އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ހޮނިހިރު ދުވަހުގެ ހަވީރު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން އެއްވަރުވެ އިންޑިއާގެ ބެންގަލޫރު އެފްސީ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ގެއްލިއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ބަޝުންދަރާގެ ފޯވާޑް ރޮބްސަބް ޑަ ސިލްވާއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ބެންގަލޫރުގެ ފޯވާޑް ބިޑިޔަޝަގަރު ސިންހަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބެންގަލޫރުގެ ބްރެޒިލް ފޯވާޑް ކްލޭޓަން ސިލްވާއަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބަޝުންދަރާއިން ކުރިއަށް ޖެހި މެޗުގެ ކޮންޓްރޯލް ނެގިއިރު، މެޗުގެ 55 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރޮބީނިއޯ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ބެންގަލޫރުގެ ގޯ)ލްކީޕަރު ގްރުޕްރީތު ސިންގް ސަންދޫއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ބެންގަލޫރުގެ ބްރެޒިލް ޑިފެންޑަރު އެލަން ކޮސްޓާ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗުން ބެންގަލޫރު އެފްސީ އެއްވަރުވިއިރު އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ އިންޑިއާގެ މޯހަން ބަގާން އަތުން 0-2 އިން ބަލިވެފައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅޭ ފަހުމެޗުން މޮޅުވި ކަމުގައިވީނަމަވެސް ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ކޮންމެ ގުރޫޕަކުންވެސް ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރާނީ އެއްވަނައަށްދާ ޓީމެވެ.

ބަޝުންދަރާއިން ވަނީ މިބުރުގައި ކުޅުނު ދެމެޗުން 4 ޕޮއިންޓު ހޯދާފައެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރާއްޖޭގެ މާޒިޔާގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. ބަޝުންދަރާ މިވަގުތު އޮތީ މިގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ދެވަނައިގައި އޮތީ އެއްމެޗުން 3 ޕޮއިންޓު ހޯދާފައިވާ މޯހަން ބަގާނެވެ. ތިންވަނައިގައި އެއް ޕޮއިންޓާއެކު ބެންގަލޫރު އެފްސީ އޮތްއިރު ފުލުގައި އޮތީ މާޒިޔާ އެވެ.

އެހެންނަމަވެސް ހޮނިހިރު ދުވަހުގެރޭ މޯހަން ބަގާން އަތުން މޮޅުވެގެން މާޒިޔާއަށް ދެވަނަ ބުރުގެ އުންމީދު އެބައޮތެވެ. މި މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.