އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ޑީގައި މިހާތަނަށް 4 މެޗު ކުޅެފައިވާއިރު މިރޭ ބައްދަލުކުރާ ދެޓީމު ކަމަށްވާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބެންގަލޫރު އެފްސީ ވަނީ މުބާރާތުގައި ކުރިއަށް ނުދެވޭނެކަން ކަށަވަރުވެފައެވެ.

އެހެންކަމުން މިރޭގެ މެޗަކީ އެއް ގޮތަކުން ބަލާއިރު ފޯރިގަދަވާނެ އަދި ވަރަށް ވާދަވެރިވާނެ މެޗަކަށް ވެގެންދާނެއެވެ. ސަބަބަކީ މިރޭގެ މެޗަކީ ގްރޫޕްގެ ފުލުގައި އޮންނާނީ ކޮން ޓީމެއްކަން ކަނޑައެޅިގެންދާނެ މެޗަކަށް ވުމެވެ.

މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ތާވަލުގެ ތިންވަނަ ލިބޭއިރު މިވަގުތު ޕޮއިންޓު ތާވަލު އޮތްގޮތަށް ބަލާލާއިރު ތިންވަނައިގައި 2 މެޗުން 1 ޕޮއިންޓާއެކު އޮތީ ބެންގަލޫރު އެފްސީ އެވެ. ފުލުގައި މާޒިޔާ އަދި އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބިއެވެ.

މިހާތަނަށް މާޒިޔާ ކުޅުނު މެޗުތަކަށް ބަލާލާއިރު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި އިންޑިއާގެ މޯހަން ބަގާން މާޒިޔާ ބަލިކުރީ ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުންނެވެ.

ބެންގަލޫރަށް ބަލާލާއިރު އެޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަހޯދީ ޕްލޭއޮފް މެޗުގައި ރާއްޖޭގެ އީގަލްސްގެ މައްޗަށް ގަލޮޅު ދަނޑުގައި 0-1 އިން ކުރިހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގައި ބެންގަލޫރު އެފްސީ ކުޅުނު ފުރަތަމަ މެޗުން ބަލިވީ އޭޓީކޭ މޯހަން ބަގާން އަތުން 0-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އެޓީމުން ވަނީ ބަޝުންދަރާ އާއި އެއްވަރުކޮށް ޕޮއިންޓެއް ހޯދާފައެވެ.

ހެޑް-ޓު-ހެޑް

މާޒިޔާއިން ވަނީ އޭއެފްސީ ކަޕުގައި ޖުމްލަ 5 ފަހަރެއްގެ މަތިން ބެންގަލޫރު އެފްސީ އާއި ކުރިމަތިލާފައެވެ. މީގެތެރެއިން 3 މެޗުން މޮޅުވީ ބެންގަލޫރު އެފްސީ އެވެ.

އެގޮތުން އެންމެފުރަތަމަ މި ދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު އޭޕްރިލް މަހުގައެވެ. މިމެޗު ކާމިޔާބުކުރީ ބެންގަލޫރުންނެވެ. އަދި އޭގެފަހުން 2017 ވަނަ އަހަރު ދެފަހަރެއްގެ މަތިން މި ދެޓީމު ބައްދަލުކޮށްފައިވާއިރު މި ދެމެޗުވެސް ކާމިޔާބުކުރީ ބެންގަލޫރު އެފްސީންނެވެ. މާޒިޔާއިން މޮޅުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކުޅުނު ޕްލޭއޮފް ދެމެޗުންވެސް ބެންގަލޫރު އެފްސީގެ މައްޗަށް ކުރިހޯދާފައެވެ.

އޭއެފްސީގައި އެންމެ ފަހުން ކުޅެފައިވާ 5 މެޗު:

މާޒިޔާ:

  • 21 އޮގަސްޓު 2021 - މާޒިޔާ 1-3 އޭޓީކޭ މޯހަން ބަގާން
  • 18 އޮގަސްޓު 2021 - މާޒިޔާ 0-2 ބަޝުންދަރާ ކިންގްސް
  • 11 މާޗް 2020- މާޒިޔާ 2-2 ޗެންނާއި ސިޓީ އެފްސީ
  • 26 ފެބްރުއަރީ 2020- މާޒިޔާ 4-3 ބެންގަލޫރު އެފްސީ (ޕީއެސްއޯ)
  • 19 ފެބްރުއަރީ 2020- މާޒިޔާ 2-1 ބެންގަލޫރު އެފްސީ

ބެންގަލޫރު އެފްސީ:

  • 21 އޮގަސްޓު 2021- ބެންގަލޫރު އެފްސީ 1-1 ބަޝުންދަރާ ކިންގްސް
  • 18 އޮގަސްޓު 2021- ބެންގަލޫރު އެފްސީ 0-2 އޭޓީކޭ މޯހަން ބަގާން
  • 15 އޮގަސްޓު 2021- ބެންގަލޫރު އެފްސީ 1-0 ކްލަބް އީގަލްސް
  • 14 އޭޕްރިލް 2021- ބެންގަލޫރު އެފްސީ 5-0 ޓްރިބުވާން އާމީ އެފްސީ
  • 26 ފެބްރުއަރީ 2020- ބެންގަލޫރު އެފްސީ 3-4 މާޒިޔާ (ޕީއެސްއޯ)

ދެ ކޯޗުންގެ ބަސް:

މާޒިޔާ: ރިސްޓޯ ވިޑަކޮވިޗް

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެފައި އޮތުމުން ކުޅުންތެރިންގެ މޯޓިވޭޝަން ދަށްވެފައިވާކަން ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް މެޗުގައި ބެންގަލޫރު އަތުން މޮޅުވެ ތިން ޕޮއިންޓު ހޯދަން ބޭނުންވާ ކަމަށާއި ގުރޫޕުގެ ފުލުގައި އޮވެ މުބާރާތް ނިމެން ބޭނުން ނުވާކަމަށް ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް ވަނީ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށް ވާދަވެރި މެޗުތަކެއް ނުލިބޭކަމަށާއި އެކަމުގެ އަސަރު ކުރިކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ.

ބެންގަލޫރު އެފްސީ: މާކޯ ޕެއްޒައިއޯލީ

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރުގެ ކޯޗު މާކޯ ޕެއްޒައިއޯލީ ބުނީ މި މެޗަށް ނުކުންނައިރު އެންމެ ފަހުން މާޒިޔާއާ ބެންގަލޫރު ބައްދަލުކުރި މެޗުތަކުގެ ނަތީޖާއަށް ނުވިސްނާ ކަމަށެވެ. އަދި މިއީ ޕްރެޝަރެއް ނެތި ކުޅެލަން ލިބޭނެ މެޗެއް ކަމަށާއި، ބޭނުންވަނީ ތިން ޕޮއިންޓާއެކު މުބާރާތް ނިންމާލަން ކަމަށްވެސް ބުންޏެވެ.

ޕެއްޒައިއޯލީ ބުނީ ޕްލޭއޮފް މެޗާއެކު ނުވަ ދުވަސްގެ ތެރޭގައި ހަތަރު މެޗު ކުޅެން ޖެހުމުން ޓީމު އެއްކޮށް ބަދަލުކުރަން ޖެހުނު ކަމަށާއި، އަދި މި މުބާރާތަށް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް އަނިޔާވުމުން އެކަމުގައި އުނދަގޫތަކެއްވި ކަމަށެވެ. އަދި އޭނާ ބެންގަލޫރުގެ ކޯޗުގެ މަގާމާ ހަވާލުވިފަހުން ޓީމު ނެރެމުން އަންނަ ނަތީޖާތަކާ މެދު އެހާ ހިތްހަމަނުޖެހުނު ނަމަވެސް، ކުރިއާ އަޅާބަލާއިރު އެ ޓީމުގެ ކުޅުން ރަނގަޅުވަމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.