ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މާދަމާ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ މިއަޑުއެހުމަކީ ރައީސް ޔާމީން ދަޢުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ.

މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ވަނީ ޝަފަހީ އަދި ކިތާބީ ހެކި ހިމެނޭގޮތަށް ޖުމުލަ 86 ހެއްކެއް ހުށަހަޅާފައެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ސަން ކުންފުނީގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ކުރީގެ މެމްބަރު އަލީ މައުރޫފް އަދި މ. ޕޮމްޕިޔާ އިބްރާހިމް ރަޝީދު ފާހަގަކުރެވެއެވެ.

ޔާމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ސަން ކުންފުނީގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި މި މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޟާ ފާހަގަކުރެވެއެވެ.