ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި ހަވަނަ ދުވަހުގެ ރޭ ދިން ހަމާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރުމީހުން ބަންދުގައި ބޭތިއްބުމުގެ އަމުރު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް ރަޝީދާއި، މއ. ފޭރުގެ، މުޖާޒް އަހުމަދާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

ޖުލައި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މުޖާޒާއި ތަހުމީނާއި އަދުހަމު ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

އެމީހުންގެ ބަންދު މުރާޖަޢާކޮށް، އެ ބަންދު ދަމަހައްޓަން ކުރިމިނަލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

މިމައްސަލައާ ގުޅިގެން އެންމެ ފަހުން ދައުވާކުރަން ފޮނުވީ ހައިޝަމްގެ މައްސަލައެވެ.

އަލީ ހައިޝަމްއަކީ ހަމަލާ ދިނުމަށް ސައިކަލުގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވީ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް މި ހަފުތާ ތެރޭ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.