އަފްޣާނިސްތާނުގެ އަންހެން ފުޓުބޯޅަ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވާ ކަމަށާއި ކުޅުންތެރިން ސަލާމަތްކޮށްދީ އެގައުމުން ނެރެދިނުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާ ފީފާ އިން ކަމާ ގުޅުންހުރި އެކި ގައުމުތަކުގެ ކިބައިން އެދިއްޖެއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކޮންޓްރޯލް ހޯދާ ތާލިބާނުން އެގައުމުގެ ވެރިކަމަށް އަމިއްލަޔަށް އިސްވެގަނެފައިވާއިރު އަފްޣާނިސްތާނުގައި ކުޅިވަރު ކުޅޭ ގިނަ އަންހެނުންތަކެއް ގޭގޭގައި ފިލާ ނުވަތަ ގެއިން ބޭރަށް ނުކުންނަން ނުކެރި ތާށިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އެގައުމުގެ އަންހެން ކުޅުންތެރިންގެ ހާލަތާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ފީފާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ކުޅުންތެރިންގެ އޯގަނައިޒޭޝަން، ފިފްޕްރޯ އިން ވަނީ ސަރުކާރުތަކާއި ގުޅިގެން މިކުޅުންތެރިން އެގައުމުން ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އެގޮތުން މިކަމަށް ހާއްސަ ޕްލޭނެއް ހަދާ، އެ ޕްލޭނަށް މިހާރު އަމަލުކުރަމުންދާ ކަމަށާއި އުންމީދަކީ ވީހާވެސް ގިނަ ކުޅުންތެރިންނެއް ސަލާމަތުން އެގައުމުން ނެރެވުންކަމަށް ފިފްޕްރޯ އިން ބުނެފައިވެއެވެ.

ފީފާ އާއި ފިފްޕްރޯ އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މީގެކުރިން އެގައުމުގެ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ޚާލިދާ ޕޯޕާލް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ކުޅުންތެރިންނަށް އެހީތެރިވެދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިފައެވެ.

ޚާލިދާ ބުނީ ފުޓުބޯޅަ ކުޅުމުގެ ފުރުސަތު އަނެހްނުންނަށް ހޯދައިދިނުމަށް ދީނީގޮތުން ހަރުކަށި މީހުންގެ ކުރިމަތީގައި ވަކާލާތުކުރި އެތައް ބަޔަކަށް މިހާރު އިންޒާރުތައް ކުރިމަތިވެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހައްގުގެ ވަކާލާތުކުރި އެތައް ބަޔަކު އަދި މިހާރު ޓީމުގައި ހިމެނޭ އެތައް ކުޅުންތެރިންތަކެއް އޭނާއަށް ގުޅާފައި ރޯ ކަމަށާއި، އެމީހުން ބުނިގޮތުގައި ކުރިން އެކުޅުންތެރިން އެބައެއްގެ ކުރިމަތީގައި ދިފާއުވާން ވަކާލާތުކުރި އެތައް ބަޔަކު މިއަދު އެމީހުންގެ ގޭ ދޮރުމަތީގައި ތިބިކަމަށެވެ. އަދި މި ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެއްވެސް މީހެއްވެސް އަދި އެފަދަ ގޮތެއްވެސް ނެތްކަމަށް ޚާލިދާ ބުންޏެވެ.

ޚާލިދާ ބުނީ ތާލިބާނުން ވެރިކަމަށް އައުމުން އެގައުމުގައި އެތައް އަންގެން ކުދިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދިފައިވާ ކަމަށާއި ހާއްސަކޮށް ކުޅިވަރު ކުޅޭ އަންހެން ކުދިންނަށް މި ނުރައްކާ ބޮޑުކަމަށެވެ.

ޚާލިދާގެ އިތުރުން އެގައުމުގެ އަންހެން ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗް، ހޭލީ ކާޓާ ވެސް ވަނީ އޭނާއަށް ބައެއް ކުޅުންތެރިން ގުޅާކަމަށާއި ރޮއެފާ އެމީހުން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަމުންދާ ކަމަށެވެ.

20 އަހަރުފަހުން ތާލިބާނުން އަފްޣާނިސްތާނުގެ ވެެރިކަމަށް އަލުން އައުމާ ގުޅިގެން އަންހެނުންނަށް ގިނަ ކަންތައްތަކެއް ކުރުމަށް ހުރަސް އެޅެމުންދާކަމަށް މީޑިއާތަކުގައި ރިޕޯޓުކުރަމުންދާ މިދަނޑިވަޅުގައި ފިފްޕްރޯގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ ފުޓުބޯޅަ ފެޑަރޭޝަނާއި މިހާރު މަޝްވަރާކުރަމުންދާ ކަމަށާއި، އެގައުމުގައި ތިބި ކުޅުންތެރިންގެ ހާލު ވީވަރަކުން ބަލަމުންދާ ކަމަށެވެ.

އަދި އުންމީދަކީ ހުރިހާ ކުޅުންތެރިންވެސް ސަލާމަތްތެރިކަމާއެކު އެގައުމުން ނެރެވުންކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.