ތާލިބާން ޖަމާއަތުގެ އަތްދަށަށް އަފްޣާނިސްތާން ދިޔަ ނަމަވެސް، އެ ޖަމާއަތުގެ ހަރުކަށި ވިސްނުންތައް އަފްޣާނިސްތާނުން ބޭރުވެ ސަރަހައްދަށް ފެތުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ، ކޮލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޮގަނައިޒޭޝަންގައި ހިމެނޭ، މެދުތެރޭ އޭޝިޔާ ސަރަހައްދުގެ ގައުމުގެ ވެރިންނާއެކު ބޭއްވި އޮންލައިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕޫޓިން ވިދާޅުވީ، އަފްޣާނިސްތާނުން "އިސްލާމީ ހަރުކަށި ފިކުރު" ބޭރުވާން ފުރުސަތު ދެވިގެން ނުވާނެ ކަމަށް،، ތާލިބާނުން ގެންގުޅޭ ހަރުކަށި ފިކުރު އަފްޣާނިސްތާނުން ބޭރުވިޔަ ނުދީ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކޮލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޮގަނައިޒޭޝަންގެ ކުއްލި ބައްދަލުވުމަކީވެސް އަފްޣާނިސްތާނުގެ މައްސަލާގައި ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ތަޖިކިސްތާނުގެ ރައީސް އިމާމަލީ ރަހްމާންއެވެ.

މި ބައްދަލުވުމުގައި ރަޝިޔާ، ތަޖިކިސްތާނުގެ އިތުރުން، އަރްމީނިއާ، ބެލާރޫސް، ކަޒަކްސްތާން އަދި ކިރްގިސްތާނުގެ ވެރިން ބައިވެރިވެވަޑައި ގެންނެވިއެވެ.

މި ގައުމުތަކުގެ ލީޑަރުންވަނީ، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހަރަކާތްތައް އަދިވެސް އަފްޣާނިސްތާނުގައި އެބައޮތް ކަމަށާއި އަދި އެމީހުންގެ ނުރައްކާ ދުނިޔެއަށް ކުޑަވެގެން ގޮސްފައިނުވާކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހަމަ އެއާއެކު، އަފްޣާނިސްތާނުގައި ހިނގަމުންދާ ކަންތައްތަކާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށާއި، ނުރައްކަލަކާ ކުރިމަތިވެއްޖެނަމަ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ކޮލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޮގަނައިޒޭޝަންގައި ހިމެނޭ ގައުމުތަކުގެ ވެރިން އެއްބަސްވެވަޑައި ގެންފައިވެއެވެ.

ހަމައެއާއެކު، އަފްޣާނިސްތާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ކުލަވަރު ފެންނާތީ އެކަމުގެ މަޝްވަރާތައްވެސް ބައްދަލުވުމުގައި ލީޑަރުން ކުރެއްވި ކަމަށް ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ.