އިސްމާއިލް ސަބްރީ ޔައުގޫބް، މެލޭޝިޔާގެ އައު ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

އިސްމާއިލް ސަބްރީ ޔައުގޫބް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ މެލޭޝިޔާގެ ރަސްގެފާނު އައްސުލްތާން އަބްދުﷲ ރިއާޔަތުއްދީން އަލް މުސްތަފާ ބިﷲ ޝާހްގެ ކުރިފުޅުމަތީގައެވެ.

އިސްމާއިލް ސަބްރީ ޔައުގޫބް ބޮޑުވަޒީރުކަމުގެ ހުވާ މި ކުރެއްވީ، މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި ހުންނެވި މުހްޔިއްދީން ޔާސީން މިދިޔަ ހޯމަދުވަހު އިސްތިއުފާ ދެއްވުމާއި އަދި އެގައުމުގައި ހަފްތާއެއްހާ ދުވަހު ހިނގައިދިޔަ ސިޔާސީ ކޯޅުންތަކަށް ފަހުގައެވެ.

މުހްޔިއްދީން ޔާސީން މަގާމުން އިސްތިއުފާ ދެއްވީ، ސިޔާސީ އަރާރުންތައް ބޮޑުވެ ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލިވަޑައިގަތުމާ ގުޅިގެންނެވެ.

ޔާސީން އިސްތިއުފާ ދެއްވުމުން، މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ދެން ވަޑައިގަންނަވާނީ އިދިކޮޅު ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން، އުމްނޯގެ ބޭފުޅެއްކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. އުމްނޯއަކީ 2018 ގެ އިންތިޚާބުގައި ބަލިވި ޕާޓީއެވެ.

އުމުރުފުޅުން 61 އަހަރުގެ އިސްމާއިލް ސަބްރީ ޔައުގޫބަކީ، ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި މެލޭޝިޔާގެ ވެރިކަމަށް ވަޑައިގެންނެވި ހަތަރުވަނަ ބޮޑުވަޒީރެވެ. އަދި މިއީ މެލޭޝިޔާގެ 9 ވަނަ ބޮޑުވަޒީރެވެ.

އިސްމާއިލް ސަބްރީ ޔައުގޫބަކީ މެލޭޝިޔާގެ ސިޔާސީ މައިދާނުގައި ކުރިން މާ މަޝްހޫރު ނަންފުޅެއްނޫނެވެ. އޭނާ ބޮޑަށް ފާހަގަ ކުރެވިގެން ގޮސްފައިވަނީ އިސްތިއުފާ ދެއްވި ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ 17 މަސްވީ ވެރިކަމުގެ މުއްދަތުގެ ތެރޭގައި ކަމަށް މީޑިއާއިން ބުނެއެވެ.

އިސްމާއިލް ސަބްރީ ޔައުގޫބަކީ ކުރީގެ ސަރުކާރުގެ ދިފާއީ ވަޒީރެވެ.

ދިފާއީ ވަޒީރުގެ ހައިސިއްޔަތުން މެލޭޝިޔާގެ ކޮވިޑްބަލީގެ ހާލަތު ކޮންމެ ދުވަހަކު މީޑިއާއަށް ހާމަކުރައްވަމުން ގެންދެވީ އިސްމާއިލް ސަބްރީ ޔައުގޫބެވެ.

މުހްޔިއްދީން ޔާސީންގެ ވެރިކަމުގެ ފަހުދުވަސްކޮޅު، އިސްމާއިލް ސަބްރީ ޔައުގޫބްވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބްގެ މަގާމަށް ޕްރޮމޯޓް ކުރައްވާފައެވެ.

އިސްމާއިލް ސަބްރީ ޔައުގޫބަކީ މެލޭޝިޔާގެ އެކި ފެކްޝަންތަކާއި ރަނގަޅު ގުޅުމެއް އޮންނަ ބޭފުޅަކަށްވާތީ، ކުރީގެ ވެރިކަމާ ޚިލާފަށް ޕާލަމެންޓް ތެރެއިން މަސައްކަތް ކުރައްވަން އައު ބޮޑުވަޒީރަށް ވަރަށް ފަސޭހަވާނެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެހެން ނަމަވެސް، މެލޭޝިޔާގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ސިޔާސީ އަރާރުންތަކަށް އައު ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބްގެ ވެރިކަމުގައި ނިމުމަކަށް ގެނައުމުގެ ފުރުސަތު ކުޑަކަމަށްވެސް މަސްރަހް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.