އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ޑީގެ މެޗްޑޭ-2 ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އިންޑިއާގެ މޯހަން ބަގާން އިން މުބާރަތުގެ ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު މޯހަން ބަގާން އިން ކާމިޔާބުކުރީ ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުންނެވެ.

ދެވަނަ މެޗަށް މާޒިޔާއިން ނުކުތީ ފުރަތަމަ މެޗަށް އެޓީމުން ނެރުނު ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ފުރަތަމަ މެޗާއި ހިލާފަށް މިމެޗުގައި އެޓީމުން ވަނީ ނާއިޒް ހަސަން (ދާދު)ގެ ބަދަލުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ކުޅެން އަރުވާފައެވެ. އަދި ހަސަން ނިޔާޒްގެ ބަދަލުގައި މި މެޗަށް ކޯޗު ވިޑަކޮވިޗް ފުރުސަތު ދިނީ މޫސާ ޔާމިން އަށެވެ.

މެޗު ފަށައިގެން ދެޓީމުންވެސް އެޓޭކިންގް މޮޅު ކުޅުމެއް ދައްކާފައިވާއިރު ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއްވެސް ވަނީ އުފައްދާފައެވެ.

އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި އޭޓީކޭ މޯހަން ބަގާނުގެ ކުޅުންތެރިން ވަނީ ލަނޑެއްވެސް ޖަހާފައެވެ. އެހެންނަމަވެސް އެޓީމުން ބޯޅަ ގޯލަށް ފޮނުވާލި ކުޅުންތެރިޔާ ބޯޅަ ލިބުންއިރު އޮފްސައިޑުގައި ހުރުމުން މިލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއަށްފަހު މާޒިޔާ ޓީމުންވެސް ވަނީ ނުރައްކާތެރި ދެހަމަލާއެއްވަރު ފުރަތަމަ 15 މިނެޓުގެތެރޭގައި މޯހަން ބަގާނުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ހަމަލާއެއް ގޯލުގެ ތިން ދަނޑިން އެތެރެކޮށްލެވިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މާޒިޔާއިންނެވެ. ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން ބިދޭސީ ފޯވާޑް ކޯނެލިއަސް އެޒެކިއެލް ސްޓެޑާޓްގެ އެހީތެރިކަމާއެކު މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިސަމް އިބްރާހިމް އެވެ. މިލަނޑު މާޒިޔާ އަށް ކާމިޔާބުވުމުގައި ކޯނެލިއަސްގެ ދައުރު ބޮޑެވެ. އެގޮތުން އޭނާ ވަނީ މާޒިޔާގެ ފަހަތުން ސާފުކޮށްލި ބޯޅަ ހޯދާ، މޯހަން ބަގާންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް އައިސަމް އަށް ބޯޅަ ހުރަސްކޮށްދީފައެވެ.

މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

އޭގެ ތިން މިނެޓުފަހުންވެސް މާޒިޔާ އަށްވަނީ ލަނޑެއްޖަހާ ލީޑުނެގުމަށް ރަނގަޅު ފުރުސަތެއް ލިިބިފައެވެ. އެހެންނަމަވެސް ގޯލް ކުރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ އައިސަމް އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ވަނީ ބޭރަށް ގޮސްފައެވެ.

ފުރަތަމަ ހާފުގެ ބާކީ ބައިގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. މިހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ރަނގަޅު ދެހަމަލާއެއް އެޓީމުން ވަނީ އުފައްދާފައެވެ. އެގޮތުން މެޗު ފެށިގޮތަށް ރަނގަޅު ޓީމް ވޯކަކާއިއެކު މާޒިޔާއިން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުރެފައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ރަނގަޅު ހަމަލާއެއް މޯހަން ބަގާނުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެހެންނަމަވެސް މޯހަން ބަގާނުގެ ކުޅުންތެރިން ވަނީ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

އަދި އެ ކޯނަރުން ބިދޭސީ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ ބޮލުން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މޯހަން ބަގާން އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައެވެ. މިއީ ބަދަލު ކުޅުންތެރިޔާ އަޝުތޯޝް މެހެތާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ލިސްޓަން ކޮލާކޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ލަނޑަށްފަހުވެސް މޮޅަށް ކުޅުނީ މާޒިޔާ އިންނެވެ. އެޓީމުން ވަނީ މިހާފުގެވެސް ފުރަތަމަ 15 މިނެޓުގެ ތެރޭގައި މޮޅު އެޓޭކިންގ ގޭމެއް ކުޅެފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ހަމްޕު ވަނީ މޯހަން ބަގާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެހެންނަމަވެސް މޯހަން ބަގާނުގެ ދެ ކުޅުންތެރިން ކައިރިން ނަށްޓާލުމަށްފަހު ހަމްޕު ފޮނުވާލި ބޯޅަ ދިފާއުކުރި އެޓީމުގެ ކީޕަރު އަމްރިންދަރް ސިންގ އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް މޯހަން ބަގާނުން ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. މިއީ 61 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހޫގޯ ބޮއުމޯސް ފޮނުވާލި ބޯޅައެއް މާޒިޔާގެ ކީޕަރު، މިރްޒޯޚިދް ދިފާއުކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ ގޯލުގެ ތެރެއަށް އޮށްސާލައިގެން ރޯއި ކްރިޝްނާ ކާމިޔާބުކުރި ލަނޑެކެވެ.

އެހެންނަމަވެސް އުންމީދު ކަނޑާނުލާ މޮޅު ކުޅުމެއް ދައްކަމުންދިޔަ މާޒިޔާއިން ވަނީ 65 ވަނަ މިނެޓުގައި ވަރަށް ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ކޮނޭލިއަސް ފޮނުވާލި މިހަމަލާ އަމާޒުވީ ގޯޅުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގައި މޯހަން ބަގާނުން ލީޑުފުޅާކުރީ 77 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަންވީރު ސިންގ އެވެ.

މެޗުން ބަލިވެ މާޒިޔާ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުންއިރު މޯހަން ބަގާން އިންވަނީ ދެވަނަ ބުރުގެ ޔަގީންކަން ބޮޑުކޮށްފައެވެ. އެގޮތުން މިހާތަނަށް މި ގުރޫޕުގައި 4 ޓީމުންވެސް ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްގެން މޯހަން ބަގާން އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ދެމެޗުން 4 ޕޮއިންޓާއެކު ބަޝުންދަރާ ކިންގްސް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ބެންގަލޫރެވެ. ފުލުގައި މާޒިޔާ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ދެވަނަ ބުރަށް ދަތުރުކުރާއިރު މި ގުރޫޕުން އެޖާގަ ހޯދާނީ މިމަހުގެ 23 ވަނަ ދުވަހު މޯހަން ބަގާން އާއި ބަޝުންދަރާ ކިންގްސް ބައްދަލުކުރާ ޓީމެކެވެ. އެމެޗު އެއްވަރު ކޮށްލައިގެންވެސް މޯހަން ބަގާން އަށް ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ.