މިސްރާއި، ޣައްޒާއާ ގުޅޭ އިމުގައި ހުންނަ ރަފަހް ދޮރާށި މިސްރުން މިއަދު ބަންދުކޮށްފިއެވެ.
މިސްރުން މި ދޮރާށި ބަންދުކުރީ، ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި، މިސްރު ސަރުކާރާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިސްރު ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ރަފަހް ދޮރާށި މިސްރުން ބަންދުކުރީ، އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ދާއިމީ އެއްބަސްވުމަކަށް ދިއުމަށް މިސްރުން ކުރަމުންދާ މަސައްކަތާ ގުޅުންހުރި މައްސަލައެއްގައި ކަމަށެވެ.
ނަމަވެސް، އެއީ، ސީދާ ކޮން މައްސަލައެއް ކަމެއް އޮފިޝަލުން ވިދާޅެއް ނުވެއެވެ.
މިސްރު-ޣައްޒާ ވަކިކުރާ އިމުގައި ހުންނަ ރަފަހް ދޮރާށްޓަކީ ޣައްޒާގެ ރައްޔިތުން ބޭސްފަރުވާ ކުރުމާއި، ޟަރޫރީ ތަކެތި ހޯދުމަށް އޮތް ހަމައެކަނި މަގެވެ.
މިއީ، މިއަހަރުގެ ތެރޭގައި މިސްރުން ރަފަހް ދޮރާށި ބަންދުކުރި ފުރަތަމަ ފަހަރެވެ. މިފހަރު މިދޮރާށި ބަންދުކުރީ ކިތައް ދުވަހަށްކަމެއް ސާފެއް ނުވެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަހަރުގެ މެއިމަހުގެ ތެރޭގައި 11 ދުވަސް ވަންދެން ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި، އެތައްބަޔަކު ޝަހީދުކުރަމުން ދިޔައިރު، ޒަޚަމްވި މީހުންނަށް އެހީވުމަށް މިސްރުން އަމުރުކޮށްގެން ރަފަހް ދޮރާށި ހުރީ ހުޅުވާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މި ދޮރާށި މިސްރުން ބަންދު މިކުރީ، ހަމާސްއަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުންނެވެ.
އިސްރާއީލާއެކު ދާއިމީ ސުލްހައަކަށް ދިއުމަށް މިސްރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، އަދި ފަލަސްތީނުގެ ޖަމާއަތްތައް ސުލްހަކޮށް އެއް ގަލަކަށް އެރުވުމަށް މިސްރުން ކުރަމުންދާ މަސައްކަތްތަކުން އެއްވެސް ކުރިއެރުމެއް ނުލިބޭތީ މިސްރު އޮތީ ހިތްހަމަ ނުޖެހިފައި ކަމަށް ވެއެވެ.
ހަމާސްގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނެއް ވިދާޅުވީ، ރަފަހް ދޮރާށި ބަންދުކުރިކަން މިސްރުން އަންގާފައިވާ ކަމަށާއި، ދޮރާށި އަލުން ހުޅުވަން މިސްރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ރަފަހް ދޮރާށި ބަންދުކުރުމަކީ ޣައްޒާގެ އެތެރޭގައި އިންސާނީ އެހީ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް ދެމިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާ، އިސްރާއީލުން އޮންނަނީ 2007 ވަނަ އަހަރުން ފެށިގެން އެއްގަމާއި، ކަނޑާއި އަދި ވައިގެމަގުން ބަންދުކޮށްފައެވެ.
އެއީ، 2007 ވަނަ އަހަރު ހަމާސްއިން ޣައްޒާގެ މައްޗަށް އަތްގަދަކޮށް ވެރިކަންކުރާން ފެށުމުން ހަމާސްއަށް އަދަބު ދިނުމުގެގޮތުން ކަމަށް ބުނެއެވެ.
ނަމަވެސް، އިސްރާއީލުން ޣައްޒާ ބަންދުކޮށް ހިސާރުކޮށްފައި ބޭއްވުމުގެ ސަބަބުން ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ނިކަމެތިވެގެން ގޮސްފައި ވެއެވެ. ގިނަ ރައްޔިތުން ދިރިއުޅެމުން ގެންދަނީ ރެފިއުޖީންގެ ގޮތުގައެވެ.
ޣައްޒާއާ ގުޅިފައިވާ، އިސްރާއީލުގެ ކޮންޓްރޯލް ނޯންނަ ހަމައެކަނި މަގަކީ ރަފަހް ދޮރާށްޓެވެ.