ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު، އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސައިފިއެވެ.

ގައުމީ ޓީމަށް އައު ކޯޗެއް ހަމަޖެއްސީ އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ މެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ޓީމުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ ހަމަޖެއްސިއިރު، ކޯޗެއްގެ ގޮތުގައި އޭނާ ވިދާލީ ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުންނެވެ. ބާސްކެޓުގެ އިތުރުން ފުޓްބޯޅައިގައިވެސް ވިދާލި އިއްލެ އަކީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅުނު ކުޅުންތެރިއެކެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ޓީމުން 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި އެއްވަރުކުރި މެޗުގައި އިއްލެ އަކީ ޓީމުގެ އެއް ނަމްބަރު ފޯވާޑެވެ. އަދި ޖެހިގެން އައި އަހަރު ރާއްޖޭގެ ކުލަބު ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބު ކަމުގައިވާ، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ދަތުރުކުރިއިރު އެ ޓީމުގައިވެސް އިއްލެ ހިއްސާވިއެވެ.

މުޅިން ބާސްކެޓްބޯޅައަށް އިއްލެ ހުސްވީ 2007 ވަނަ އަހަރުއެވެ. އެއަށްފަހު ކޯޗެއްގެ ގޮތުގައި އިއްލެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ ހަމަޖެއްސިއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރީ އެމެރިކާގެ ކޯޗު ކޯރޭ އެލެކްސެންޑާއެވެ.