ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހަމައެކަނި އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފްރޭމްކޮށް ނުހައްގުން އަދަބު ދިނުން ކަމަށް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ޓެގް ކުރައްވާ ރޭ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގެން، ރައީސް ސޯލިހުގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން އަދަބުދިނުންކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ އާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ޔޫތު މިނިސްޓަރު މަޙްލޫފްގެ މައްސަލަ އަށް ރައީސް ސޯލިހްގެ ސީދާ ނުފޫޒް އެބައޮތް ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި ކޮރަޕްޝަން އާއި ގުޅުންހުރި މައްސަލަތައްވެސް މިސަރުކާރުން ބަލަމުންދޭތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ސޯލިހް ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަމީލް ގެންދަވަނީ 2019 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.