޔާއިން ކާމިޔާބުކުރީ އެންމެފަހުން ކުޅުނު ދެމެޗެވެ.

އެންމެ ފުރަތަމަ މި ދެޓީމު ކުރިމަތިލުމެއް ފެނިގެންގޮސްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިމެޗު މޯހަން ބަގާނުން ކާމިޔާބުކުރީ 2-5 އިންނެވެ. މިމެޗު ކުޅުނީ އިންޑިއާގެ އަސާމްގައި ހުންނަ އިންދިރާ ގާންދީ އެތްލެޓިކް ސްޓޭޑިއަމުގައެވެ.

ދެވަނަ މެޗު ހަމަ އެއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކުޅުނު އިރު މިމެޗުވީ 1-1 އިން އެއްވަރެވެ. މިމެޗު ކުޅުނީ މާލޭގައި ގަލޮޅު ދަނޑުގައި 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.. ތިންވަނަ މެޗު ކޮލްކަތާގައި ހުންނަ ރަބިންދްރަ ސަރޮބާރް ސްޓޭޑިއަމުގައި ކުޅުނުއިރު މިމެޗު މާޒިޔާއިން ވަނީ 0-1 އިން ކާމިޔާބުކޮށްފައެވެ.

އެންމެފަހުން މިދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުންނެވެ. މިމެޗު މާޒިޔާ އިން ކާމިޔާބުކުރީ 2-5ގެ ނަތީޖާއަކުންނެވެ.

އޭއެފްސީގައި އެންމެ ފަހުން ކުޅެފައިވާ 5 މެޗު:

މާޒިޔާ:

  • 18 އޮގަސްޓް 2021- ބަޝުންދަރާ ކިންގްސް 2-0 މާޒިޔާ
  • 11 މާޗު 2020- ޗެންނާއި ސިޓީ އެފްސީ 2-2 މާޒިޔާ
  • 26 ފެބްރުއަރީ 2020- މާޒިޔާ 4-3 ބެންގަލޫރު އެފްސީ (ޕެނަލްޓީ ޝޫޓް-އައުޓް)
  • 19 ފެބްރުއަރީ 2020- މާޒިޔާ 2-1 ބެންގަލޫރު އެފްސީ
  • 12 ފެބްރުއަރީ 2020- މާޒިޔާ 0-0- ޑާކާ އަބަހާނީ

އޭޓީކޭ މޯހަން ބަގާން:

  • 18 އޮގަސްޓް 2021- މޯހަން ބަގާން 2-0 ބެންގަލޫރު އެފްސީ
  • 31 މެއި 2017- މޯހަން ބަގާން 0-0 ޑާކާ އަބަހާނީ
  • 17 މެއި 2017- މޯހަން ބަގާން 3-1 ބެންގަލޫރު އެފްސީ
  • 3 މެއި 2017- މާޒިޔާ 5-2 މޯހަން ބަގާން
  • 19 އޭޕްރިލް 2017- މާޒިޔާ 1-0 މޯހަން ބަގާން

މިފަހަރުގެ މުބާރާތާއި ވަރުގަދަ ސްކޮޑަކާއެކު މޯހަން ބަގާން އިން ކުރިމަތިލި ނަމަވެސް ހެޑް-ޓު-ހެޑް ނަތީޖާ އަށް ބަލާއިރު ކުރީގައި އޮތުމަކީ މެޗާއި ކުރިމަތިލާއިރު މާޒިޔާ އަށް ލިބޭނެ ހިތްހަމަޖެހުމެވެ. އަދި އަމިއްލަ ފަސްގަނޑުގައި މެޗު ކުޅެން ލިބުން އެއީ މާޒިޔާ އަށް އިތުރު ހިތްހަމަޖެހުމެއް ލިބޭނެކަމެކެވެ.

މާޒިޔާއިން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅާދާން ބޭނުންނަމަ މެޗުން މޮޅުވުން މަޖުބޫރުވާއިރު މޯހަން ބަގާން އަށް އެ ޕްރެޝަރެއް ނެތެވެ. އެހެންނަމަވެސް އަމިއްލަ ބާރުގައި ގްރޫޕް ސްޓޭޖް ކަނޑަތުކުރަން ބޭނުންނަމަ އެޓީމަށްވެސް މޮޅުވުން މުހިންމެވެ.