މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމްގައި ހުންނަ ކަޢުބަތުﷲ ގެފުޅު މިއަދު ދޮވެފިއެވެ.
ގެފުޅު ދޮވުމުގެ ރަސްމިއްޔާތުގެ ކަންކަން ފެށުނީ މިއަދުގެ ފަތިސްނާދަށް ފަހުގައެވެ.
ދެހަރަމްގެ ޚާދިމް ސައުދީ ރަސްގެފާނު ސަލްމަންގެ ފަރާތްޕުޅުން ކަޢުބާ ދޮވުމުގައި އިސްވެ ހަރަކާތްތެރިވެވަޑައި ގެންނެވީ ރަސްގެފާނުގެ މުޝީރު އަދި މައްކާ ސަރަހައްދުގެ ގަވަރްނަރު އަމީރު ޚާލިދު އަލް-ފައިސަލްއާއި، ދެހަރަމްގެ އޮފީހުގެ ވެރިޔާ ޝައިޚް ޑރ. އަބްދުއްރަހްމާން ބިން އަބްދުލްއަޒީޒް އަލް ސުދައިސްއެވެ.
ކަޢުބާ ދޮވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ކަޢުބާގެ ޚާދިމް ޝައިޚް ސާލިހް އައްޝައިބާގެ ހާޟިރުގައެވެ.
ކަޢުބާ ދޮވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު، އާދަކާދައިގެމަތިން ޚާއްސަ ގާޑުންތިބީ ކަޢުބާ ވަށައިގެން ވަށްބުރެއް ގޮތަށް ސަފު ހަދައިގެންނެވެ.
ކަޢުބާ ދޮންނަ ދުވަސް ފެށުމާއެކު ދޮންނަން ފެށުމުގެކުރިން، އިމާމުންނާއި، މަސްޖިދުލް ޙަރަމްގެ މުއާދިނުންނައި، އުމުރުން ދުވަސްވީ މީހުންނާއި، ބޭރު މީހުންގެ އިތުރުން، ސައުދީ ސަރުކާރުން ޚާއްސަ ދައުވަތު ދީގެން ވަޑައިގަންނަވާ މެހްމާނުންނަށް ކަޢުބާ ބަލާލުމުގެ ފުރުސަތު ދެއެވެ.
ކަޢުބާ ދޮވުމަކީ ކީރިތި ރަސޫލާގެ ޒަމާނުންފެށިގެން މެދުނުކެނޑި ކުރަމުން އަންނަ ކަމެކެވެ.
ކީރިތި ރަސޫލާގެ ޒަމާނުގައި އަހަރަކު ދެފަހަރު ކަޢުބާ ދޮންނަވާ ކަމަށް ވެއެވެ. އެގޮތުން، ފުރަތަމަ މުޙައްރަމް މަހު އަދި އޭގެފަހުން ރަމަޟާންމަސް ފެށުމުގެ ކުރިންވެސް ކަޢުބާ ދޮންނަވާ ކަމަށް ވެއެވެ.
ކީރިތި ރަސޫލާގެ ސުންނަތް ދެމެހެއްޓުމުގެ ގޮތުން ދެހަރަމައިންގެ އޮފީހުން ކޮންމެ އަހަރަކުވެސް ކަޢުބާ ދޮވެއެވެ. އެކަންކުރަނީ ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިފަހުން ސައުދީ އަރަބިއްޔާއިން ކަޢުބާ ދޮންނަނީ މުޙައްރަމްމަހުގައެވެ. ކުރިން ޝައުބާންމަހު ދެވަނަ ދޮވުން އޮވެއެވެ.
ކަޢުބާގެ އެތެރެ ދޮވެ ސާފުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރާ ކަމަކީ އެކަމަށް ބޭނުންވާ ޚާއްސަ ފެން ތައްޔާރު ކުރުމެވެ.
ކަޢުބާ ދޮވުމަށް ބޭނުންކުރާ އަގުބޮޑު ފެން ތައްޔާރުކުރަނީ، އެންމެ މީރުވަސްދުވާ ފެނިފެންމަލުގެ ފެނާއި، ޤުދާއި، އަތަރާއި ޒަމްޒަމް ފެން ބޭނުންކޮށްގެންނެވެ.