ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ހައިޝަމް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވީ ނިމިދިޔަ ޖުލައ މަހުގެ 29 ވަނަ ދުވަހުގައެވެ.

އަލީ ހައިޝަމްއަކީ ހަމަލާ ދިނުމަށް ސައިކަލުގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވީ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން އެންމެ ފަހުން ދައުވާކުރަން ފޮނުވީ ހައިޝަމްގެ މައްސަލައެވެ.

އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފަވާއިރު އޭނާގެ މައްޗަށް މިދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހަމަލާގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަށްވެސް ޕީޖީ އޮފީހުން މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ދައުވާ އުފުލާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދުގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހްއެވެ.

މިމީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިމައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލާދިނުމަށް އިރުޝާދުދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެއެވެ.