އޭއެފްސީގެ ގްރޫޕް ސްޓޭޖުން މުބާރާތާއި ވަކިވާންޖެހިފައިވީ ނަމަވެސް ގުރޫޕުގެ ޕޮއިންޓު ތާވަލުގެ ފުލުގައި އޮވެ މުބާރާތް ނިމެން ބޭނުންނުވާކަމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެފައި އޮތުމުން ކުޅުންތެރިންގެ މޯޓިވޭޝަން ދަށްވެފައިވާކަން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް މެޗުގައި ބެންގަލޫރު އަތުން މޮޅުވެ ތިން ޕޮއިންޓު ހޯދަން ބޭނުންވާ ކަމަށާއި ގުރޫޕުގެ ފުލުގައި އޮވެ މުބާރާތް ނިމެން ބޭނުން ނުވާކަމަށް ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް ވަނީ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށް ވާދަވެރި މެޗުތަކެއް ނުލިބޭކަމަށާއި އެކަމުގެ އަސަރު ކުރިކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން މާޒިޔާ އަށް ވާދަވެރި މެޗުތަކެއް ނުލިބޭތާ ވަނީ 3 ވަރަކަށް މަސް ވެފައެވެ. އެއީ މިހާލަތުގެ ސަބަބުން ރާއްޖޭގެ ލީގުވެސް ފުރިހަމަ ނުކޮށް ނިންމާލަން އެފްއޭއެމް އިން ނިންމުމާއި ގުޅިގެންނެވެ.

އެންމެފަހުން މާޒިޔާއަށް ކިރިޔާވެސް ރަނގަޅު ފުރުސަތެއް ލިބިފައިވަނީ އެފްއޭއެމްގެ އެހީތެރިކަމާއެކު ސައުދީގައި ކޭމްޕެއް ކުރަން ލިބުމެވެ. މި ކޭމްޕުގެ ތެރެއިން މާޒިޔާ ވަނީ އެގައުމުގެ 3 ކުލަބަކާއެކު މެޗުތަކެއް ކުޅެފައެވެ. މި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް މާޒިޔާ އިން ނެރުނު ނަމަވެސް އެޓީމުތަކަށްވެސް މިއީ ޕްރީ ސީޒަން ކަމުގައިވުމުން މި މެޗުތަކަކީވެސް އޭއެފްސީ ފަދަ މުބާރާތަކަށް ތައްޔާރުވުމަށް މާޒިޔާ އަށް ލިބުނު ވާދަވެރި މެޗުތަކެއް ކަމުގައި ނުބެލެވޭނެކަން ވިޑަކޮވިޗް ފާހަގަކުރިއެވެ.

މިފަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއިން މިހާތަނަށް ދެމެޗު ކުޅެފައިވާއިރު މި ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 0-2 އިން ބަލިވެފައެވެ. ބަޝުންދަރާ އަކީ މި މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވުމުގެ ފުރުސަތު ލިބުނު ޓީމުގެ ގޮތުގައި މި ގުރޫޕުގައި ހިމެނޭ ހުރިހާ ޓީމެއްގެ ކޯޗުންވެސް އިއްތިފާގުވެއެވެ.

ދެވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހު މާޒިޔާ ބަލިވީ އިންޑިއާގެ ގަދަބާރު މޯހަން ބަގާން އަތުން 1-3 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި މާޒިޔާގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ކުޅުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ މޯހަން ބަގާނުން ވަނީ މާޒިޔާގެ މައްޗަށް ކުރިހޯދާފައެވެ. އެމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ ތެރޭގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިސަމް އިބްރާހިމް އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާއިން ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ނުކުންނައިރު މިދިޔަ އަހަރު މުބާރާތުގެ ކޮލިފައިންގ ޕްލޭ އޮފްގައި މާޒިޔާ ވަނީ ދެ ލެގުންވެސް ބެންގަލޫރު ޓީމުގެ މައްޗަށް ކުރިހޯދާފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.